ރޯދަ ސިއްހަތު: ގޭހުގެ އުނދަގުލުން ސަލާމަތްވުމަށް ހަދާނެ ގޮތް

ގޭސްޓްރިކް މައްސަލަތަކަކީ މައްސަލައަކީ އާންމުކޮށް ދިވެހިންނަށް ދިމާވާ މައްސަލަތަކެކެވެ. ހާއްސަކޮށް ރޯދަމަހު އެ މައްސަލަ ދިމާވާ މީހުން ގިނައެވެ. ރޯދަމަހު ގިނައިރު ހުސް ބަނޑާ ހުރުމުގެ ސަބަބުން އެ މައްސަލަ ދިމާވަނީއެވެ.

ގޭސްޓްރިކް މައްސަލަތަކުން ދުރުވާން ރޯދަ މަހު ކެއުން ކެންގުޅޭ ގޮތަށް ސަމާލުކަން ދޭން ޖެހެ އެވެ. ރަމަޟާން މަސް ނިމުނު ނަމަވެސް، ޝައްވާލް މަހުގެ ހަ ރޯދަ ހިފުންވެސް އެބަ އޮތެވެ.

އޭޑީކޭގެ ޖެނެރަލް ޑޮކްޓަރު ޑރ. އަބްދުﷲ އަހުސަން ވިދާޅުވީ ރޯދަމަހު ގޭސްޓްރިކް މައްސަލަތައް ދިމާވެގެން އޭޑީކޭގެ އީއާރަށް އަންނަ ބަލި މީހުންގެ އަދަދު ގިނަ ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުން އާދޭ ގޭސްޓްރިކް އިޝޫސްތައް ދިމާވެގެން. އޭގެ ތެރޭގައި ހޮޑުލެވުމާއި ބަނޑުގައި ރިއްސުމާއި ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ހިމެނޭ." ޑރ އަހުސަން ވިދާޅުވި އެވެ.

ދިވެހިންނަކީ އާންމުކޮށް ކެއުމުގައި ކުޅި އަދި ތެޔޮ އެއްޗިހި ބޭނުންކުރާ ބައެއްކަން ފާހަގަކޮށް ޑރ. އަހުސަން ވިދާޅުވީ އެތަކެތި ކެއުމުގައި ބޭނުން ކުރުމުން ގޭސްޓްރިކް މައްސަލަތަކަށް މަގުފަހިވާ ކަމަށެވެ.

އެންމެ މުހިންމުކަމަކީ ކެއުމަށް ސަމާލުވުން ކަމަށް ޑރ. އަހުސަން ވިދާޅުވިއެވެ. އެގޮތުން ހެދިކާ ކާން ބޭނުންވާ ބޭފުޅުންވެސް އެތަކެތި ފިހެގެން ބޭނުން ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި ބޮއިލްޑް ވެޖިޓަބަލްސް ފަދަ ސިއްހަތަށް ފައިދާ ހުރި ތަކެތި ބޭނުން ކުރުމަށް ޑރ. އަހުސަން އިރުޝާދު ދެއްވިއެވެ.

"ރޯދަ ވީއްލާ ގަޑީގައި ތައްޔާރުކުރާ ފަނިތަކަކީ އޭގައި ގިނަ އަދަދެއްގެ ހަކުރު ބޭނުން ކޮށްފައި ހުންނަ އެއްޗެއް. ހަކުރުގެ ބަދަލުގައި މާމުއި ބޭނުންކުރުން ރަނގަޅުވާނެ." ޑރ. އަހުސަން ވިދާޅުވިއެވެ.

ގިނައިން ހަކުރު އަޅާފައި ހުންނަ ތަކެތި ބޭނުން ކުރުމުން ކަރުހިއްކުން ފަދަ ކަންކަން ރޯދައަށް ހުންނަ އިރު ދިމާވާނެ ކަމަށް ޑރ. އަހުސަން ވިދާޅުވިއެވެ. އޭގެ އިތުރުން ހާރުކާ ގަޑީގައި ކޮފީ އަދި ކަޅުސަޔާވެސް ދުރުވުމަށް ލަފާ ދެއްވިއެވެ.

comment ކޮމެންޓް