އެފްރިކަން ކަޕް އޮފް ނޭޝަންސް: ޒިމްބާބްވޭ ބަލިކޮށް މިސްރުން ފެށުން ރަނގަޅު ކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ފެށުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ޒިމްބާބްވޭ ކޮޅަށް މިސްރުން ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ޕެޓްރިކް ރިޖް

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ފެށުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުން ޒިމްބާބްވޭގެ މައްޗަށް މިސްރުން ކުރި ހޯދައި މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

މިފަހަރުގެ އެ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މިސްރުގައި ރޭ ކުޅުނު އެ މެޗުން އެ ޓީމު މޮޅުވީ 0-1ގެ ނަތީޖާއަކުންނެވެ. ފަހަކަށް އައިސް މިސްރުގެ ޓީމުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ އިރު އެ ޓީމުން ވަނީ 18 އަހަރަށް ފަހު މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕުގައި ވެސް ކުޅެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް ފެށުމުގެ ގޮތުން ރޭ މިސްރުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ޕެޓްރިކް ރިޖް

ކުލަގަދަ ރަސްމިއްޔާތަކާ އެކު މިސްރުގެ ކެއިރޯ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ފެށި އެ މުބާރާތް ފުރަތަމައިނުން ކެމަރޫންގައި ބާއްވާ ގޮތަށް ހަމަޖެއްސި ނަމަވެސް ތައްޔާރީތަކުގެ ހާލަތު ރަނގަޅު ނުވުމުން މިދިޔަ ޑިސެމްބަރު އެ ގައުމުގެ އަތުން މުބާރާތް ނަގައި އެ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ މިސްރަށް މުބާރާތް ބޭއްވުމަށް ވަނީ ހަވާލު ކޮށްފަ އެވެ. މިސްރުން ވަނީ މިހާތަނަށް ހަތް ފަހަރަކު އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެފްރިކާ ބައްރަށް ނިސްބަތްވާ ގައުމުތަކުގެ މެދުގައި ކުޅެވޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލު ކުރި ޒިމްބާބްވޭ މިހާތަނަށް އެ ޓީމުން މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ. މީގެ ކުރިން މި މުބާރާތުގެ 10 މެޗެއް އެ ޓީމުން ކުޅުނު އިރު އެއްވެސް މެޗަކުން އެ ޓީމަށް ކުރި ހޯދިފައި ނުވި ނަމަވެސް ރޭގެ މެޗުގައި އެ ޓީމަށް ގޯލު ޖަހައި މޮޅު ވާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ.

ޖުމްލަ ގޮތެއްގައި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގެ ތަފާތަކަށް ވީ ފުރަތަމަ ހާފު ނިމެން ހަތަރު މިނަޓަށް ވެފައި އިންދާ މިސްރުގެ މަހުމޫދު ޓްރެޒެގޭ ޖެހި ގޯލެވެ. މިއީ ޓްރެގެޒޭ އެފްކޮންގެ މުބާރާތެއްގައި ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ މުހައްމަދު ސަލާހު ރޭގެ މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ޒިމްބާބްވޭގެ ގޯލަށް ގިނަ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ.

comment ކޮމެންޓް