ޕާޓްނަޝިޕް ފޯރަމް: އާ ގުޅުމަކާއި އާ އިތުބާރެއްގެ ފެށުން

ޕާޓްނާޗިޕް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތަރައްގީގެ ތަސައްވަރާއި ޕްލޭނާއެކު މުޅި ދުނިޔެއާ ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް މިދިޔަ ދެ ދުވަހު ބޭއްވި އިރު، މިއީ މުޅި ސަރުކާރު އެއަށްޓަކައި އެއްތަނަކަށް ޖަމާވި މުހިންމު އިވެންޓެކެވެ.

ފޮރިން މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި ބޮޑު ބައްދަލުވުމުގެ އަމާޒަކަށް އޮތީ، ސަރުކާރުން ތަސައްވަރުކުރާ "ޖަޒީރާ ރާއްޖެ" ބިނާކުރުމަށް ޕްލޭނުކޮށްފައިވާ މަޝްރޫއުތަކަކަށް އެކި ދާއިރާތަކުން އެހީ ހޯދުމެވެ. ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރުގެ ޕްރޮޕޯސަލްއާއެކު ސަރުކާރުން ފޯރަމަށް ދިޔަ އިރު، މި މަޝްރޫއުތަކާއި ޕްލޭންތަކަށް ބޭރުގެ ޕާޓްނަރުން އެހީ ދޭން ޝައުގުވެރިވި އެވެ. ފޯރަމުގައި ބައިވެރިވި 30 އަށް ވުރެ ގިނަ ގައުމާއި ޖަމިއްޔާގެ 133 ޑެލިގޭޓުން ތިބީ ރާއްޖެއަށް އެހީ ފޯރުކޮށްދިނުމަށް ކެތް މަދުވެފަ އެވެ.

ފޯރަމް ފެށުމުގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޕާޓްނަޝިޕް ފޯރަމަކީ ރާއްޖެއާ ދުނިޔެ ގުޅައިދޭ ފާލަމެއް ކަމަށެވެ. މި ފާލަމެއް އެޅުމަށް ބޭއްވި ފޯރަމް ނިންމާލުމަށްފަހު އިއްޔެ މިނިސްޓަރު ޝާހިދު ވިދާޅުވީ ބޭރުގެ މުޖުތަމައުން ރާއްޖެ ގަބޫލުކޮށްފި ކަމަށެވެ.

ޖޫން 17، 2019: މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑު އުފަލާއެކު ދަންނަވަން، މި ބައްދަލުވުން ނިމިގެންދިޔައިރު، ރާޢްޖޭގެ މިއަދުގެ ސަރުކާރަށް ފުރިހަމަ ޔަގީންކަން ލިބިއްޖެ، މި 70 މަޝްރޫއު ފުރިހަމައަށް ތަންފީޒުކޮށް ރާއްޖޭގެ ރައްޔިތުންނަށް އޭގެ ފޮނި މީރުކަން އިހުސާސްކޮށްދެވޭނެ ކަމަށް،" މިނިސްޓަރު ޝާހިދު ވިދާާޅުވި އެވެ.

ފޯރަމަށް ހުށަހެޅުނު ބައެއް ޕްރޮޕޯޒަލްތައް

  • އައްޑޫ ސިޓީ ޑިވެލޮޕްމެންޓް
  • ގްރޭޓާ މާލެ ބްރިޖުން ގުޅާލުމާއި ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން
  • ދަތުރުފަތުރުގެ ނިޒާމުން މުޅި ރައްޖެ ގުޅާލުން
  • ހަލާލް ސައިންސް ލެބެއް ގާއިމުކުރުން
  • ނޭޝަނަލް ޑޭޓާ ސެންޓަރު ތަރައްގީކުރުން
  • ލޯކަލް ޕޮލިސިންގް ލާމަރުކަޒީކުރުން
  • ގައުމީ ހެލްތު ލެބެއް ގާއިމުކުރުން
  • ނަފްސާނީ ގޮތުން ބަލި މީހުންނަށް ރީހެބެއް ގާއިމުކުރުން
  • ސްކޫލުތައް އެއް ދަންފަޅިއަށް ހެދުން

ފޯރަމުގެ ސެޝަންތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބުގެ އިތުރުން ކެބިނެޓުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ. އިޖުތިމާއީ، އިގްތިސާދީ އަދި އަދުލު އިންސާފާ ގުޅޭ ދާއިރާތަކުން ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އެ ކަންކަން ކުރުމަށް ސަރުކާރުން ވިސްނާފައި އޮތީ ކިހިނެއްކަން، ފޯރަމުގެ ބައިވެރިންނަށް ހިއްސާކުރުމުގައި ވަޒީރުންނާއި ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވި އެވެ.

