ޖަޕާނުން ރާއްޖެއަށް 4.5 މިލިއަން ޑޮލަރުގެ އެހީދޭން ނިންމައިފި އެވެ.
މިހާރު ކުރިއަށްދާ ޕާޓްނާޝިޕް ފޯރަމްގައި އިއްޔެ ވަނީ އެ އެހީ ދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކީކޯ ޔަނައި އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
އެ އެއްބަސްވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއީ ފައިސާގެ ގޮތުން ދޭ އެހީ އެއް ނޫން ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ކަންތައްތަކަށް އެ އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް އެ އެ އެއްވަސްވުމާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓްރީން ނުދެ އެވެ.
މިހާރު ކުރިއަށް ދާ ޕާޓްނާޝިޕް ފޯރަމްގައި ގިނަ ދާއިރާތަކަކުން އެހީތެރިކަން ހޯދުމަށް ދަނީ މަޝްވަރާތައް ކުރިއަށްދަމުންނެވެ.
އެ ފޯރަމުގައި 60 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ އެވެ.
އެ ފޯރަމުގައި ރާއްޖޭގެ ތަރައްގީ އަށް ސަރުކާރުން ރާވާފައިވާ ކަންތައްތަކަުގެ މައުލޫމާތު ހިއްސާކޮށް އިންވެސްޓަރުން ހޯދުމަށް ވެސް މަސައްކަތް ކުރާނެ އެވެ.