ފަސޭހަކަމާއެކު ޖަޕާން ބަލިކޮށް ޗިލީއަށް ރަނގަޅު ފެށުމެއް

ކޮޕާ އެމެރިކާ 2019: ޗިލީއާއި ޖަޕާން ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑެޔަން ކަލިނިޗް

ވިދި ވިދިގެން ތިން ވަނަ ފަހަރަކަށް ކޮޕާ އެމެރިކާގެ ތަށި އުފުލާލުމުގެ ނިޔަތުގައި ނުކުމެ ޗިލީން ރޭ ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާއެކު ޖަޕާންގެ ގާތުން މޮޅުވެއްޖެއެވެ.

ބްރެޒިލްގެ ސައޯ ޕޯލޯގައި ރޭ ކުޅުނު އެ މެޗުން ޖަޕާނުގެ މައްޗަށް ޗިލީއިން ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. ޖަޕާނަކީ މިއަހަރުގެ އެ މުބާރާތަށް ހާއްސަ އިންވިޓޭޝަނަކާއެކު ގެނައި ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. ޖަޕާނުގެ އިތުރުން މުބާރާތަށް ދައުވަތު ދިން އަނެއް ޓީމަކީ ގަތަރެވެ.

ކޮޕާ އެމެރިކާ 2019: ޗިލީއާއި ޖަޕާން ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑެޔަން ކަލިނިޗް

އެމެރިކާ ބައްރުގެ ޗެމްޕިއަންކަން އެންމެ ފަހުން ކުޅުނު ދެ މުބާރާތުގައި ވެސް ހޯދި ޗިލީއިން ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައި އިދިކޮޅު ޓީމަށް އެ ޓީމުގެ ފެންވަރު ދައްކާލައިފައެވެ. އަވަސް އަދި ހަލުވި ކުޅުމެއް ކުޅެ ޖަޕާންގެ ޑިފެންސް ރޫޅާލުމަށްފަހު ޗިލީއިން ރޭގެ މެޗުގައި ގޯލުތައް ޖެހި އިރު ޖަޕާނުން މި މުބާރާތަށް އެކުލަވާލާފައި ވަނީ ޒުވާން ސްކޮޑެކެވެ.

ޗިލީއަށް ރޭގެ މެޗުގައި ގޯލު ހުޅުވައިދިނީ އެރިކް ޕުލްގާއެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް އޭނާ ޖެހި އެ ގޯލާ އެކު ދެވަނަ ހާފަށް ޗިލީ ނުކުތީ ގިނަ ގޯލުތަކެއް ޖެހުމުގެ އަޒުމުގައެވެ.

އެގޮތުން އެ ޓީމުން ވަނީ ދެވަނަ ފެށުމާއެކު ޖަޕާނުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެގޮތުގައި މާ ގިނައިރުތަކެއް ނުވަނީސް ޗިލީއަށް ލީޑު ފުޅާކޮށްދިނީ އެޑުއާޑޯ ވާގަސްއެވެ.

ވާގަސްގެ އެ ގޯލާއެކު ޖަޕާނުގެ ޒުވާން ޓީމު ޕްރެޝަރަށް ވެއްޓުނެވެ. އެކަމުގެ ފައިދާ ނަގައި ޗިލީއިން ދިޔައީ އެމީހުންގެ ހަމަލާތައް އިތުރު ކުރަމުންނެވެ. ޗިލީއިން މެޗުގައި ޖެހި ތިން ވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ އެލެކްސިސް ސަންޗޭޒްއެވެ.

މި ނިމުނު ސީޒަނުގައި ދެއްކި ދަށް ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިއުންތަކެއް އަމާޒުވެފައި ވާ ސަންޗޭޒް ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ޗިލީއިން މެޗުގައި ޖެހި ފަހު ގޯލު އޭގެ މިނަޓެއް ފަހުން ޖެހީ ވާގަސްއެވެ. އޭނާ އަކީ އެންމެ ފަހުން ކުޅުނު ކޮޕާ އެމެރިކާގެ ވެސް ޓޮޕް ސްކޯރާގެ މަގާމު ހޯދި ކުޅުންތެރިޔާއެވެ.

comment ކޮމެންޓް