މުހައްމަދު މުރުސީ: ހުޅަނގުގެ ރޭވުމެއްގައި ނެތިކޮށްލި ލީޑަރު

މިސްރުގެ ކުރީގެ ރައީސް މުރުސީ، އާނާގެ މައްޗަށް އުފުލިފައިވާ ދައުވާއެއްގައި ކޯޓްގެ އަޑުއެހުމެއްގައި. -- ފޮޓޯ/ އޭޕީ

މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރްސީއަކީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް މިސްރުގެ ތާރީހުގައިވެސް ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިގެން 2012 ވަނަ އަހަރު އެގައުމުގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފުރަތަމަ ރައީސެވެ. ނަމަވެސް އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުގެ ތާއީދު ލިބިފައިވާ މިސްރުގެ ބާރުގަދަ ސިފައިންވަނީ އަސްކަރީ ބަޣާވާތެއްގައި 2013 ވަނަ އަހަރުގެ ޖުލައި މަހު މުރްސީގެ ޑިމޮކްރަޓިކް ވެރިކަން ވައްޓާލައި ލާއިންސާނީ ގޮތަކަށް އޭނާ ހައްޔަރުކޮށްފަ އެވެ.

މުރްސީގެ ތައުލިމީ ހަޔާތްޕުޅު

މުރްސީއަކީ މިސްރުގެ އުތުރުގެ ރަށްފުށުގެ ވިލެޖެއްކަމަށްވާ އަލްޢަދްވާޙްގެ ފަގޫރު އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެއަވަށުގައި ސްކޫލް ތައުލީމު ހާސިލް ކުރެއްވުމަށްފަހު ޔުނިވާސިޓީ ތައުލީމް ހާސިލް ކުރެއްވީ ގާހިރާ ޔުނިވާސިޓީންނެވެ. އިންޖިނިއަރިންގް ގެ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލް ކުރެއްވުމަށްފަހު މާސްޓާސް ޑިގްރީ އާއި ޕީއެޗްޑީ ހާސިލް ކުރެއްވީ އެމެރިކާގެ ޔުނިވާސިޓީތަކުންނެވެ. ޕީއެޗްޑީ ހާސިލް ކުރެއްވީ އެމެރިކާގެ މަޝްހޫރު ސަދަން ކެލިފޯނިޔާ ޔުނިވާސިޓީން ސްޕޭސް އިންޖިނިއަރިން ގެ ދާއިރާއިން އެވެ. އެއަށްފަހު އެސިސްޓަންޓް ޕްރޮފެސާއެއްގެ މަގާމުގައި އެ ޔުނިވާސިޓީގައި އަހަރުތަކެއްވަންދެން ހިދްމަތް ކުރެއްވި އެވެ. އެމެރިކާ އިން އެނބުރި ވަޑައިގަތުމަށްފަހު މިސްރުގެ ޒަގާޒީގް ޔުނިވާސިޓީގައާއި ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ އަލްފާތަލް ޔުނިވާސިޓީގައި އިންޖިނިއަރިންގް ދާއިރާއިން ކިޔަވައިދޭ ޕްރޮފެސަރެއްގެ ގޮތުގައި އަހަރުތަކެއްވަންދެން މުރްސީ މަސައްކަތް ކުރެއްވި އެވެ.

ޕާލަމެންޓަށް އިންތިހާބުވެ ވަޑައިގަތުން

މުރުސީ ވަނީ 2000 - 2005 ވަނައަހަރަށް މިސްރުގެ ޕާލަމެންޓް މެންބަރުކަން ކުރެއްވައިފަ އެވެ. މުރްސީ އަކީ މިސްރުގެ ސިޔާސީ ޖަމާއަތެއް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ މެންބަރެއް ނަމަވެސް އެ ޖަމާއަތުގެ އިސް ސަފުގައި އޭނާ މަސައްކަތް ކުރައްވާފައެއް ނުވެއެވެ. އެމެރިކާގެ ތާއީދާއެކު މިސްރުގައި ދިގުމުއްދަތެއްވަންދެން ހުދު މުހުތާރު ވެރިކަމެއް ކުރެއްވި ހުސްނީ މުބާރަކްގެ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު މިސްރުގެ ރައްޔިތުން އުތުރި އެރުމާއެކު މުބާރަކްގެ ވެރިކަން ވެރިކަން ވެއްޓުނުތާ އެއް އަހަރު ފަހުން މިސްރުގައި ބޭއްވި މިނިވަން އަދި ދެފުށް ފެންނަ ރިޔާސީ އިންތިހާބުގައި އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވީ ޑރ. މުހައްމަދު މުރްސީ އެވެ.

