އުރީދޫ ބަދިގެ: ހަވާއިއަން ޗިކަން ސެލެޑް

ސެލެޑަކީ ހަށިގަނޑަށް ލުއި ގޮތަކަށް ބަނޑުފުރާލާދޭ އަދި އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ. މީގެ ކުރިންވެސް ދެ ވައްތަރެއްގެ ސެލެޑެއް ތައްޔާރުކުރާނެ ގޮތް އުރީދޫ ބަދިގޭގައި ވާނީ ގެނެސްދެވިފައެވެ. މި ރެސިޕީތަކަށްވެސް ލިބުނު ބޮޑު ތަރުހީބާއި އެކު މިފަހަރު މި ގެނެސްދެނީ އަނެއްކާވެސް ތައްޔާރުކޮށްލެވިދާނޭ ތަފާތު ސެލެޑެކެވެ.

ޓައިޑްސް ކެފޭ އެންޑް ބޮސްޓްރޯގެ ފަރާތުން ތައްޔާރުކުރާ މި ސެލެޑަކީ "ހަވާއިއަން ޗިކަން ސެލެޑް"އެވެ. މި ސެލެޑު ހާއްސަވަނީ މީގައި ކުކުޅުގެ އިތުރުން ހަވާއީގެ ރަމްޒު ކަމުގައިވާ އަލަނާސި ހުންނާތީއެވެ.

މިއީ ގިނަ ދިވެހީންނަށް ވަރަށް ކަމުދާ ސެލެޑެކެވެ. ޓައިޑްސްގެ ސްޓައިލުގައި މިއަދު މި ސެލެޑު ހަދަމާ ހިނގާށެވެ.

ބޭނުންވާ ތަކެތި

  • ޗިކަން ބްރެސްޓް (ބޯންލެސް)
  • 75 ގްރާމް އަލަނާސި
  • 30 ގްރާމް ބެލް ޕެޕާ (ރަތް، ރީދޫ، ފެހި ކުލަ)
  • 50 ގްރާމް އައިސްބާރގް ލެޓިއުސް
  • ލޮނު
  • އަސޭމިރުސް
  • 30 ގްރާމް މެޔޮނައިޒް
  • 15 އެމްއެލް ތެޔޮ (ކުކުޅަށް)

ތައްޔާރުކުރާނެ ގޮތް

ތެލި ހޫނުކޮށްލައި، 7 ނުވަތަ 10 މިނިޓް ވަންދެން ކުކުޅު ކޮޅު ސީޒަންކޮށްލުމަށްފަހު ފިހެލާށެވެ. އަދި ފިހެ ނިމުމުން 15 މިނެޓެއްހާ ވަގުތު ވަންދެން ބައިންދާށެވެ.

ބޮޑު ތަށްޓެއްގައި އަލަނާސިކޮޅާއި ހުރިހާ ތަރުކާރީއެއް މިކްސްކޮށް ލޮނު އަސޭމިރުސް އަދި މެޔޮނައިޒް އަޅާލާށެވެ. އެއަށްފަހު ތުނިކޮށް ކުކުޅުކޮޅު ކޮށާލުމަށްފަހު ސެލެޑްގެ ތެރެއަށް އަޅާ މިކްސް ކޮށްލާށެވެ.

comment ކޮމެންޓް