ފަނޑިޔާރު ދީދީގެ އަނބިކަނބަލުން މަގާމުން ވަކިކޮށްފި

ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރު

ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣަނިޔާ އަބްދުލްޣަފޫރު މަގަމުން ވަކިކޮށްފިއެވެ.

ޣާނިޔާ ހުންނެވީ ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ޑެޕިޔުޓީ އެމްބެސެޑަރުގެ މަގާމުގައެވެ. ޣާނިޔާ އެ މަގާމަށް އައްޔަނު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ. އެނގިފައިވާގޮތުގައި ޣާނިޔާ އަދާކުރައްވަމުން ގެންދެވި ޑިޕްލޮމެޓިކް މަގަމުން ވަކިކޮށްފައިވަނީ މިއަދުއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީއަށް ހުށަހަޅުއްވާފައެވެ. އެ ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައިކަން "ސަން" އަށް ވަނީ އެނގިފައެވެ.

އަބްދުﷲ ދީދީގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެ ފުލުހުން ޖޭއެސްސީއަށް ސިޓީއެއް ފޮނުވުމުން އެ ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.

ނަމަވެސް ސުޕްރީމު ކޯޓުން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލުމަށް އަމުރު ކޮށްފައެވެ. އެއީ އަބްދުﷲ ދީދީ ހުށަހެޅި މައްސަލަ ބަލައި ނިމެންދެނެވެ. ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރި ނަމަވެސް ދީދީ ވަނީ ޖެހިގެން އައި ދުވަހު މަސައްކަތަށް ނިކުންނަވައިފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން ސުޕްރީމު ކޯޓުން ނެރުނު އަމުރާ ހިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

އެ އަމުރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ނިންމި ނިންމަކީ ރަނގަޅު ނިންމުމެއް ކަމަށް ފާސްކޮށްފައެވެ.

comment ކޮމެންޓް