އިންޓަނޭޝަނަލް ގިނަ މުބާރާތްތަކެއް އަތޮޅުތަކުގައި ބާއްވަން މަސައްކަތް ކުރަނީ

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސް ޕްރެސްގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

އައްޑޫގައި އަންނަ މަހު ފަށާ ޔޫއެފާގެ މުބާރާތަކީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާ މިކަހަލަ ގިނަ މުބާރާތްތަކެއް އަތޮޅުތަކުގައި ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މިއަދު އެފްއޭއެމް ހައުސްގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ޔޫއެފާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ބާއްވާ 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތް ބާއްވާނީ އަންނަ މަހު އައްޑޫ ސިޓީގައި ކަމަށެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސް ޕްރެސްގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

ކުރިން މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް އެ މުބާރާތް އައްޑޫ ސިޓީގައި ބާއްވާ ގޮތަށް ބަދަލު ކޮށްފައި ވަނީ މުބާރާތް ބާއްވާ ތާރީހާއި މިނިވަން ދުވަހުގެ މުނާސަބަތުގެ ހަރަކާތްތަކާ އެއްދުވަސް ވަރަކަށް ވާތީއެވެ. އަދި ގަލޮޅު ދަނޑު މިނިވަން ދުވަހުގެ މުނާސަބަތައް ކުރީބައިގައި ދޫކޮށްފައި ވުމުންނެވެ.

ޔޫއެފާއާއި އެފްއޭއެމްގެ އިތުރުން ރާއްޖޭގެ ސަރުކާރު ގުޅިގެން ބާއްވާ އެ މުބާރާތުގައި ޖުމުލް ހަތަރު ގައުމަކުން ބައިވެރިވެ އެވެ. އެއީ ޔޫރޮޕުގެ ގައުމެއް ކަމަށްވާ ލެޓްވިއާއާއި އޭޝިޔާގެ ސައުދީ އަރަބިޔާ އާއި ބޫޓާންގެ އިތުރުން ދިވެހި ރާއްޖެ އެވެ.

މުބާރާތް އަންނަ މަހުގެ 20 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އިރު އައްޑުގެ ދަނޑުގެ ހާލަތު ރަނގަޅު ނޫން ކަން ޔޫތް މިނިސްޓަރު މަހްލޫފް ވަނީ ފާހަގަ ކޮށްފަ އެވެ.

"ފުދޭ ވަރަކަށް ބޮޑު މަރާމާތު ތަކެެއް އައްޑޫގެ ދަނޑު ނިންމުމަށް ކުރަން އެބަ ޖެހޭ. އެގޮތުން އެތެރޭގެ އުދުހުންތަކާއި، އެކޮމޮޑޭޝަންތައް އިތުރުކުރުމުގެ ދަތިތައް ވަނީ ކުރިމަތި ވެފައި. އަދި ލައިޓިންގްގެ ވެސް މައްސަލަތަކެއް އެބަހުރި. އަޅުގަނޑުމެންނާއި އެފްއޭއެމް ގުޅިގެން އެކަންކަން ހައްލު ކުރަން މަސައްކަތް ކުރަމުން މި އަންނަނީ،" މަހްލޫފް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން އުމުރުފުރާގެ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވީ ނަވާރައްސަތޭކަ ނުވަދިހައިގެ ކުރީކޮޅު އެވެ. އޭގެ ފަހުން ސީނިއާ ޓީމަށް އިންޓަނޭޝަނަލް ބައެއް މުބާރާތްތައް ރާއްޖޭގައި ވަނީ ބާއްވާފަ އެވެ.

އެފްއޭއެމްގެ ޝިއާރެއް ކަމަށްވާ "ޓޮވާޑްސް ފިއުޗާ" ގެ ދަށުން ފުޓުބޯޅަ ކުރިއެރުވުމައްޓަކައި އެންމެ ޅަ ދުވަހުން ފަށައިގެން ވެސް އެކަމުގެ ތެރޭގައި އުޅެވޭނެ ގޮތް އެ އިދާރާއިން ދަނީ ބޮޑެތި ވަމުން އަންނަ ކުދިންނަށް ހަމަޖައްސައިދެމުންނެވެ. އެގޮތުން ފުޓުބޯޅަ އެކެޑެމީތައް އިތުރު ކުރުމާއި ކުޑަ ކުދިންގެ ބައިނަލް އަގްވާމީ މުބާރާތްތައް އިތުރު ކުރުން ފާހަގަ ކޮށްލެވެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މިފަހަރުގެ މި މުބާރާތަކީ ފެށުމެއް ކަމަށެވެ. އަދި އައިއޯއައިޖީއަށް އަތޮޅުތަކުގައި މުބާރާތް ބާއްވަން ބިޑު ކުރުމުން އަތޮޅު ތެރޭގައި އިންފްރާސްޓްރަކްޗާ ރަނގަޅު ފެންވަރަކަށް ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

"މިއީ އަދި ފެށުމެއް. ޔޫތް މިނިސްޓަރީއިން އެ ގެންގުޅުއްވާ އިންފްރާސްޓްރަކްޗާ ރަނގަޅު ފެންވަރަކަށް ގެނައުމުގެ މަސައްކަތާ އެކު މުސްތަގުބަލުގައި މިކަހަލަ މުބާރާތްތައް ރާއްޖޭގައި ފަސޭހަ ކަމާ އެކު ބޭއްވޭނެ." ބައްސާމް ވިދާޅުވި އެވެ.

comment ކޮމެންޓް