މުރްސީ އާ ދެކޮޅަށް އެމެރިކާއާއި ގަލްފުގެ ބައެއް ބާރުތައް ތެދުވުން

މުރްސީގެ ވެރިކަމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ މިސްރުގެ ފަގީރުންގެ ދިރިއުޅުމުގެ ހާލަތު ރަގަނޅު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށާއި އެމެރިކާގެ ބާރާއި ނުފޫޒުން ސަލާމަތްވުމަށެވެ. މީގެއިތުރުން މިސްރުގެ ސިޔާސީ މަސްރަހު ހައިޖެކް ކޮށްފައިވާ އެގައުމުގެ ސިފައިންގެ މުއައްސަސާއިން ގައުމުގެ އިގްތިސާދަށާއި ސިޔާސަތަށާއި ދުސްތޫރަށާ އަދި ކޯޓުތަކަށް ހިންގާ ނާޖާއިޒު ބާރާއި ނުފޫޒު ކުޑަކޮށް ރައްޔިތުން ބާރުވެރިކޮށް ދިމުގްރާތީ ނިޒާމެއް މިސްރުގައި އަށަގެންނެވުމަށް އޭނާ މަސައްކަތް ކުރެއްވި އެވެ. މިގޮތުން މިސްރުގެ ސިފައިންގެ މުއައްސަސާއިން މިސްރުގެ ސިޔާސީ އަދި ދުސްތޫރީ ނިންމުންތަކުގައި ފަހުބަސް ބަސްބުނުމުގެ ހައްގު ނަންގަވައި ރައީސްގެ ހައިސިއްޔަތުން މުރްސީއަށް ލިބިވަޑައިގެންފައިވާ ބާރުތައް އިތުރު ކުރެއްވުމަށް އޭނާ ނިންމެވި އެވެ.

މޭ، 25، 2013 -- މުރުސީގެ ރައީސްކަމުގައި އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާ ބައްދަލު ކުރައްވަނީ. -- ފޮޓޯ/ އޭޕީ

ނަތީޖާއަކަށްވީ މިއީ އެމެރިކާއާއި އިސްރާއީލާ އަދި ޔޫރަޕްގެ ގައުމުތަކުގެ މަސްލަހަތަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި އެގައުމުތަކުން ދެކެންފެށުމެވެ. މިއާއެކު އެމެރިކާއާއި އިސްރާއީލާ އަދި ސައޫދީ އަރަބިޔާ ގުޅިގެން މުރްސީގެ ވެރިކަން ވައްޓާލުމުގެ ރޭވުންތައް ރާވަން ފެށި އެވެ. މިކަން ކުރީ މިސްރުގެ ސިފައިންނާ އަދި މުރްސީގެ ދިމުގްރާތީ ވެރިކަމާ އިދިކޮޅު ފަރާތްތަކަށް ހިއްވަރުދީ އެފަރާތްތަކާ ވިލަރެސް ކޮށްގެންނެވެ. މި ރޭވުންތަކަށް މިސްރު ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އުސޫލުތައް މިސްރުގެ ސިޔާސަތުގެ ތެރޭގައި ހިމެނުއްވުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު މިސްރުގެ އިދިކޮޅު ފަރާތްތަކުން މުރްސީގެ މައްޗަށް ކުރި އެވެ.

