އިނގިރޭސިވިލާތާ ގުޅުންތައް ބަދަހިކުރާނީ ބްރެގްސިޓަށް ފަހު: ޓްރަމްޕް

ޓްރަމްޕް ބަކިންގްހަމް ޕެލަސްގައި --

ލަންޑަން (ޖޫން 5): އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އެގައުމާއެކު އެމެރިކާއިން އިގްތިސާދީ ގުޅުންތައް ބަދަހިކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު ތެރީސާ މޭ އާ ބައްދަލުކުރެއްވުމަށްފަހު ޓްރަމްޕް ވިދާޅުވީ ބްރެގްސިޓްގެ ކަންތައް ނިމުމަށްފަހު، އިނގިރޭސި އިގްތިސާދަށް ފައިދާ ކުރުވާނެ ފަދަ ވިޔަފާރީގެ ބޮޑެތި އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ. އަދި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ހިތްވަރުދެއްވައި ވާހަކަ ދެއްކެވިއެވެ.

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިނގިރޭސި ރާނީ އެލިޒަބަތު (ދެވަނަ)އާއި ވަލީއަހުދު ޗާލްސްއާ ވަކިވަކިން ބައްދަލުކުރައްވާފައި ވާއިރު އިއްޔެ ވަނީ އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭއާ ބައްދަލުކުރައްވައި ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް ތިއްބަވަނީ ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސްގައެވެ.

ޓްރަމްޕްގެ ދަތުރުފުޅާ ދިމާކޮށް އިނގިރޭސި އެތައް ހާސް ރައްޔިތުންނެއް ވަނީ، އެމެރިކާއިން އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާކޮށްފައެވެ. އެގޮތުން ފަލަސްތީނުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަށް އެމެރިކާ ވާގިވެރިވުމާއި، ޔަމަނަށް ހަމަލާ ދިނުމަށްޓަކައި އެމެރިކާއިން ސައުދީއަށް ހަތިޔާރު ފޯރުކޮށްދިނުން ފަދަ ކަންކަމާ ދެކޮޅަށްވެސް ދަނީ އަޑު އުފުލަމުންނެވެ.

ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެން އެންމެ ފުރަތަމަވެސް ބަހުގެ ހަމަލާތައް ދެއްވީ ލަންޑަންގެ މޭޔަރު ސޯދިގު ޚާންއަށެވެ. ޓްރަމްޕް ވަނީ ސޯދިގު ޚާންއަކީ އިނގިރޭސި ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމުގައި ނާކާމިޔާބުވެފައިވާ ދޮގުވެރިއެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ޓްރަމްޕް ވަނީ އިނގިރޭސި އިދިކޮޅު ލީޑަރު އަދި ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިންއަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ޓްރަމްޕް ވަޑައިގަތުމުގެ ކުރިން ލަންޑަނުގެ މޭޔަރު ވަނީ، ފާޝިސްޓް ފިކުރުގެ މީހެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވައި، އޭނާއާ މެދު ސަމާލުވުމަށް އިނގިރޭސި ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި އިނގިރޭސިވިލާތާއި ޔޫރަޕުގެ އެހެން ގައުމުތަކުގައި ފާޅުވަމުންދާ "ފާ ރައިޓް" ފިކުރުގެ މީހުންނަށް ހިތްވަރުދީ، އެމީހުންގެ ފަހަރުގައިވެސް ހުންނެވީ ޓްރަމްޕް ކަމަށާއި، ޓްރަމްޕްއަކީ މުސްލިމުންނާ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާވެސް ދުޝްމަނެއްގެ ގޮތުގައި ސޯދިގު ޚާން ސިފަކުރެއްވިއެވެ.

ޓްރަމްޕް އިނގިރޭސި އިދިކޮޅު ލީޑަރު ޖެރެމީ ކޯބިންއާއި ލަންޑަންގެ މޭޔަރު ސިޯދިގް ޚާންއަށް ބަހުގެ ހަމަލާތައް ދެއްވީ އެ ދެބޭފުޅުން އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކޮށް ފަލަސްތީނުގެ ހައްގުތަކަށް ފާޅުގައި ތާއީދު ކުރައްވާތީ ކަމަށް ޚަބަރުތައް ބުނެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް