އީދު ބާޒާރުގެ ފޯރި ގަދަ، އެންމެން ހެދުން ގަންނަން!

އީދު ދުވަހަށް ވިޔަފާރި ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަސް ގާތްގަނޑަކަށް ދެން މި ނިމުނީ އެވެ. އެއާއެކު މުޅި މާލެތެރޭގައި މިހާރު ކަމަކަށް މިއޮތީ އީދު ހެދުން ގަންނަން ދިއުމެވެ. މާލޭގެ މައި މަގަކުން ރެއަކު އަދި މިރެއަކުވެސް ހަމަޖެހިލައިގެން މީހަކަށް ހިނގާލާފައިވެސް ނޫނީ ވެހިކަލްއެއްގައިވެސް ދެވޭނެހެނެއް ހިޔެއް ނުވެ އެވެ. މަގުތަކުގައި އެއަށްވުރެ މާ މީހުން ބޮލެވެ. އެންމެން ވެސް އުޅެނީ ފޯރިއާއެކު އީދު ބާޒާރުގަ އެވެ.

މިއީ ހަމައެކަނި މި އީދަށް ހާއްސަކޮށް ހިނގާކަމެއް ނޫނެވެ. ކޮންމެ އީދަކަށްްވެސް ނުވަތަ މިފަދަ ކޮންމެ މުނާސަބާއަކާއި ދިމާކޮށްވެސް މިއީ ހަމަ އަހަރެމެން ދިވެހިންގެ އާދެ އެވެ.

އީދު ދުވަހަށް ވިޔަފާރި ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރެމެންނަށް ކަންކަމާއި އުޅެވެނީ ހަމަ އަސްލުވެސް "ފޫކޮޅުގައި ރޯވީމަ" އެވެ. އީދު ނަމާދަށް ދާންވާއިރަށް އާ ހެދުމެއް ހޯދާ، އެ ހެދުމާއި ގުޅޭނެ ހެން ގަހަނާއާޢި، ފައިވާނާއި، ބުރުގާއާއި އަދި އެހެނިހެން މޭކަޕްގެ ސާމާނުވެސް އެއްކުރަން މިއުޅެވެނީ ފަހު ވަގުތު އެވެ.

އެއާއެކު، ވިޔަފާރިތަކަށްވެސް މިވަނީ ބަހާރު މޫސުމެއް އައިސްފަ އެވެ. ސޭލް އެއް ނެތް ހަމަ އެންމެ ފިހާރައެއްވެސް ނެތް ކަހަލަ އެވެ.

އީދު ދުވަހަށް ވިޔަފާރި ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިހާރަތަކާއި އެއްވަރަށް އޮންލައިން ވިޔަފާރި ތަކުގައިވެސް މި ފޯރި ވަކި ކުޑައެއް ނޫނެވެ. އީދު ސޭލްއާއި އީދު ގިވްއަވޭ މިވަނީ މެކުހަށް ޖަހާފައެވެ. އަގުހުރި އެތަށް އިނާމަކާއި އެކު މިކަމެއްގައި ބައިވެރި ނުވާ ފިހާރައެއް އޮންލައިން ވިޔަފާރިއެއް ނެތެވެ. ނުވިތާކަށް ސެލޫންތަކާއި ގެސްޓްހައުސްއާއި ފުޑް ބްލޮގަރުންވެސް ވަކި މިކަމުގައި ދުލެއް ނުދެއެވެ.

އީދު ދުވަހަށް ވިޔަފާރި ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިގޮތުން ބައެއް ފަރާތްތަކުން ބޮޑެތި ޑިސްކައުންޓްތަކާއި، ގިފްޓް ހެމްޕާރސްއާއި، ދަތުރުތަކާއި، އީދުކެއުންވެސް ދަނީ ހުށަހަޅަމުންނެވެ.

ނަސީބު އަގުވަޒަން ކުރަން ނަމަވެސް މިއީ ހަމަ ރަނގަޅު ފުރުސަތަކަށްވާނެ އެވެ. އެންމެނަށްވެސް އީދު މުބާރިކް އެވެ. އެންމެ ފަހުވަގުތަށް މަޑުނުކޮށް ދެންވެސް އަވަހަށް އީދު ހެދުން ހޯދާށެވެ.

comment ކޮމެންޓް