މޮރީނިއޯ އެނބުރި ކޯޗުކަމަށް އަންނަން ބޭނުންވަނީ ގައުމީ ޓީމަކަށް

ހޯޒޭ މޮރީނިއޯ: މޮރީނިއޯވަނީ އޭނާގެ ކެރިއަރުގައި ދެ ޓީމަކާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކަށް ކޯޗުކަން ކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ދެން ފެނުން އެންމެ ގާތީ ގައުމީ ޓީމެއްގެ ކޯޗުގެ މަގާމުން ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މޮރީނިއޯ އިރުޝާދު ދިން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން އޭނާ ވަކި ކުރި ފަހުން އޭނާ އެއްވެސް ކުލަބަކާ ގުޅިފައެއް ނުވެ އެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން މޮރީނިއޯ ކޮންމެވެސް ޓީމެއްގެ ކޯޗުކަމަށް އަންނަން އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ކޯޗުކަމަށް ޒައިނުއްދީން ޒިދާން އެނބުރި ދިއުމުގެ ކުރިން މޮރީނިއޯ އެ ކުލަބާއި ގުޅެން އުޅޭ ކަމަށް ގިނަ ރިޕޯޓުތަކުން އޭރު ވަނީ ބުނެފަ އެވެ.

ނަމަވެސް މޮރީނިއޯ އަދި އެއްވެސް ކުލަބެއްގެ ކޯޗުކަމަށް އައު ބަސް ބުނެފައި ނުވާ އިރު އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ބީން ސްޕޯޓްސް އާއި ރަޝިއާ ޓުޑޭ (އާރްޓީ)ގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ.

"އަހަރެން މިހާރު ބޭނުން ވަނީ ގައުމީ ޓީމެއްގެ ކޯޗަކަށް ވާން. ވިސްނުމުގައި ހުރީ ވޯލްޑް ކަޕާއި ޔޫރޮޕިއަން ޗެމްޕިއަންޝިޕުގެ ތަށި ވެސް އުފުލާލަން، އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ އިލަވަން ސްޕޯޓްސްއަށް މައުލޫމާތު ދެމުން މޮރީނިއޯ ބުންޏެވެ.

"މިހާރު ވަރަށް ދުވަސް ވެއްޖެ އަސްލު އެކަން ކުރަން ބޭނުންވެފައި ހުންނަތާ. ކުލަބެއް ވުރެން ފެނުން އެންމެ ގާތީ ގައުމީ ޓީމެއްގެ ކޯޗުކަމުން."

މޮރީނިއޯ ބުނީ އޭނަ އަކީ ޕޯޗުގީސް މީހެއް ނަމަވެސް ޕޯޗުގަލްގެ ކޯޗު ކަމާ ހަވާލުވާން ކޮންމެހެން މުހިއްމު ނޫން ކަމަށެބެ.

މޮރީނިއޯ ވަނީ އިނގިރޭސި ވިލާތުގެ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް އަދި ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ މިލާންގެ އިތުރުން ޕޯޓޯއަށް ވެސް މީގެ ކުރިން ކޯޗުކަން ކޮށްދީފަ އެވެ.

comment ކޮމެންޓް