އިކޮނޮމިކް މިނިސްޓަރު ވިދާޅުވަނީ ކަރަންޓްގެ އަގު ހެޔޮކުރަން މަޝްވަރާކުރަނީ ކަމަށް

މީގެ ކުރިން ބޭއްވި، އެސްއެމްއީ ބޭންކު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު މިނިސްޓަރު ފައްޔާޒުއާ އެކު -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ދެ މަހެއްހާ ދުވަހު ކަރަންޓް ބިލްތައް ބޮޑުވެ އެކަމާ މެދު އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ކަރަންޓްގެ އަގު ހެޔޮ ކުރަން ސަރުކާރުން އަދިވެސް އޮތީ މަޝްވަރާގެ މަރުހަލާގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހާމަކުރައްވައިފި އެވެ.

މިއަދު ރާއްޖޭގައި ފެށި، ސާކް ކައުންސިލް އޮފް އެކްސްޕާޓްސް އޮފް އެނާޖީ ރެގިއުލޭޓާސްގެ ހަތަރުވަނަ ބައްދަލުވުން ފެށުމަށް ހޮޓަލްޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ސަރުކާރަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓްގެ އަގު ބޮޑުވުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާންމުންނާއި ވިޔަފާރިތަކަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭކަން ދެނެވަޑައިގެން ހުންނެވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކަރަންޓްގެ އަގު ހެޔޮކުރަން އަބަދުވެސް ކުރިމަތިވާ ގޮން ޖެހުމަކީ، ކަރަންޓްގެ އަގު ހެޔޮކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ދޭން އުނދަގޫވުމެވެ.

"އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވީހާވެސް ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަށް. ރާއްޖޭގައި އެކަން ކުރެވޭނެ ގޮތްތައް މިހާރު ބަލަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އެހެން ވިދާޅުވި އިރު ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ކަރަންޓްގެ އަގު ސަރުކާރުން ހެޔޮކޮށްފައިވާ ކަމަށެވެ. ސްޓެލްކޯއިން ވެސް ބުނެފައި ވަނީ މިދިޔަ މަހު ލިބޭނީ އަގު ހެޔޮ ބިލެއް ކަމަށެވެ. އެހެން ނަމަވެސް، މިދިޔަ ދެ މަހުގެ ތެރޭގައި ކަރަންޓް ބިލްތައް ގާތްގަނޑަކަށް 200 ޕަސެންޓް ބޮޑުވެ، އެކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުން އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ވީހާވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ. އަދި ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަންތައްތަކުގެ ތެރޭގައި ކަރަންޓް އަގު ހެޔޮ ކުރުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ރާއްޖޭގައި ކަރަނަޓް އަގު ހެޔޮ ކުރަން ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ނިޒާމްތަކެއް ތަރައްގީ ކުރުމެވެ. އަދި އެފަދަ ކަރަންޓް ގަނެ ވިއްކޭނެ ބާޒާރެއް އޮންނަން ޖެހޭ ކަމަށާއި ނަމަވެސް އެފަދަ ބާޒާރެއް ނެތުމަކީ ކަރަންޓް އަގު ބޮޑުވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ، ސަރަހައްދީ ގައުމުތައް ގުޅިގެން ކަރަންޓް ގަނެ ވިއްކޭނެ ވާދަވެރި ބާޒާރެއް އުފެއްދުމުގެ މުހިންމުކަން މިއަދު ފާހަގަ ކުރައްވައިފަ އެވެ.

comment ކޮމެންޓް