ޒަމާނީ ފަރުވާތަކާ އެކު އިންޑިއާގެ އެސްޓާ މިމިސްގެ ކްލިނިކެއް ރާއްޖެއަށް

15 ޖޫން 2019: އިންޑިއާގެ އެސްޓާ މިިމިސް ހޮސްޕިޓަލުގެ އޮތޯޕީޑިކް ސްޕެޝަލިސްޓް ޑރ. ފައިޒަލް އިގްބާލް ޕެލްޑް އޮޕަރޭޝަން ކުރާ ގޮތް ކިޔައިދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ އެސްޓާ ޑީއެމް ހެލްތްކެއާ ކޮންގްލޮމަރޭޓަކީ އިންޑިއާގައި އާއި މެދު އިރުމަތީގައި ގިނަ އަދަދެއްގެ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލުތަކެއް ހިންގާ ކުންފުންޏެކެވެ. އެ ކޮންގްލޮމަރޭޓުގެ ދަށުން ކެރެލާގައި ހިންގާ އެސްޓާ މިމިސް ހޮސްޕިޓަލުގެ ކްނިކެއް ރާއްޖޭގައި ގާއިމް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެސްޓާ މިމިސް ހޮސްޕިޓަލުގެ އެކްޓިން ސީއީއޯ ނިތުޔަނަންދަ ޕީ ވަނީ ރާއްޖޭގެ މާކެޓާ މެދު އޭނާ ގެންގުޅުއްވާ ތަސައްވަރު "ސަން"އާ ހިއްސާ ކުރައްވައިފަ އެވެ.

15 ޖޫން 2019: އިންޑިއާގެ އެސްްޓާ މިމިސްގެ އެކްޓިން ސީއީއޯ ނިތުޔަނަންދަ "ސަން"އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ހެލްތް އެކްސްޕޯއަށް ރާއްޖެވަޑައިގެން އުޅުއްވާ ނިތުޔަނަންދަ ވިދާޅުވީ، އެސްޓާއިން ރާއްޖޭގައި ކްލިނިކެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނުވަތަ އެއް އަހަރު ދުވަހުގެ ތެރޭގައި ނިމި، އޭގެ ފޮނި ދިވެހީންނަށް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ގާއިމް ކުރާ ކްލިނިކުން އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކޭނެ ކަމަށެވެ. އަދި އެ ކްލިނިކުން ދޭނީ ހަމައެކަނި، އެސްޓާ މިމިސް އިން ފޯރުކޮށްދޭ ސްޕެޝަލިޓީ ޓްރީޓްމެންޓުތަކާ ބެހޭ ހިދުމަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި ބޭނުމެއް ނުވޭ، ރާއްޖޭގެ އެއްވެސް ފަރާތަކާ ވާދަ ކުރާކަށް. އަޅުގަނޑުމެން ބޭނުންވަނީ ހަމަ އެކަނި އަޅުގަނޑުމެންނަށް ދެވޭ ސްޕެޝަލިޓީ ފަރުވާތައް ފޯރުކޮށްދޭން. ރާއްޖެއިން ދެވޭ ހިދުމަތެއް ދޭކަށް ބޭނުމެއް ނޫން،" ނިތުޔަނަންދަ ވިދާޅުވިއެވެ.

15 ޖޫން 2019: އިންޑިއާގެ އެސްްޓާ މިމިސްގެ އެކްޓިން ސީއީއޯ ނިތުޔަނަންދަ "ސަން"އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓާ މިމްސްއިން ހެދޭ ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން އަދި ދީފައި ނުވި ނަމަވެސް، އެ ހުއްދަ ހޯދައިގެން އެ އޮޕަރޭޝަންތައް ރާއްޖޭގައި ކުރުމުގެ ޝައުގުވެރިކަންވެސް ނިތުޔަނަންދަ ފާޅުކުރެއްވި އެވެ. ނަމަވެސް، އެންމެ ފުރަތަމަ މަރުހަލާގައި ކްލިނިކުން ދޭން ވިސްނާފައި ވަނީ ކޮންސަލްޓޭޝަން ހިދުމަތެވެ. އަދި މީހާ އޮޕަރޭޓް ކުރަން ޖެހިއްޖެ ހާލަތެއްގައި ފޮނުވަން ނިންމާފައި ވަނީ އެސްޓާ މިމްސްއަށެވެ.

