ލަފާވަނީ މިފަހަރު މިއީ ފެން އީދެއް ކަމަށް

ގދ. ތިނަދޫގައި މީގެ ކުރިން އީދެއްގައި ކުދިންތަކެއް ފެންކުޅި ކުޅެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ އީދަށް ވާނެ ކަމަށް ބެލެވޭ އިރު ކުރިއަށް މި އޮތް ދެތިން ދުވަހެއްގެ ތެރޭގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ރޭ އާންމު ކުރި ފޯކާސްޓެއްގައި ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ހަވީރުން ފެށިގެން 72 ގަޑިއިރަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މިއަދު މިއީ ހުޅަނގު މޫސުމުގެ ފަސް ވަނަ ނަކަތް، މިއަހެލި ފެށޭ ދުވަހެވެ. މި މަހުގެ 16އާ ހަމަޔަށް މި ނަކަތް ދެމިގެންދާއިރު، އާންމު ގޮތެއްގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެ ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ އެވެ.

މެޓް އޮފީހުން ބުނީ، މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް އެންމެ ބޮޑަށް ވައިގަދަވާއިރު، އެ ސަރަހައްދަށް ހުޅަނގުދެކުނާއި ހުޅަނގުން 15-25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8-18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓުން ބުންޏެވެ.

މެޓުން ބުނަނީ، މޫސުން ގޯސްވާނެތީ ދަތުރު ކުރުން އެދެވިގެން ނުވާ ކަމަށެވެ. އެހެން ނަމަވެސް އީދު ބަންދަށް ގިނަ ބަޔަކު އަތޮޅުތަކުުގެ އެކި ރަށްރަށަށް އާއިލާއާ އެކު އަންނަނީ ދަތުރު ކުރަމުން އެވެ.

ވިލާގަޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

"މެދު ތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ އެވެ. ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ ވިލާގަނޑުގަ އެވެ. ވީމާ އާންމުކޮށް ހުރިހާ ފަރާތްތަކުން، ޙާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަމެވެ،" މެޓްގެ ބަޔާނުގައިވެ އެވެ.

ލަންޑަރު ބުނާ ގޮތުން އީދު ޗުއްޓީއަކީ މާދަމާއިން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހާ ހަމަޔަށެވެ. ހުކުރު ހޮނިހިރު ލުމުން މި މަހުގެ އަށަކާ ހަމަޔަށް އީދު ޗުއްޓީ ދެމިގެން ދާނެ އެވެ.

މި ދުވަސްތައް ދިމާވަނީ، މިއަހެލި ނަކަތާ ކަމުން އީދު ޗުއްޓީގައި ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިހާރުވެސް ބައެއް ސަރަހައްދުތަކަށް ވަނީ މޫސުން ގޯސްވެފަ އެވެ.

ފުލުހުން ވެސް މިއަދު އިލްތިމާސް ކުރީ، ކަނޑުދަތުރު ކުރާ އުޅަނދުތަކުން ސަލާމަތީ ކަންކަން ރަނގަޅަށް ފުރިހަމަކޮށްގެން ދަތުރު ކުރުމަށެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން މޫސުން ލަފާކުރާ ގޮތް ބެލުމަށް ވެސް އެދިފައިވެ އެވެ.

comment ކޮމެންޓް