އަސްކަރީ އިންގިލާބެއްގައި މުރްސީގެ ވެރިކަން ވައްޓާލުން

މިރޭވުންތަކާއެކު މުރްސީގެ ވެރިކަމަށް އެއް އަހަރުވީ އިރު އިދިކޮޅު ފަރާތްތަކުން އޭނާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ގާހިރާގައި ފެށި އެވެ. މިމުޒާހަރާތަކާއެކު 2013 ވަނަ އަހަރުގެ ޖުލައި މަހު މިސްރުގެ ދިފާއީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ޢަބްދުލް ފައްތާޙް އައްސީސީ އިސްކޮށް ހުންނަވައިގެން މިސްރުގެ ސިފައިން، މުރްސީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށް އޭނާގެ ދިމުގްރާތީ ވެރިކަން ވައްޓާލި އެވެ. މިކަމަށް އެންމެ ބޮޑު ތަރްހީބެއް ދިނީ އެމެރިކާ ކޮންޓްރޯލްކުރާ ގަލްފުގެ ދެބާރު ކަމަށްވާ ސައޫދީ އަރަބިޔާއާއި ޔޫއޭއީން އެވެ. މިކަމަށް ހިއްވަރުދޭން ފަރުދާގެ އަނެއް ފަރާތުގައި ތިބީ އެމެރިކާ އާއި އިސްރާއީލާއި ޔޫރަޕްގެ ގައުމުތަކެވެ.

ޑރ. މުރްސީ ޖަލުގައި

މުރްސީ ޖަލުގައި އަވަހާރަވުން

މުރްސީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލައި އޭނާ ޖަލުގައި ހައްޔަރު ކުރުމަށްފަހު ފާއިތުވި ހަ އަހަރު މުރްސީ ހުންނެވީ ޖަލުގެ ކުޑަގޮޅީގަ އެވެ. އެންމެފަހުން އިއްޔެ އޭނާ އަވަހާރަވެފައިވަނީ ވެރިކަމުގައި ހުންނެވި ދުވަސްވަރު މިސްރުގެ ޖާސޫސީ މައުލޫމާތުތަކެއް ގަތަރު ސަރުކާރާ ހިއްސާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއްގެ ތެރޭގަ އެވެ. މުރްސީގެ ދިމުގްރާތީ ވެރިކަން ވައްޓާލުގެ ފަހަތުގައި އަރަބި ބައެއް ބާރުތައް ކަމަށްވާ ސައޫދީ އާއި ޔޫއޭއީ ފިޔަވައި ދެން ތިބީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކެވެ.

މުރްސީ ފަސްދާނުލުން

ޝަރީއަތުގެ އަޑު އެހުމެއްގައި އިންނަވަނިކޮށް މިސްރުގެ ފުރަތަމަ ދިމުގްރާތީ ރައީސް ޑރ. މުހައްމަދު މުރްސީ ކުއްލި ގޮތަކަށް އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓާ ގެ އޮފީހުން ބުނެފައިވަނީ މުރްސީގެ ޖަނާޒާ ގައި ބައިވެރިވުމުގެ ފުރުސަތު އޭނާގެ ދަރިންނާއި ހުވަފަތް އަނބިކަނބަލުން ފިޔަވައި އާއިލާގެ އެހެން މެންބަރަކަށް ނުދެވޭނެކަމުގަ އެވެ. އެ އޮފީހުން މިސްރުގެ ތަންފީޒީ އިދާރާތަކަށް އަންގާފައިވަނީ ޖަލުގައި މަރުވާމީހުންނާ ބެހޭގޮތުން ފޮރެންސިކް ކޮމިޓީން އެކުލަވާލާ އާންމު ރިޕޯޓަށްފަހު ލަސްނުކޮށް މުރްސީގެ ހަށިކޮޅު ފަސްދާނުލުމަށެވެ.

މުރްސީގެ ދޮށީ ފިރިހެން ދަރިކަލުން އަބްދުﷲ ވިދާޅުވެފައިވަނީ ބައްޕަގެ ހަށިކޮޅު އަދިވެސް ނުފެންނަ ކަމަށާއި ޖަނާޒާގެ ކަންތަކާބެހޭ މައުލުމާތުވެސް ލިބެނީ ގާނޫނި ވަކީލުން މެދުވެރިކޮށް ކަމުގަ އެވެ. ލަސްނުކޮށް މުރްސީގެ ހަށިކޮޅު ފަސްދާނު ލުމަށް މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓާ ގެ އޮފީހުން އަންގާފައި މިވަނީ އިސްރާއީލުން ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތަށް ވިހަދީގެން އަވަހާރަކޮށްލި ގޮތަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީ ގެ ސަރުކާރުން މުރްސީ އަށް ވިހައެއް ދީފައިވާކަމަށް ތުހުމަތުކޮށް އެކަން މުސްތަގިއްލު ގޮތެއްގައި ތަހުގީގު ކުރުމަށްޓަކައި މުރްސީގެ ހަށިކޮޅު ފަސްދާނުލުން ފަސްކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް