"ގޮށްރާޅު" މި ފަހަރު ވާދަކުރަނީ "ޕަދްމާވަތް"އާ

ގޮށްރާޅުގެ ޕޯސްޓަރެއް--- ފޮޓޯ/ޑާކްރެއިން

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކްރައިމް ތްރިލާ "ގޮށްރާޅު" މި ފަހަރު ނުވަ ވަނަ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކުރަން ނިންމައިފި އެވެ.

މިއަހަރު ސިނަމާއަށް ނުކުތް އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ބަލާ "ގޮށްރާޅު" ސާކް ފިލްމު ފެސްޓިވަލްގައި ވާދަކުރާއިރު އެ ފިލްމު ވާދަކުރަންޖެހޭ ވަރުގަދަ އެއް ފިލްމަކީ ބޮލީވުޑްގެ ފިލްމު "ޕަދްމާވަތް"އެވެ.

މި ފަހަރު ސާކް ފިލްމު ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހާ ހަތް ވަނަ ދުވަހާ ދެމެދުގެ ތާރީހެއްގަ އެވެ. ސާކް ފިލްމު ފެސްޓިވަލް ބާއްވަނީ ލަންކާގަ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓް އިން ބުނީ "ޕަދްމާވަތް" ކަހަލަ މޮޅު ފިލްމަކާ "ގޮށްރާޅު" ވާދަކޮށްލުމީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ފިލްމު ހިފައިގެން ލަންކާ އަށް ދާނީ "ގޮށްރާޅު"ގެ ޑައިރެކްޓަރު އަހްމަދު ޝިނާނު އެވެ.

ގިނަ މީހުން "ގޮށްރާޅު" ސިފަކުރަނީ މާސްޓާޕީސްއެއްގެ ގޮތުގަ އެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ތަރިން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ.

މިއީ މެދު ނުކެނޑި ސާކް ފިލްމު ފެސްޓިވަލް ބާއްވަމުން އަންނަތާ ނުވަ ވަނަ ފަހަރެވެ. މީގެ ކުރިންވެސް އެ ފިލްމު ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވެފައިވާއިރު، ރާއްޖޭގެ ފިލްމުތަކަށް އެވޯޑް ލިބިފައިވެ އެވެ.

comment ކޮމެންޓް