އެސްޓާއިން ހެދި ދިރާސާއަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، ކޮންމެ ވަގުތެއްގައި ވެސް 200 އެއްހާ ދިވެހިން އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް އުޅޭ ކަމަށެވެ. އަދި އޭގެ ތެރެއިން 20 އިންސައްތަ މީހުންނަކީ މައިބަދައިގެ މައްސަލަތަކަށް ފަރުވާ ހޯދަން ގޮސް އުޅޭ މީހުން ކަމަށެވެ.

މައިބަދައިގެ ޕާކިއުޓޭނިއަސް އެންޑޯސްކޯޕިކް ލަމްބާ ޑިސެކްޓަމީ އޮޕަރޭޝަން (ޕެލްޑް)

މައިބަދައިގެ ޑިސްކު ގުޑުމުގެ ސަބަބުން ވޭނުގައި އުޅޭ ދިވެހިންވެސް އެބަ ތިއްބެވެ. އެކަމަށް ފަރުވާ ހޯދަން ވެސް ދިވެހިން އިންޑިއާގެ ހޮސްޕިޓަލުތަކަށް ދަތުރު ކުރެ އެވެ. އެސްޓާ މިމްސްއިން އެކަމަށް ހާއްސަ ފަރުވާއެއް ދެއެވެ.

އާންމުގޮތެއްގައި ޑިސްކުގެ މައްސަލައެއް ހައްލު ކުރަން ޖެހެނީ އޯޕަން ޑިސެކްޓަމީ އޮޕަރޭޝަނެއް ކުރާށެވެ. އެއީ ގައިގައި މަސްގަނޑު ކަފައިގެން، މައިބަދައާ ހަމަށް ގޮސްގެން ކުރާ އޮޕަރޭޝަނެކެވެ. އެއީ ރިކަވަރީއަށް ދެތިން ދުވަސް ނަގާ، އަގުބޮޑު އޮޕަރޭޝަނެކެވެ. އަދި އެހެންމެ، ތަދު ކަނޑުވާ ބާރުގަދަ ބޭސް ބޭނުންކޮށް، ހޮސްޕިޓަލުގައި ގިނަ ދުވަސް މަޑު ކުރަން ޖެހޭ އޮޕަރޭޝަނެކެވެ.

15 ޖޫން 2019: އިންޑިއާގެ އެސްޓާ މިިމިސް ހޮސްޕިޓަލުގެ އޮތޯޕީޑިކް ސްޕެޝަލިސްޓް ޑރ. ފައިޒަލް އިގްބާލް ޕެލްޑް އޮޕަރޭޝަން ކުރާ ގޮތް ކިޔައިދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައިބަދައިގެ މައްސަލަތަކަށް ފަރުވާ ދިނުމުގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ މިމްސްގެ އޮތޯޕީޑިކް ސްޕެޝަލިސްޓް ޑރ. ފައިޒަލް އިގްބާލް ވިދާޅުވި ގޮތުގައި އެ މައްސަލައަށް މިހާރު މިމްސް އިން ދެނީ އެންމެ ޒަމާނީ ހައްލެވެ. އެއީ ޖަރުމަނުގައި ތައާރަފުކޮށް ފައްކާ ކުރި ޕާކިއުޓޭނިއަސް އެންޑޯސްކޯޕިކް ލަމްބާ ޑިސެކްޓަމީ އޮޕަރޭޝަނެވެ.

