ރައީސް ޔާމީނުގެ އެއާޕޯޓު ސިޔާސަތަށް މިސަރުކާރުން ތާއީދު ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމުގެ ސަރުކާރުން ކުރިއަށް ގެންދިޔަ އެއާޕޯޓު ސިޔާސަތަށް މި ސަރުކާތުން ތާއީދު ކޮށްފި އެވެ.

މީހުން ދިރިއުޅޭ ރަށްރަށުން 30 ނޫނީ 40 މިނެޓުން ދެވޭ ދުރުމިނުގައި އެއާޕޯޓުތައް އެޅުމަކީ އޭރުގެ ސަރުކާރުގެ ސިޔާސަތެކެވެ. އެ ސިޔާސަތުގެ ދަށުން އެ ސަރުކާރުގައި އެއާޕޯޓު މަޝްރޫއުތައް އިއުލާނުކޮށް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ފަށައިފައިވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނު މެނިފެސްޓޯގައި، ޖަޒީރާ ރާއްޖެ ކޮންސެޕްޓުގެ ދަށުން ރާއްޖެ ގުޅާލާނީ ފެރީ ނިޒާމަކުން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިސަރުކާރުންވެސް އެކި ސަރަހައްދުތަކުގައި އެއާޕޯޓުތައް އެޅުމަށް ޕްލޭންކޮށް އެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުން ހިމެނެއެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓުތަކާއި ދަތުރުފަތުރުގެ ހަބުތައް ގާއިމް ކުރުމަށް ވަނީ ނިންމައިފައެވެ. އެ މަސައްކަތަށް އެހީތެރިވާނެ ބޭރުގެ ފަރާތްތައް ހޯދުމަށް ފޯރަމަށް ވަނީ ހުށަހަޅައިފައެވެ. އެ ހުށަހެޅުން ގަބޫލުކޮށް ކުވެއިތު ފަންޑުން ވަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އެހީވާނެ ކަމަށް ބުނެފަ އެވެ.

https://sun.mv/120491

މިއަދުގެ ފޯރަމުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމުގައި ސަރުކާރުގެ ތަސައްވަރު ހާމަކުރައްވައިފަ އެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުން 20 މިނެޓުން ދެވޭ ސަރަހައްދުތަކުގައި އެއާޕޯޓުތައް ގާއިމް ކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިސަރުކާރުގެ ދެ ވަޒީރަކު މިފަދައިން ވާހަކަ ދައްކަވާފައި ވަނިކޮށް، ޔައީސް ޔާމީނުގެ ސިޔާސަތުތައް މި ސަރުކާރަށް ކަމުގޮސް އެ ސިޔާސަތުތައް ތަންފީޒު ކުރަންފެށީތޯ، މީހަކު ވަނީ މިނިސްޓަރު ފައްޔާޒު އަރިހުން ސުވާލު ކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށާ ކައިރީ އެއާޕޯޓުތައް އެޅުމުގެ ސިޔާސަތަކީ ރަނގަޅު ސިޔާސަތެއް ކަމަށާއި ރައީސް ޔާމީނުގެ އެ ސިޔާސަތު މި ސަރުކާރުންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

"ދަތުރުފަތުރުން ރާއްޖެ ގުޅާލާނީ ކަނޑުމަގުންނާއި ވައިގެ މަގުން. އަވަސް އަދި ފަސޭހަ ކަނޑުދަތުރުގެ ނިޒާމަކާއެކު އަގުހެޔޮ ކޮށް ވައިގެ މަގުން ދަތުރު ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ގެންގުޅުނު މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި ގުޅާލުމުގެ ތަސައްވަރުު ކުރިއަށް ގެންދަން ނިންމައި އެ މަޝްރޫއުގެ ޕްރޮޕޯޒަލްވެސް ސަރުކާރުން ވަނީ ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅައިފަ އެވެ.

https://sun.mv/120440

އެ ހުށަހެޅުމުގައިވާގޮތުން މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި ބްރިޖަކުން ގުޅާލާ، މާލޭ ކޮމާޝަލް ޕޯޓު ގުޅިފަޅު އަދި ތިލަފުއްޓަށް ބަދަލު ކުރާނެއެވެ. މި ޕްރޮޖެކްޓަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް