ދިވެހި ފަތުރުވެރިން ގެސްޓްހައުސްތައް ފުރާލައިފި

ފިތުރު އީދު ބަންދާ ދިމާކޮން މާލެއިން ބޭރަށް -- ސަން ފޮޓޯ -- އަހުމަދު އަވްޝަން އިލްޔާސް

ދިވެހިންނަކީ ދަތުރު ކުރަން މާވަރެއް ހުންނަ ބައެކެވެ. ބަންދެއް އައިސްފިއްޔާ ރަށުގައި މަޑުން ތިބޭމީހުންނަށްވުރެ ކޮންމެވެސް ދިމާލަކަށް ދަތުރެއް ޖައްސާލަން ބޭނުންވެފައި ތިބޭ މީހުން ގިނަ އެވެ. ހާއްސަކޮށް ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން ދާވަރަކަށް، އެއްރަށުން އަނެއްރަށަށް ދަތުރުކުރާ މީހުންގެ އަދަދު މި އަންނަނީ އިތުރުވަމުން އެވެ.

ތަންކޮޅެއް ކުރިއަށް ޖެހިލާ ބަލާލާނަމަ، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރަނީ، އެދާރަށެއްގައި ގާތް މީހެއް ނޫނީ ރައްޓެއްސެއް އުޅޭ ނަމަ އެވެ. ކަމާ ކަންފަށައި، އެ ރަށް ބަލާ ޗުއްޓީ ހޭދަކުރަން ގޮސް އުޅޭ މީހުން އޭރު ވަރަށް މަދެވެ. ނަމަވެސް ގެސްޓްހައުސް ވިޔަފާރިއާއެކު މި ސަގާފަތް ބަދަލުވެ، ރާއްޖޭގެ ރަށްރަށް ބަލާލައި އެކްސްޕްލޯ ކުރަން ދަތުރުކުރާ ދިވެހިންގެ އަދަދު އަންނަނީ އިތުރުވަމުން އެވެ. ހާއްސަކޮށް އީދު ބަންދާއި ތަންކޮޅެއް ދިގު ހަފްތާ ބަންދުތަކުގައި ރަށްރަށަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުުރުވެއްޖެ އެވެ.

ގެސްޓުހައުސްގެ ވިޔަފާރި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާވަމުން އަންނައިރު، ކ އަތޮޅާއި އަރި އަތޮޅު އަދި ބ. އަތޮޅާއި ވ. އަތޮޅަކީ ގެސްޓުހައުސް ވިޔަފާރި ފައްކާވެފައިވާ ސަރަހައްދުތަކެވެ. ޑިމާންޑު ބޮޑު ގިނަ ގެސްޓުހައުސްތަކެއް މި ސަރަހައްދުތަކުގައި ހިންގަ އެވެ. ޗުއްޓީތަކާ ދިމާކޮށް އެންމެ ބާރުބޮޑުވާ ސަރަހައްދުތަކަކީވެސް މިއެވެ.

މިފަހަރުގެ ކުޑައީދު ބަންދާ ދިމާކޮށް ގެސްޓުހައުސްތަކަށް ވަނީ ބާރު ބޮޑުވެފައެވެ. ހާއްސަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ހިންގާ ގެސްޓު ހައުސްތަކުގައި ދިވެހިން ގިނަ އަދަދަކަށް ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.

އއ. ތޮއްޑޫ ގެސްޓްހައުސްއެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ގެސްޓްހައުސް އެސޯސިއޭޝަނުގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، އީދުގެ ހަފްތާ އެއް، ދެހަފްތާ ކުރިން ބުކިން ހަދައި ދިވެހިން ދަތުރަށް ތައްޔާރުވާ ކަމަށެވެ. މިފަހަރުގެ އީދު ބަންދުގައި ކ. އަތޮޅާއި އަރިއަތޮޅު އަދި ވ. އަތޮޅާއި ބ. އަތޮޅުގެ ގެސްޓުހައުސްތަކުގެ ލޯކަލް އޮކިޔުޕެންސީ ވަރަށް ބޮޑަށް ރަނގަޅު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެންމެ ގިނަ ގެސްޓުހައުސް ހިންގާ ކ. މާފުށީގައި ހުންނަ އެރީނާ ގެސްޓުހައުސް އިން ބުނީ އީދުގެ ދެ ހަފްތާ ކުރިން ދިވެހިން ޗުއްޓީ އަށް ރޫމް ބުކް ކުރަން ފަށާ ކަމަށެވެ. ފެން އީދެއް ނަމަވެސް، މިފަހަރުގެ އީދާ ދިމާކޮށްވެސް އެރީނާގައި ގިނަ ދިވެހިންތަކެއް ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މާފުށީގައި ހުންނަ އެރީނާ ބީޗް ހޮޓެލް -- ފޮޓޯ: އަލީ އުމަރު މަނިކު (ފޭސްބުކް)

"އާންމުކޮށް ދެ ތޭ، ތިން ދުވަސް ލޯކަލްސް އިން ހޭދަކުރޭ. ބައެއް ފަހަރު ޗުއްޓީތަކާ ދިމާކޮށް ޕެކޭޖު ވިއްކަން. ޕެކޭޖާ ނުލާވެސް ގިނަ ދިވެހިން އާދޭ. ޕަބްލިކް ހޮލިޑޭސް ތަކުގައިވެސް ޑިމާންޑު އޮވޭ. ހާއްސަކޮށް މުސާރަލިބޭ ދުވަސްވަރާ ދިމާވާނަމަ ލޯކަލް އޮކިޔުޕެންސީ ވަރަށް ރަނގަޅު. މި އީދުގައިވެސް ގިނަ އަދަދެއްގެ ދިވެހިން އެބަތިބި،" އެރީނާ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.

