ރޯދައިގެ ވަސިއްޔަތް: އީދުގެ އުފަލުގައި ބައިވެރިވުން

މާލެގައި މީގެ ކުރިން ބޮޑު ޖަމާއަތުގައި ކުރެވުނު އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޢީދު ދުވަހަކީ އުފާފާޅުކުރުމުގެ ދުވަހަވެ. މުސްލިމު އަޚުންނަށް ޒިޔާރަތްކޮށް ތަހުނިޔާކިޔައި ހެޔޮ ދުޢާ ކުރުމުގެ ދުވަހެވެ. ރަމަޟާންމަހުގެ ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމުގެ ހެޔޮ ތައުފީގު ދެއްވިކަމަށްޓަކައި މާތްﷲއަށް ޝުކުރުވެރިވެ ތަކުބީރު ކިޔުމުގެ ދުވަހެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ" (البقرة 185)

މާނައީ: "ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ހައްޤާއި ބާތިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރާށެވެ. ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ އަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲއަށް ތަކްބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ."

މިއާޔަތުގެ ފަހުބައިގައި ކީރިތިވަންތަ ﷲ އެ ވަނީ ރަމަޟާންމަހުގެ ރޯދައާއި ވިދިގެން ޢީދު ދުވަހެއް ލައްވާފައިވުމުގެ ޙިކުމަތް ބަޔާންކުރައްވާފައެވެ. އެއީ މިފަދަ މަތިވެރި މައްސަރެއްގައި އަޅުކަން ކުރުމުގެ ފުރިޞަތުދެއްވައި ދުނިޔޭގައި ލެހެއްޓެވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރު ކުރުމަށެވެ. އަދި ޝުކުރުވެރިކަން ފާޅުކުރުމުގެ ގޮތުން ތަކްބީރު ކިޔުމަށެވެ.

އެގޮތުން މާތް ރަސޫލާ صلى الله عليه وسلمއާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އެދުވަސްތަކުގައި އަޑުހަރުކޮށް ތަކުބީރު ކިޔުއްވެވިއެވެ. ބައެއް ޞަޙާބީން ބާޒާރުތަކުގެ މައްޗަށް ނުކުމެވަޑައިގެން ހަރުއަޑުން ތަކުބީރު ކިޔުއްވައެވެ. އަދި އެބޭކަލުންގެ ތަކްބީރުގެ އަޑަށް މުޅި ބާޒާރުގެ އެންމެން ތަކުބީރު ކިޔައެވެ. މުޅި ރަށު ތެރޭގައި މާތްﷲގެ މަތިވެރިކަމުގެ މައްޗަށްވެވޭ އިޤުރާރުގެ އަޑު ގުމައިގެން ދެއެވެ.

ޢީދުގެ އުފާ ފާޅުކުރުމަކީ ދީނުގެ މެދުމިންކަމާއި، ޢަދުލުވެރިކަން ދައްކުވައިދޭ ކަމެކެވެ. ޢީދު އުފަލުގައި ބައިވެރިވުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި މިފަދަ މަތިވެރި ޢީދަކާއި ވިދިގެން، ޢީދު ނަމާދުގެ އަޅުކަމުގައި ބައިވެރިވާ ހިނދު، ޢީދު ނަމާދުގެ ޝަރުޢީ އަދަބުތައް އުނގެނެން ޖެހެއެވެ. އެގޮތުން މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ސާބިތުވާ، ޢީދުގެ ބައެއް އަދަބުތަކަށް ބަލައިލާނަމެވެ.

  • ފެންވަރާ އަތަރު ލައި ރީތި ހެދުމެއްލުން ސުންނަތްވެގެން ވެއެވެ. އިބްނު ޢުމަރު رضي الله عنهماގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ޢީދު ނަމާދަށް ނިކުންނެވުމުގެ ކުރިން ހިނައި ޠާޙިރުވެވަޑައިގަންނަވައެވެ. ޢީދަށް ހިނައިގަތުމުގައި، ނިޔަފަތި ކަނޑައި، ކިހިލިފަތުން އިސްތަށި ބާލައި ހެދުންވެސް ސުންނަތްވެގެންވާ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
  • ފިތުރު ޢީދުގައި، ޢީދު ނަމާދަށް ނިކުތުމުގެ ކުރިން ކަދުކުރު ކެއުން ސުންނަތްވެގެންވެއެވެ. އެގޮތުން އޮނަހިރި އަދަދަކުން ކަދުރު ކެއުން، އެބަހީ ތިން އޮށް ނުވަތަ ފަސް އޮށް ކަދުރު ކެއުމެވެ. އަނަސް رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. "މާތް ނަބިއްޔާ صلى الله عليه وسلم ޢީދު ނަމާދަށް ވަޑައިގެންނެވުމުގެ ކުރިން ކަދުރު ފަރީއްކުޅުވައެވެ. އަދި ފަރީއްކުޅުއްވަނީ އޮނަހިރި އަދަދަކަށެވެ."
  • ޢީދު ނަމާދަށް ދާ މަގު ނޫން އެހެން މަގަކުން އެނބުރި އައުން ސުންނަތްވެގެންވެއެވެ. މިފަދައިން ޢަމަލު ކުރުމުގެ ޙިކުމަތަކީ، ގިނަ ބަޔަކާއި ބައްދަލުވެ ސަލާންކޮށް ތަހުނިޔާ ކިޔާ އުޅުމުގެ ފުރުސަތު ބޮޑުވުމެވެ.
  • ޢީދު ނަމާދު ކުރުން ސުންނަތްވެގެންވަނީ މައިދާނެއްގައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޢަމަލު ކުރައްވާފައިވަނީ އެފަދައިންކަމުގައި ރިވާވެގެންވެއެވެ.
  • ޢީދު ނަމާދުގެ އިސްފަހުގައި ސުންނަތް ކުރުމެއް ނޯވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޢީދު ނަމާދުގެ ކުރިން ނުވަތަ ފަހުންވެސް ސުންނަތް ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޢީދު ނަމާދު ކުރަނީ މައިދާނެއްގައި ނޫންކަމުގައިވާނަމަ، މިސްކިތުގައި ޢީދު ނަމާދު ކުރާކަމުގައިވާނަމަ، މިސްކިތށް ވަދެ އިށީނުމުގެ ކުރިން މިސްކިތުގެ ސުންނަތް އަދާކުރަންޖެހެއެވެ.

މިފަދަ މަތިވެރި ދީނީ ޝިޢާރެއް ފާޅުކުރުމުގެ ވަގުތަކުގައި ފާހިޝް ޢަމަލުތަކާއި މުންކަރާތްތަކުން ދުރުހެލިވެ ޝަރުޢީ އަދަބުތަކާ އެއްގޮތަށް އުފާފާޅުކުރުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް