ޖަލުތަކުގެ ހާލަތު މިވަނީ އީވާން ނަސީމް މަރާލިއިރު އޮތް ހާލަތަށް ބަދަލުވާން ފަށާފައި: ޕީޕީއެމް

ޕީޕީއެމް އޮފީސް، ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މިހާރުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަނީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމް މަރާލިއިރު ރާއްޖޭގެ ޖަލުތައް އޮތް ހާލަތަށް ބަދަލުވާން ފަށާފައި ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގެ ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ހިނގި ހަމަނުޖެހުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޒަމާނުއްސުރެން ރާއްޖޭގެ ޖަލުތަކުގައި އޮތް އަނިޔާކުރުމުގެ ސަގާފަތް ނައްތާލާފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެކަން އިޔާދަ ކޮށްފައި ކަމަށެވެ.

ޖަލުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރުދަނާ ނިޒާމްތަކެއް ގާއިމްކޮށް މުވައްޒަފުންނަށް ޕްރޮފެޝަނަލް ތައުލީމާއި ތަމްރީނުތައްދީ ވޭތުވެދިޔަ އަހަރުތަކުގައި، ޖަލުތައް ބެލެހެއްޓުމަށް ވަނީ އެދެވޭ ރަނގަޅު ބަދަލުތަކެއް އައިސްފައި ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން ޖަލުތަކުގައި ކުރިން އޮތް އަނިޔާކުރުމުގެ ސަޤާފަތް ނައްތާލެވިފައިވާ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

"ނަމަވެސް މިހާރު ރާއްޖޭގައި މި އޮތް ސަރުކާރު އައިފަހުން މިވީ 7 މަސް ދުވަސްތެރޭ ޖަލުތައް ބެލެހެއްޓުމުގެ ޕްރޮފެޝަނަލް ތަމްރީނުތައް ލިބިފައިވާ އެތައް ބަޔަކު ވަޒީފާތަކުން ވަކިކޮށް އެ މަޤާމްތަކަށް ސިޔާސީ އެކްޓިވިސްޓުން ލައިގެން ޖަލުތަކުގެ ހާލަތު މިހާރު މިވަނީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި އަނިޔާކޮށް މަރުހޫމް އީވާން ނަސީމް މަރާލިއިރު ރާއްޖޭގެ ޖަލުތައް އޮތް ހާލަތަށް ބަދަލުވާން ފަށާފައެވެ،" އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމުގެ ކުރިން، ޤާނޫނުން ބޭރުން މަޢާފް ނުލިބި އެތައް ކުއްވެރިންތަކެއް މުޖުތަމައުގެ ތެރެއަށް ދޫވެގެންގޮސްފައި ވުމަކީ މި ސަރުކާރުން ޖަލުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަން ޕީޕީއެމުން ވަނީ ފާހަގަކޮށްފަ އެވެ.

"...މާފުށީ ޖަލުގެ ޤައިދީންނަށް ކޮށްފައިވާ އަނިޔާތަކަކީ އިންސާނީ ކަރާމަތަށްވެސް ބެލުމެއްނެތި ކޮށްފައިވާ ލާއިންސާނީ އަނިޔާ ތަކެކެވެ. މި ގޮތުން ޖަލުގެ ޤައިދީން ކޮންޓްރޯލް ކުރުމުގެ ނަމުގައި، ކަމަށް އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް ޤައިދީންގެ ޖިންސީ ގުނަވަންތަކަށް އަސޭމިރުސް ސްޕްރޭ ޖެހުމާއި ޤައިދީންގެ ބޯބޭލުން ފަދަ ހިއުމިލިއޭޝަން އާއި އަނިޔާގެ އަދަބު އެކުލެވޭ ފަދަ ކަންކަން ހިނގާފައި ވުމަކީ އަނިޔާގެ ސަޤާފަތަކަށް އަދި ސިސްޓަމަކަށް ޖަލުގެ ހިންގުން ބަދަލުވާން ފަށާފައިވާ ކަމުގެ ހެއްކެކެވެ،" ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ޕީޕީއެމުން ސިފަކޮށްފައިވަނީ. މި ސަރުކާރުން އިންސާނީ ކަރާމާތަށް އަރައިގަނެފައިވާ ކަމުގެ ހެއްކެއްގެ ގޮތުގަ އެވެ. އަދި އެކަމަކީ ސަރުކާރުން ޒިންމާވާންޖެހޭ ލަދުވެތި އަދި ހުތުރު އަމަލުތަކެއް ކަމަށް ވެސް ޕީޕީއެމުން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އެ ހަމަނުޖެހުމާއި ގުޅިގެން ހަމައެކަނި ޖަލު ބަލަހައްޓަން ތިބި އޮފިސަރުންގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވައި އެޅުވުމަށްވުރެން ސީރިއަސް ކަންތައްތަކެއް ކަމަށް ޕީޕީއެމުން ބުންޏެވެ. އަދި އެފަދަ ކަންތައްތަކަކީ އެކަމާ ހަވާލުވެ ތިބި ވަޒީރުންނާއި އިސްވެރިން އެ ކަންކަމާ ޒިންމާވެ ޖަވާބުދާރީވާން ޖެހޭ ކަންކަން ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް