ޓްރަމްޕްގެ ތާއީދާއި މަދަދު އިނގިރޭސި ހަރުކަށި ލީޑަރުންނަށް

ޓްރަމްޕާއި ބޮރިސް ޖޯންސަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ ފާޝިސްޓް ފިކުރުގެ ނުރައްކާތެރި ބޭފުޅެއްކަމާއި އޭނާއާމެދު ސަމާލުވާންޖެހޭ ކަމަށް ލަންޑަންގެ މޭޔަރު ސިއްދީގު ޚާން ދެއްވަމުން ގެންދަވާ އިންޒާރުތައް އޭނާ އަނެއްކާވެސް މިވަނީ ތަކުރާރު ކުރައްވައިފި އެވެ.

ސިއްދީގު ޚާން އަނެއްކާވެސް އޭނާގެ އުދާސްތައް ބަންޑުން ކޮށްލައްވާފައި މިވަނީ ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ވަގުތާ ދިމާކޮށެވެ.

ސިއްދީގު ޚާން ވިދާޅުވީ ޓްރަމްޕް އަކީ ނުރައްކާތެރި ފާޝިސްޓް ފިކުރުގެ ބޭފުޅެއްކަމަށާއި ޓްރަމްޕާއި އޭނާފަދަ ހަރުކަށި އަދި ޚުދުމުޚްތާރު ފާޝިސްޓް ލީޑަރުންގެ ސަބަބުން ހުޅަނގުގެ ލެބެރަލް ޑީމޮކްރަސީ އަށާއި މީގެ ހަތްދިހަ އަހަރުން ފެށިގެން ޔޫރަޕުން ގެންގުޅޭ އިންސާނީ އަގުތަކާއި ވެލިއުތަކަށް ނުރައްކާވެފައިވާ ކަމުގައެވެ.

ލަންޑަންގެ މޭޔަރު ސިއްދީގް ޚާން

ލަންޑަންގައި ނުކުންނަ "ދި އޮބްޒާވާ" ނޫހުގައި ލިޔުއްވާފައިވާ މަޒްމޫނެއްގައި ސިއްދީގް ޚާން ވިދާޅުވީ ޓްރަމްޕަކީ 20 ވަނަ ގަރުނުގައި ޔޫރަޕްގައި އުފެދުނު ފާޝިޒަމް ގެ ފިކުރުގެ ބޭފުޅެއްކަމަށާއި ޓްރަމްޕް އޭނާގެ ސަޕޯޓަރުން އެއްކުރުމަށާއި ސިޔާސީ ތާއީދު ހޯދުމަށް ބޭނުންކުރައްވަނީ އިޓަލީގެ ކުރީގެ ޑިކްޓޭޓަރު ބެނީޓޯ މޯސިލީނީގެ ފާޝިޒަމް ފަލްސަފާއާއި އޭގެ އުސޫލުތައް ކަމުގައެވެ.

ފާޝިޒަމް މޫމެންޓަކީ 1919 ވަނަ އަހަރު މޮސިލިނީ އުފެއްދި އޮތޯރިޓޭރިޔަން (ޚުދުމުޚްތާރު) މޫމެންޓެކެވެ.

ޔޫރަޕްގައި ދެވަނަ ބޮޑު ހަނގުރާމައިގެ ހުޅު ރޯކޮށްލީ މޮސިލީނީގެ ފާޝިސްޓް ފިކުރާއި ޖަރުމަނުގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރުގެ ނާޒީ ފިކުރު ގުޅިގެން ހިންގި ޚުދުމުޚްތާރު ހަރަކާތްތަކުގެ ތެރެއިންނެވެ. ނަތީޖާއަކީ ޖަރުމަނާއި އިޓަލީގެ އިތުރުން މުޅި ޔޫރަޕް ހަލާކުވެގެންދިޔަ ދެވަނަ ބޮޑު ހަނގުރާމައަށް ވަގުފަހިވެގެން ދިޔުމެވެ.

"ދި އޮބްޒާވާ" ނޫހުގައި ލިޔުއްވާފައިވާ މަޒްމޫނުގައި ސިއްދީގު ޚާން ވަނީ ޓްރަމްޕްފަދަ މިނިވަން ފިކުރާއި ޑިމޮކްރަސީއާއި އަދި އިންސާނީ ހައްގުތަކާ އިދިކޮޅު ފާޝިސްޓް ޕޮޕިއުލިސްޓް ފިކުރުގެ ބޭފުޅަކަށް އިނގިރޭސި ރާނީގެ ފަރާތުން މަރްހަބާ ކިޔުމަށް ބަކިންގްހަމް ޕެލަސްއިން ކުރިޔަށް ގެންދަން ރާވާފައިވާ ޕްރޮގްރާމްތަކަށްވެސް ފާޑުވިދާޅުވެފައެވެ. ސިއްދީގު ޚާން ވިދާޅުވީ ޓްރަމްޕަކީ އެމެރިކާގެ ރައީސް ކަމަށްވިޔަސް އޭނާއަކީ އިނގިރޭސިވިލާތްފަދަ ޑިމޮކްރެޓިކް އަދި ލެބަރަލް ފިކުރުގެ ގައުމަކުން އެހާ ހޫނުކޮށް މަރަހްބާ ކިޔަންޖެހޭ ވަރުގެ ބޭފުޅެއްނޫންކަމަށާ ޓްރަމްޕަކީ އެއަށްވުރެ މާހަރުކަށި އަދި ނުރައްކާތެރި ބޭފުޅެއް ކަމުގައެވެ.

ޓްރަމްޕާއި ބޮރިސް ޖޯންސަން

އިންސާނީ ހައްގުތަކަށާއި ޑިމޮކްރަސީ އަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޖަމާއަތްތަކުންވަނީ ޓްރަމްޕް ގެ ދަތުރުފުޅާ ދެކޮޅު ހެދުމުގެ ގޮތުން ލަންޑަންގައި ޓްރަމްޕް މަޑުކުރައްވާ ތިންދުވަހުވެސް ހުއްޓުމެއްނެތި އިޙްތިޖާޖްގެ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ. ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގަންނަވާތީ އެގައުމުގެ މިނިވަން ޚިޔާލުގެ އެތަށް ބަޔަކު ގެންދަނީ އެކަމާދެކޮޅަށް ސޯޝަލް މީޑީޔާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ.

"ދި އޮބްޒާވާ" ގައި ލިޔުއްވާފައިވާ މަޒްމޫނުގައި ސިއްދީގް ޚާން ވިދާޅުވީ ޓްރަމްޕްފަދަ ޕޮޕިއުލިސްޓް ފިކުރުގެ ހަރުކަށި ސިޔާސީ ބޭފުޅުން ޔޫރަޕްގެ ގައުމުތަކުގެ ސިޔާސީ ދާއިރާގައި މިހާރު ފާޅުވަމުންދާކަމީ ހިތާމަ ހުރިކަމެއް ކަމަށާ އެއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ ގައުމުތަކުން ގެންގުޅެމުންދާ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ވެލިއުތައް ފުނޑުފުނޑު ކޮށްލާނެ ޝައިތާނީ ނުރައްކަލެއްކަމުގައެވެ.

މިގޮތުން ހަންގެރީގެ ބޮޑުވަޒީރު ވިކްޓާ އޮބަން އާއި އިޓަލީގެ ދާޚިލީ މެޓީނޯ ސެލްވްނީ އާއި ފަރަންސޭސިވިލާތުގެ ނެޝަނަލް ޕްރަމްޓް ޕާޓީގެ ޒައީމާ މެރީ ލޮޕޭން ގެ ނަން ސިއްދީގު ޚާން ފާހަގަކުރައްވާފައިވެއެވެ. ސިއްދީގް ޚާން ވިދާޅުވީ ޔޫރަޕްގެ ސިޔާސީ މަސްރަހުގައި ބާރުގަދަ ކުރަމުންދާ ޕޮޕިއުލިސްޓް ފިކުރުގެ ސިޔާސީ ފަރާތްތަކުން ބާރުތައް ހޯދަމުންދަނީ ދޮގުތައްހަދައިގެން ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުވާލައިގެން ކަމަށާ ޔޫރަޕްގެ އާދައިގެ އާންމުން އެމީހުންގެ ދަލުގައިޖެހި އެމީހުންނަށް ވޯޓުދެނީ އެމީހުންގެ ނުބައިކަމާއި އެމީހުންގެ ފަހަތުގައިވާ ބިރުވެރި ހަގީގަތްތައް ނޭންގޭތީ ކަމުގައެވެ.

ލަންޑަންގެ މޭޔަރު ސިއްދީގް ޚާނަކީ 2016 ވަނަ އަހަރުން ފެށިގެން ޓްރަމްޕަށް ބަހުގެ ހަމަލާތައްދެއްވައި ޓްރަމްޕްގެ ނުބައިކަން ފަޟީހަތް ކުރައްވަމުން ގެންދަވާ ޕާކިސްތާން ދަރިކޮޅުގެ އިނގިރޭސި ސިޔާސީ ބޭފުޅެކެވެ. ސިއްދީގް ޚާން ނިސްބަތްވަނީ އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބާ ޕާޓީއަށެވެ. ސިއްދީގް ޚާން ޓްރަމްޕް ދެކެ ރުޅިއަންނަންފެށީ މީގެދެ އަހަރެއް ކުރިން ލަންޑަނަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ޓެރަރިޒަމްގެ ބިރު ރައްކައިގެން އިނގިރޭސިވިލާތުގެ ޕޮޕިއުލިސްޓް ފިކުރުގެ ސިޔާސީ ފަރާތްތައް ޕްރޮމޯޓް ކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ.

ނައިޖެލް ފަރާޖް

އިނގިރޭސިވިލާތުގައި ހަރުކަށި ޕޮޕިއުލިސްޓް ފިކުރުގެ ސިޔާސީ ބޭފުޅުންގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅުންގެތެރޭގައި ކުރީގެ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން އާއި ބްރެކްސިޓް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ހިމެނެއެވެ. މީގެތެރެއިން ބޮރިސް ޖޯންސަން ގެންދަވަނީ އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އަންނަ ހަފްތާގައި އިސްތިއުފާ ދެއްވާނެކަން އިއްލާން ކުރައްވާފައިވާތީ ބޮޑުވަޒީރުކަމުގެ މަގާމަށް ވަދަކުރައްވަމުންނެވެ. ބޮރިސް ޖޯންސަންއަކީ އިނގިރޭސި ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ހަރުކަށި ބޭފުޅެކެވެ.

ޓްރަމްޕް ދާދިފަހުންވަނީ އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އަށް މަލާމާތް ކުރައްވައި ތެރީސާ އާ ވާދަވެރި ކުރީގެ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން އަށް ވަރަށް ބޮޑަށް ތާރީފް ކުރައްވައި ޖޯންސަންއަކީ އިނގިރޭސި ބޮޑުވަޒީރުކަމަށް ވަރަށް ގާބިލް ބޭފުޅެއްކަމަށް ވިދާޅުވެ އިނގިރޭސި ބޮޑުވަޒީރު ކަމަށް ޖޯންސަން ގެނައުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި އިނގިރޭސވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ޖޯންސަން އާއި ފަރާޖް ކުރައްވާ މަސައްކަތްތަކަށްވެސް ޓްރަމްޕް ވަނީ ތާއީދު ކުރައްވާފައެވެ.

މިމައްސަލާގައި އިނގިރޭސި އިދިކޮޅު ލީޑަރު ޖެރިމީ ކޯބިން އާއި ލެބެރަލް ޑިމޮކްރެޓިކް ޕާޓީގެ ޒައީމާ ޖޯ ސްވެންސަން ވަނީ އިނގިރޭސިވިލާތުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނަކަމަށް ވިދާޅުވެ ޓްރަމްޕަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީގެ ޗާންސެލަރު ކްރިސް ޕެޓަންވެސްވަނީ އިނގިރޭސިވިލާތުގެ ޕޮޕިއުކިސްޓް ފިކުރުގެ ލީޑަރުންނަށް ހިއްވަރު ދެއްވައި އިނގިރޭސި މުޖްތަމައު ގަޑުބަޑު ކުރަން އުޅުއްވާކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ކުރައްވައި ޓްރަމްޕަށާއި އޭނާގެ އިނގިރޭސި އެކުވެރިން ކަމަށްވާ ނައިޖެލް ފަރާޖްއާއި ބޮރިސް ޖޯންސަން އަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

comment ކޮމެންޓް