ކޮމަންވެލްތާ އަލުން ގުޅުމަށް ލިޔުންތައް ހުށަހަޅައިފި

ފޮރިން މިނިސްޓަރު ޝާހިދު ކޮމަންވެލްތުގެ ސެކްރެޓެރީ ޖެނަރަލަށް ލިޔުންތައް އަރުއްވަނީ--ފޮޓޯ: ޕެޓްރީޝިއާ

ކޮމަންވެލްތާ އަލުން ގުޅުމަށް ލިޔުންތައް ހުށަހަޅައިފިއެވެ.

ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް މިއަދު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ ކޮމަންވެލްތާ އަލުން ގުޅުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލިޔުންތައް ހުށަހަޅުއްވާފައިވާ ކަމަށެވެ.

"އުއްމީދުކުރަން އޮމާންކަމާއެކު ވީހާވެސް އަވަހަށް މިކަން ނިމިގެންދާނެ ކަމަށް" ޕެޓްރީޝިއާ ވިދާޅުވިއެވެ.

ކޮމަންވެލްތާ ރާއްޖެ ވަކިވީ ކުރީގެ ސަރުކާރުގައެވެ. ނަަމަވެސް އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ވަނީ ކޮމަންވެލްތާ އަލުން ގުޅުމުގެ މަސައްކަތް ފަށައިފައެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ކޮމަންވެލްތާ އަލޫން ގުޅުމަށް މަޖިލީހުގައި ނެގި ވޯޓުން ބޮޑު އަގުލަބިއްޔަތަކުން ވަނީ ފާސްވެފައެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕެޓްރީޝިއާ ސްކޮޓްލޭންޑަށް އަރިސްކޮށް ފޮނުއްވި ސިޓީގައި ވިދާޅުވީ ކޮމަންވެލްތުގެ ޗާޓަރާއި އަދި ހަރާރޭ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި ސާބިތުކަމާއެކީ ހުންނަވާނޭ ކަމަށެވެ.

ކުރީ ސަރުކާރުން އިރާން އަދި ގަތަރާވެސް ގުޅުން ކަނޑާލިއެވެ. އާ ސަރުކާރުން ބުނީ އެ ދެ ގައުމާ އަލުން ގުޅުން ގާއިމްކުރައްވާނެ ކަމަށެވެ. ނަަމަވެސް މިހާތަނަށްވެސް އެކަމާ ގުޅޭގޮތުން އަލުން ގާއިމްކުރުމުގެ މަސައްކަތާ ބެހޭޣޮތުން ފޮރިން މިނިސްޓްރީން ވަކި އެއްޗެއް ނުބުނެއެވެ.

comment ކޮމެންޓް