އެ އޮޕަރޭޝަނަކީ މީހާގެ ހަށިގަނޑުގެ ބުރަކަށީގެ އަރިމައްޗަކުން ކެމެރާއެއް އަދި ކުޑަ ކުޑަ އާލާތްތައް ހަރުކޮށްފައި ހުންނަ އެންޑޯސްކޯޕީ ތިނޯހެއް ކޮށްޕައިގެން ކުރާ އޮޕަރޭޝަނެކެވެ. ޑޮކްޓަރު މައިބަދަ އޮޕަރޭޓު ކުރާނީ ރިމޯޓް ކޮންޓްރޯލު ސިސްޓަމެއްގެ އެހީގަ އެވެ. އޮޕަރޭޝަން ކުރާ އިރު ބަލި މީހާ އޮންނާނީ ހޭލަ އެވެ. މާ ބޮޑު ވޭނެއް ތަހައްމަލު ކުރަން ނުޖެހޭ އިރު، އޮޕަރޭޝަން ކޮށް ނިމުމުން، ވަގުތުން ޑިސްކު ގުޑުމުގެ ސަބަބުން ލިބޭ ވޭން ފިލައިގެންދާ ކަމުގެ އިހުސާސު ކުރެވޭނެ ކަމަށް ޑރ. އިގްބާލް ވިދާޅުވި އެވެ.

މި އޮޕަރޭޝަނަކީ ޑރ. އިގްބާލް ވިދާޅުވާ ގޮތުގައި އެންމެ 45 މިނެޓުގެ އޮޕަރޭޝަނެކެވެ. އަދި އޮޕަރޭޝަންކޮށް ނިމުމުން، އެ ދުވަހުން އެ ދުވަހަށް ބަލި މީހާ ޑިސްޗާޖް ކުރާނެ އެވެ. ޑރ. އިގްބާލް ވަނީ މިދިޔަ އަހަރު އެކަނި ޕެލްޑްގެ 98 ކާމިޔާބު އޮޕަރޭޝަންކޮށްފަ އެވެ.

15 ޖޫން 2019: އިންޑިއާގެ އެސްޓާ މިިމިސް ހޮސްޕިޓަލުގެ އޮތޯޕީޑިކް ސްޕެޝަލިސްޓް ޑރ. ފައިޒަލް އިގްބާލް ޕެލްޑް އޮޕަރޭޝަން ކުރާ ގޮތް ކިޔައިދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އޮޕަރޭޝަނުގެ އަގު ވެސް އޯޕަން ޑިސެކްޓަމީ އޮޕަރޭޝަނަށް ވުރެ ކުޑަ ވާނެ ކަމަށް ޑރ. އިގުބާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނުގެ އަގަކީ 3000 ޑޮލަރެވެ.

ޕެލްޑް ތައާރަފު ކުރީ 2002 ވަނަ އަހަރު އެވެ. އެފަހުން ޓެކްނޮލޮޖީއަށް ލިބިފައިވާ ކުރިއެރުމާއެކު މިއަދު ބޭނުން ކުރާ އާލާތްތަކާ އެކު އެ އޮޕަރޭޝަން ކުރަން ފެށީ 2010 ވަނަ އަހަރު އެވެ. މިއަދު އިންޑިއާގެ އިތުރުން ޖަރުމަނުގައި އާއި އޮސްޓްރޭލިއާގައިވެސް އެ އޮޕަރޭޝަން ކުރެ އެވެ.

އެސްޓާ މިމްސް ހޮސްޕިޓަލުގެ ކްލިނިކެއް ރާއްޖޭގައި ގާއިމްކޮށް، ހިދުމަތް ކުރިއަރުވަމުން އައިސް މިފަދަ ޒަމާނީ އޮޕަރޭޝަންތައް ރާއްޖޭގައި ކުރުމުގެ ތަސައްވަރު އެ ހޮސްޕިޓަލުގެ ސީއީއޯ ނިތުޔަނަންދަ ގެންގުޅުއްވަ އެވެ. ނަމަވެސް، އަދި ރާއްޖޭގައި އެ އޮޕަރޭޝަން ކުރުމުގެ ހުއްދަ ނެތުމުން، އޭނާ އެދިވަޑައިގަންނަވަނީ ކެރެލާއަށް ވަޑައިގެން ހައްލު ހޯއްދެވުމަށެވެ.

comment ކޮމެންޓް