ދަނޑުވެރިކަމަށް މަޝްހޫރު އއ. ތޮއްޑޫ އަކީވެސް ގެސްޓުހައުސްގެ ރަށެކެވެ. ދިވެހިންނާއި ބޭރުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތޮއްޑޫގައި ހުންނަ ސަމާ އިން ގެސްޓު ހައުސްގެ ހުރިހާ ރޫމެއް މިވަގުތު އޮތީ އީދު ޗުއްޓީ އަށް އެރަށަށްދިޔަ ދިވެހިންނާއެކު އެއްކޮށް ފުލްވެފައެވެ. ސަމާ އިން އިންވެސް ބުނީ ދިވެހިން ޗުއްޓީތަކާ ދިމާކޮށް 15 ދުވަސް ކުރިން ރޫމް ބުކް ކުރާ ކަމަށެވެ.

އއ. ތޮއްޑޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިކޮޅަށްވެސް އާދޭ ވީކެންޑުތަކުގައިވެސް. މި އީދުގައި އެއްކޮށް ފުލްކޮށް މިއުޅެނީ ހުސް ލޯކަލްސް. މިފަހަރު އަޅުގަނޑުމެން ޕެކޭޖެއްވެސް ވިއްކިން ކަޕްލްސް ތަކަށް ހާއްސަކޮށްގެން. ވަރަށް ބޮޑު ސަޕޯޓެއް ލިބުނި. ފެން އީދެއް ނަމަވެސް ވަރަށް ރަނގަޅޭ ބުނެވޭނީ،" ސަމާ އިން އިން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

ގިނަ ބަޔަކު ތޮއްޑޫއަށް ޗުއްޓީއަށްދާ ދެ ސަބަބެއް އެ ގެސްޓު ހައުސް އިން ފާހަގަ ކުރިއެވެ. އެއީ ތޮއްޑޫގައި އޮންނަ "ވާއު" މަގުގައި ފޮޓޯ ނެގުމާއި، އެރަށުގައި އޮންނަ ހިތްގައިމު ބީޗުގައި ފޮޓޯ ނެގުމެވެ.

އީދާ ދިމާކޮށް އއ ރަސްދޫ އަށްވެސް ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ ހޭދަކުރަން ދިޔައެވެ. އެރަށުގެ ގެސްޓުހައުސް އަކުންވެސް ބުނީ އީދު އޮކިޔުޕެންސީ ރަނގަޅު ކަމަށެވެ. ދިވެހިން ޗުއްޓީ ހޭދަކުރަން ރަށްރަށަށް ދާ މިންވަރު އިތުރުކަން ރަސްދޫގައި ހިންގާ ގެސްޓުހައުސްތަކުންވެސް ފާހަގަ ކުރިއެވެ.

އާންމުކޮށް އީދު ޗުއްޓީ އަދި ސްކޫލު ޗުއްޓީ އާ ދިމާކޮށް ރަށްރަށަށް ދަތުރުކުރާ މީހަކު ބުނީ، ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށްވުރެ، ރާއްޖޭގެ ރަށްރަށަށް ގޮސް ރާއްޖޭގެ ހިތްގައިމުކަން ތަޖުރިބާ ކުރުމުން ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށެވެ.

"މިހާރު ދެ އަހަރު ވަރު ވަނީ މި. މިގޮތަށް ލިބޭ ކުރު ޗުއްޓީތަކުގައި މިދަނީ ކޮންމެވެސް ރަށަކަށް . ގެސްޓުހައުސްތަކާ އެކު ވަރަށް ފަސޭހަ ރަށްރަށުގައި ތިބެން،"

ކ. ހިންމަފުށީ އަތިރިމަތި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގެސްޓުހައުސްތަކަށް ދިވެހިންގެ ފަރާތުން ބޮޑު ޑިމާންޑެއް އޮންނައިރު، ބޭރުގެ ފަތުރުވެރިންނެކޭ އެއްގޮތަށް ދިވެހިންވެސް އޮންލައިންކޮށް ގެސްޓުހައުސްތައް ބުކް ކުރާ ކަން ގެސްޓު ހައުސް އެސޯސިއޭޝަނުން ފާހަގަ ކުރެއެވެ.

"ކުރީގައި ވާގޮތަކީ ރަށްރަށަށް މި ދަތުރު ކުރަނީ އެރަށެއްގައި ރައްޓެއްސެއް ހުރިނަމަ. އަނެއްކާ ރާއްޖޭގެ ރަށްރަށުގައި ހުންނަ ހާއްސަ ކަންތައްތަކާއި ރަށުގެ ރީތިކަން ދިވެހިންނަށް ހާއްސަކޮށްގެން މާކެޓެއްވެސް ނުކުރެވޭ. އޭރު އިންބައުންޑް ޓޫރިޒަމް އެއްގޮތަކަށްވެސް ނެތޭ ބުނެވިދާނެ. އެކަމަކު، ގެސްޓު ހައުސްތަކާއެކު އިންބައުންޑް ޓޫރިޒަމް މިދަނީ ފުޅާވަމުން. އެއްރަށުން އަނެއްރަށަށް ޗުއްޓީ ހޭދަކުރަންދާ މީހުންގެ އަދަދުވެސް މިދަނީ އިތުރުވަމުން،" ކަރަމް ވިދާޅުވިއެވެ.

comment ކޮމެންޓް