ފީއަލީގެ ފެޒް ޕްރެސިޑެންޓް ކަޕް މިފަހަރު މުޅި ފ އަތޮޅަށް ހުޅުވާލަނީ

ވޭތުވެ ދިޔަ އަހަރު ފާފު ފީއަލީގައި ބޭއްވި ފެޒް ޕްރެސިޑެންޓް ކަޕުގެ ތެެރެއިން --- ފޮޓޯ/ ފެޒް

ފ.ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފެޒް ޕްރެސިޑެންޓް ވޮލީ ކަޕް މިއަހަރުވެސް ބާއްވާ ގޮތަށް ނިންމައިފި އެވެ.

މި މުބާރާތަކީ ފީއަލީގެ އެކުވެރި ޒުވާނުން (ފެޒް) ގެ ރައީސުންގެ ނަމުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އެހެން އަހަރުތަކާ ޙިލާފަށް މުޅި ފާފު އަތޮޅަށް ހުޅުވާލައިގެންނެވެ. މި މުބާރާތަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން އިންޓަނޭޝަނަލް ކުޅުންތެރިން ވެސް ބައިވެރިވާ މުބާރާތެކެވެ.

ވޭތުވެ ދިޔަ އަހަރު ފާފު ފީއަލީގައި ބޭއްވި ފެޒް ޕްރެސިޑެންޓް ކަޕުގެ ތެެރެއިން --- ފޮޓޯ/ ފެޒް

މުބާރާތުގެ ފޯރި އަހަރަކަށް ވުރެން އަހަރަކަށް އިތުރުވަމުން އަންނަ އިރު އިންތިޒާމުވެސް އަންނަނީ ރަނގަޅު ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފެޒް އިން ބުނެ އެވެ.

މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެވެ. މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ އިރު ވޭތުވެ ދިޔަ ތިން އަހަރު ވެސް މި މުބާރާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ މުބީން ފައުންޑޭޝަން އިންނެވެ.

މި މުބާރާތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމެވެ.

comment ކޮމެންޓް