ޖޫން 17، 2019: މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މުޅި ސަރުކާރު އެއް އަޑަކާއެކު

ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ކުރިމަތިލީ، ހަމައެކަނި މަޝްރޫއުތަކެއް ހިފައިގެންނެއް ނޫނެވެ. ބައިނަލްއަގުވާމީ ބައިވެރިންނަށް ހުށަހެޅުންތައް ހުށަހެޅީ ކުރިއަށް ގެންދާނެ ޕްލޭންތަކާވެސް އެކު އެވެ. ބައެއް ޕްރޮޖެކްޓުތަކަށް ހަރަދުވާނެ ފައިސާގެ އަންދާޒާއެއްވެސް ހިފައިގެން އެވެ.

"ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަކިވަކިން ވަފުދުތަކާ ބައްދަލުކުރެއްވި. ތަފްސީލު ގޮތެއްގައި އަޅުގަނޑުމެން ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު އެކިއެކި ވަފުދުތަކުން ބޭނުންވެގެން އެ ވަފުދުތަކަށް ދެއްވި،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް ސޯލިހުން ފެށިގެން ވަޒީރުންނާއި ފަންނީ މުވައްޒަފުން ވާހަކަދައްކަނީ އެއް ވިސްނުމެއްގައި އެއް ތަސައްވަރެއްގައި އެއް އަމާޒަކަށް ކަމަށް އެ ގައުމުތަކުން ފާހަގަކުރި ކަމަށެވެ.

"އެއީ އިސްލާހަށާއި ރައްޔިތުންނަށް ފައިދާހުރި މަޝްރޫއުތަކެއް ހިންގުމުގެ އިހުލާސްތެރި ނިޔަތުގައޭ. އެކުވެފައި އޮތް އެއް އަޑަކުން ވާހަކަދައްކާ ސަރުކާރެއް ރާއްޖޭގައި އެބައޮތްކަން ގަބޫލުކޮށްފީމޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް ގެއްލިފައި އޮތް އިތުބާރު އަނބުރާ ލިބިއްޖެ އެވެ. ނަތީޖާއަކަށް ވާނީ ރާއްޖެއަށް ބޭނުންވާ ފޮރިން އިންވެސްޓްމަންޓާއި އެހީތައް ލިބުމަށް މަގުފަހިވުންކަމަށް ވިދާޅުވި އެވެ.

ޕާޓްނާޝިޕް ފޯރަމުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޕްލޭނުތަކަށް ހުއްޓުމެއް ނެތް ތައުރީފު

ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ ރާއްޖެއަށް މީގެ ކުރިން ގިނަ އެހީތަކެއް ވެދީފައިވާ ކުވައިތު ފަންޑުގެ އިރު ދެކުނު އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓާ ޔޫސުފް އަލް ބަދުރެވެ. ފޯރަމަށް ސަރުކާރުން ގެނައި ޕްލޭނުތަކަށް ތައުރީފު އޮއްސަވަމުން އޭނާ ވިދާޅުވީ މި ކާމިޔާބު ފޯރަމުގެ މަގުސަދު ހާސިލުވެއްޖެ ކަމަށެވެ.

"މި ނިމުނު ފޯރަމަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ފޯރަމެއް. ސަރުކާރުގެ ވިޝަނަކީ ކޮބާކަން ހާމަވެއްޖެ. ސަރުކާރުން ގެންގުޅޭ ޕޮލިސީތަކާމެދު ވަރަށް ހިތްހަމަޖެހޭ. އެހީ ދޭ ޖަމާއަތްތަކާއި ގައުމުތަކުންވެސް އެ ޕޮލިސީތައް ބަލައިގެންފި. ރާއްޖެއަށް އެހީވެދޭން މިތިބީ ތައްޔާރަށް،" ބަދުރު ވިދާޅުވި އެވެ.

ސިއްހީ، ތައުލީމީ އަދި އިޔާދަކުރުވަނިވި ހަކަތައިގެ އިތުރުން ދަތުރުފަތުރާއި އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެހީ ދިނުމަށް ކުވައިތު ފަންޑު އޮތީ ތައްޔާރަށްކަމަށް ބަދުރު ވިދާޅުވި އެވެ.

