ހިޔާލު ތަފާތުވުންތަކާ އެކު ވެސް ޔޯގާ ދުވަސް ފާހަގަ ކޮށްފި

ބައިނަލް އަގްވާމީ ޔޯގާގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ހަރަކާތުގެ ތެރެއިން ---

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާއި އިންޑިއަން އެމްބަސީއާއި ގުޅިގެން ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހާއްސަ ހަރަކާތްތަކެއް ބާއްވައިފި އެވެ.

މިއަދު ހެނދުނު ހެންްވޭރު ދަނޑުގައި ބޭއްވި މި ހަރަކާތްތަކަކީ ބައިނަލް އަގްވާމީ ޔޯގާގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. އެގޮތުން މިއަދުގެ މި ހަރަކާތުގައި ޔޫތް މިނިސްޓަރީއާއި އިންޑިއަން އެންބަސީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ބައިނަލް އަގްވާމީ ޔޯގާގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ހަރަކާތުގެ ތެރެއިން ---

މިއަދުގެ އެ ހަރަކާތުގައި ޔޯގާއަށް ކަސްރަތު ކުރާނެ ގޮތުގެ ތަމްރީންތަކެއް ދީފައިވާ އިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ހަރަކާތުގައި ބައިވެރި ވެފަ އެވެ.

ޔޯގާގެ ސަބަބުން ސިކުނޑިއާއި ހަށިގަނޑާ ދެމެދު އަމާންކަމެއް އުފެދި ދިރިއުޅުމުގައި ދިމާވާ ގިނަ މައްސަލަތަކާއި ޑިޕްރެޝަން ފަދަ ކަންކަމުން އަރައިގަތުމަށް އެހީވެދޭ ކަމަށް ދިރާސާތަކުން ދައްކާކަމަށް ބުނެވެ އެވެ. އަދި ޔޯގާގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގެ މަސްގަނޑަށް ބާރު ލިބި ގައިގެ ކަށިތަކުގެ ވަރު ޖެހޭ ކަމަށް ވެސް އެ ދިރާސާތަކުން ދައްކަ އެވެ.

ޔޯގާ އަކީ މިފަދަ ފައިދާ ހުރި ގިނަ ކަންތައްތަކެއް ލިއްބައިދޭ ކަމެއް ކަމަށް ބުނެވުނު ނަމަވެސް ރާއްޖޭގައި ތިބި ބައެއް ދީނީ އިލްމްވެރިން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވަނީ ޔޯގާގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމާ ދެކޮޅަށް ވަރުގަދަ ބަސްތަކެއް ވިދާޅުވެފަ އެވެ.

"ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރެއިން އިރުކަލާނގެއާ ގުޅޭ އަޅުކަމެއް. ގައިރު ދީންތަކުގެ އަޅުކަމުގެ ވައްޓަފާޅިއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުމަކީ ﷲ އަށް ޝަރީކު ކުރުން. ހިންދޫ ދީނުގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ހަރާމް ކަމެއް." ޝެއިހް ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސްލިމުންގެ ތެރެއަށް މިކަން ފާޅުވީ ހިސާބުން ފެށިގެން އެކި ގައުމުތަކުގެ އިލްމްވެރިން ވަނީ މިކަމުގައި ބައިވެރިވުން ހުއްދަ ނޫން ކަމަށް ނިންމާފައި ކަމަށެވެ.

މީގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް މުސްލިމަކު ޔޯގާގައި ބައިވެރި ވުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ ދީނީ ކަމެއްގެ ގޮތުގައި ބައިވެރިވިޔަސް، ނުވަތަ ބަޔަކު ކުރާތީ ކުރާ ކަމެއް ކަމުގައި ވިޔަސް، ނުވަތަ ކަސްރަތު ކުރުމުގެ ނިޔަތުގައި ކަމަށް ވިޔަސް ވެސް އެއީ ޙަރާމް ކަމެއް ކަމަށް އިޔާޒް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ޔޯގާ އަކީ އަޅުކަމެއް ކުރުމުގެ ނިޔަތުގައި ނުވަތަ ހިންދޫއިން ކުރާތީ ކުރާ ކަމެއްގެ ގޮތުގައި ނުދެކި ކަސްރަތު ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނަމަ ހުއްދަ ކަމެއް ކަމަށް ބައެއް އިލްމްވެރިން ވަނީ ވިދާޅުވެފަ އެވެ.

އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާ މިކަމާ ބެހޭ ގޮތުން ލިޔުއްވާފައި ވެއެވެ.

"‏ޔޯގާ އަކީ ތިޔަ ހީފުޅު ކުރައްވާ ގޮތަށް ހަމަ އެކަނި ޖިސްމާނީ ކަސްރަތެއް ނޫނެވެ. އަދި ‏‏ކިއެއްތޯއެވެ؟ އެއީ އިރަށް އަޅުކަން ކުރާ މީހުން އިރަށް އަޅުކަން ކުރުމަށް ޓަކައި ގެންގުޅޭ ޚާއްޞަ ‏‏ޙަރަކާތްތަކެކެވެ. މިއީ ޤަދީމީ ޒަމާނުއްސުރެ ހިންދުސްތާނުގައި ފެތުރިފައިވާ ޢަޤީދާއެކެވެ. ސާންސްކްރީތު ‏‏ބަހުން މި އަޅުކަމުގެ ނަމަކީ " ސަސްތަންގާ ސުރްޔާ ނަމަސްކާރު " އެވެ. މާނައަކީ " ހަށިގަނޑުގެ ‏‏އަށް ހިސާބަކުން އިރަށް ސަޖިދަ ކުރުން " އެވެ. މި އަޅުކަމުގައި ހިމެނެނީ ދިހަ ޙާލަތެކެވެ. ‏‏ފަސް ވަނަ ޙާލަތުގައި ދެ އަތާއި ނޭފަތާއި މޭމައްޗާއި ދެ ކަކުލާއި ދެ ފައިތިލައިގެ އިނގިލިތައް ‏‏ބިންމަތީ ޖައްސަން ޖެހޭނެއެވެ. ޔޯގާ ފަށަނީ އިރަށް ކުރާ ކުރުނީހަކުންނެވެ. ޔޯގާގެ ތަމްރީނުތަކުގެ ‏‏ތެރޭގައި ‏‎ ‎‏އިރަށް އަޅުކަންކުރާކަން ހާމަކުރާ ޖުމްލަތަކެއް( މަންތަރާ) ވަކި ވަޒަނަކަށް ފައްތައި ‏‏ސޯރުކޮށްގެން ކިޔަމުންދާނެއެވެ. މި މަންތަރާތަކުގައި އިރުގެ ބާރަ ބުރުޖުގެ ނަން ހިމެނެ އެވެ."

އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާގެ ލިޔުން ކުރިޔަށް ގެންދަވަމުން ވިދާޅުވެފައިވެ އެވެ.

"‏އިރާ ކުރިމަތި ނުލައި މި މަންތަރާތައް ނުކިޔާ މި ކަސްރަތު ކުރުން ހުއްދަވާނެ ހެއްޔެވެ؟ ‏‏އިސްލާމީ ފަތުވާތަކުގެ ޚުލާޞާއަކީ :-‏

‏އިރަށް ކުރިމަތި ލުމެއްނެތި އަދި ސަޖިދަކުރުމެއް ނެތި އަދި މި މަންތަރާތަކާނުލައި މި ‏‏ކަސްރަތުތައް ކުރުމަކީ ޔޯގާއެއް ނޫނެވެ. އެކަމަކު މި ކަސްރަތުތައް ކުރާނަމަ މި އަންނަ ކަންތައްތަކަށް ‏‏ރިޢާޔަތް ކުރަން ޖެހޭނެއެވެ.‏