"ހާއްސަކޮށް ތިމާވެއްޓާ ގުޅޭ މަސައްކަތްތަކާއި މުޖުތަމައު ބާރުވެރި ކުރުމުގެ ދާއިރާއިން ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް ވިސްނަން،" ފުވައްމުލަކުގެ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓަށް ފަންޑު ދޭން ނިންމާފައިވާ ކުވެއިތު ފަންޑުގެ ފަރާތުން ވާހަކަ ދައްކަވަމުން ބަދުރު ވިދާޅުވިއެވެ.

ޖޫން 17، 2019: މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"ސަރުކާރުގެ ވިސްނުމަކީ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ތަރައްގީ ގެނައުން. މިއީ ވަރަށް ބޮޑަށް ބަލައިގަނެވުނު ހުށަހެޅުމެއް. އަބަދުވެސް ރާއްޖެއާއެކު ކުވެއިތުން ވާނެ. ރާއްޖޭގެ ތަރައްގީއަށް އެހީދޭނެ،"

އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީވެސް ވަނީ ޕާޓްނަޝިޕް ފޯރަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ، ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތައުރީފު ކުރައްވައިފަ އެވެ. ހޮލީ ވިދާޅުވީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި ތަރައްގީގެ ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމަށް ދިއްކޮއްލި އަތުގައި ހިފައިގެން ކުރިއަށް ދާން އޮސްޓްރޭލިއާއިން ތައްޔާރަށް އޮތް ކަމަށެވެ.

"ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރުކަން ސަރުކާރުން އަންގައިދީފި. މިއީ ޑިމޮކްރެޓިކް އުސޫލުތައް ރާއްޖޭގައި އަލުން އަށަގަންނަމުންދާކަމުގެ ނިޝާނެއް،"ސަފީރު ޑޭވިޑް ހޮލީ ވިދާޅުވި އެވެ.

ފަސް އަހަރުން ޖަޒީރާ ރާއްޖެ ހާސިލު ކުރެވޭނެ

މި ސަރުކާރުން ވެރިކަމަށް އައީ ޖަޒީރާ ރާއްޖެއެއް ދިވެހިންނަށް ހޯދައިދޭނެ ކަމުގެ ވައުދާއެކުއެވެ. ޖަޒީރާ ރާއްޖެއެއްގައި ހިމެނޭނެ ކަންތައްތައް ބޭރުގެ އިންވެސްޓަރުންނަށާއި ޕާޓްނަރުންނަށް ކިޔައިދިނުމަށް ބޭއްވި ފޯރަމުން ލިބުނު ޔަގީންކަމަކީ މެނިފެސްޓޯގައި ހުރި ވައުދުތައް ފަސް އަހަރު ތެރޭ ހާސިލުކުރެވޭނެކަމުގެ ޔަގީންކަމެވެ.

ޖޫން 17، 2019: މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ފޯރަމުގެ ބައްދަލުވުންތަކުން ހާމަވީ، ސަރުކާރުން ހުށަހެޅި 70 ޕްރޮޖެކްޓުގައި ވާ ކަންކަން ކުރެވޭނެކަން ކަމަށެވެ. އަދި ރާއްޖޭގައި ހުރި ގޯސްތައް ރަނގަޅު ކުރާނެ ގޮތުގެ ޕްލޭނެއް ސަރުކާރުގައި އެބައޮތް ކަމަށާއި އެކަން ބައިނަލްއަގުވާމީ ބައިވެރިން ބަލައިގެންފައިވާ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"އެ ބޭފުޅުން ޔަގީންކަންދިން މި ކަންތައް ރަނގަޅު ކުރުމަށް އެހީ ވެދޭނެ ކަމަށް. ދަރަނީގެ ހާލަތު ރަނގަޅު ކުުރުމަށްޓަކާ އަދި ފިސްކަލް އެފެއާޒް މެނޭޖު ކުރުމަށް އެއްބާރުލުން ލިބޭނެކަމަށް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ޖަޒީރާ ރާއްޖެ ހާސިލުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތުގައި ސަރުކާރު ދެމި އެބަ އޮތެވެ. އަދި މި ދެ ދުވަހު ކުރި މަޝްވަރާތަކަށްފަހު މަސައްކަތް ނިމުނީ ނޫން ކަމަށާއި، މިއީ ދިގު މުއްދަތަށް ހިނގާނެ ޕާޓްނަޝިޕެއް ކަމަށް ވިދާޅުވި އެވެ.

"ދެ ދުވަހު މިތާ ތިބެފައި ނިމުނީކީ ނޫން. މިއީ ފެށުން. ޕާޓްނަޝިޕްގެ މާނައަކީ ދިގު ދެމިގެންވާ ގުޅުމެއް،" ޝާހިދު ވިދާޅުވި އެވެ.

comment ކޮމެންޓް