‏1-‏ ‏ ޔޯގާގައި އެ ބުނާ ތަރްތީބުން މި ކަސްރަތުތައް ނުކުރުމާއި ޔޯގާއާ އެއްގޮތް ވިޔަ ‏‏ނުދިނުމަށް ޓަކައި އައު ތަމްރީނުތަކެއް މި ކަސްރަތަށް އިތުރު ކުރުން. ‏

‏2-‏ ‏ހިންދީ ދީނުގެ މީހުން މި ކަސްރަތުތައް ކުރާ ވަގުތުތަކުގައި ( މިސާލަކަށް އިރު އަރާ ‏‏ވަގުތުގައި) މި ކަސްރަތުތައް ނުކުރުން. މުސްލިމު ރިވާކުރެއްވި އެވެ. ރަސޫލާ صلى الله ‏عليه وسلم ޙަދީސް ކުރެއްވިއެވެ.(( ތިބާ ފަތިސް ނަމާދު ކުރާށެވެ! އެއަށް ފަހު އިރު ‏‏އަރައި ލޮންސިއެއްގެ މިނަވަރަށް އިރު އުފުލިއްޖައުމަށް ދާންދެން ތިބާ ނަމާދު ކުރުމާ ‏‏ފުރަގަސް ދޭށެވެ! ފަހެ ހަމަކަށަވަރުން އިރު އަރާއިރު އަރާނީ ޝައިޠާނާގެ ދެ ދަޅު ‏‏ދެމެދުންނެވެ. އެވަގުތު ކާފިރުން އެއަށް ސަޖިދަ ކުރާނެތެވެ.) ކާފިރުންނާ އެއްގޮތް ‏‏ވެދާނެތީ މި ފަދަ ވަގުތުތަކުގައި މާތް ﷲއަށް އަޅުކަން ކުރުން ވެސް މި ވަނީ ‏‏މަނާކުރައްވާފަ އެވެ.‏

‏ ޔޯގާ ހެދުމުން ނަފްސަށް އަރާމު ލިބޭ ވާހަކަޔާއި ފުރާނަ ސާފުވެގެންދާ ވާހަކައަކީ ‏‏އައު ވާހަކައެއް ނޫނެވެ. ކޮންމެ އައު ކަމެއް ނުވަތަ ބިދްޢައެއް ނުވަތަ ޝިރްކެއް ‏‏އުފައްދާ މީހާ މި ފަދަ ވާހަތަކުން އެ އުފެއްދުމަށް ސަނާ ކިޔައި މީސްތަކުން އެކަމަށް ‏‏ލެންބުވުމަށް ޓަކައި މި ފަދަ ދޮގު ބާޠިލު ބިލާހީ ވާހަކަތައް ދައްކަތެވެ. ދަންނަބޭކަލުން ‏‏ވިދާޅުވާ ގޮތުގައި އެފަދަ މީހުންގެ ގާތަށް ޝައިޠާނުން އައިސް ވަސްވާސްދީ އެމީހުންގެ ‏‏ހިތްތަކާއި ސިކުނޑިތައް މި ފަދަ ޚިލޔާލުތަކުން ފުރައިލާނެއެވެ. ޙަޤީޤީ ރާޙަތާއި ޙަޤީޤީ ‏‏ޠާހިރުކަން ލިބޭނީ ކީރިތި ޤުރްއާނުންނާއި ކައު ރަސޫލާގެ ސުންނަތަށް ތަބާވެގެންނެވެ. ‏‎

‏މާތް ﷲ ވަޙީ ކުރެއްވިއެވެ. ((أَلَا بِذِكْرِ ٱللَّـهِ تَطْمَئِنُّ ٱلْقُلُوبُ - الرعد: 28 – ‏‏މާނައީ :ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟))‏"

comment ކޮމެންޓް