ފިލިޕީންސްއިން ކެނެޑާއަށް 69 ކޮންޓެއިނަރުގެ ކުނި އަނބުރާ ފޮނުވާލައިފި

ފިލިޕީންސްއިން ވަނީ 69 ކޮންޓެއިނަރުގެ ކުނި އަނބުރާ ކެނެޑާއަށް ފޮނުވާލާފަ -- ފޮޓޯ: އޭޕީ

މެނީލާ (މެއި 31): މީގެ ހަ އަހަރު ކުރިން ކެނެޑާއިން ފިލިޕީންސްއަށް ފޮނުވި ކުނީގެ މައްސަލަ ހޫނުވެ، ފިލިޕީންސްއިން އެ ކުނީގެ ބޮޑުބައެއް އަނބުރާ ފޮނުވާލައިފިއެވެ.

ފިލިޕީންސްއިން ބުނި ގޮތުގައި 69 ކޮންޓެއިނަރުގެ ކުނި ބަރުކޮށްގެން މިއަދު އެގައުމުން ފުރި އާގު ބޯޓަށް ކެނެޑާއަށް ދެވޭނީ 20 ދުވަސް ފަހުންނެވެ.

އެ ދެ ގައުމުގެ ކުނީގެ މައްސަލަ ފެށުނީ، ކެނެޑާއިން ފިލިޕީންސްއަށް 2013 އާއި 2014އާ ދޭތެރޭ ފޮނުވި ކުނީގެ ތެރެއިން 103 ކޮންޓެއިނަރުގައި ނުބައި ލޭބަލެއް ޖަހާފައި އޮތުމުންނެވެ. އެގޮތުން އެއީ އަލުން ބޭނުން ކުރެވޭ ފަދަ ޕްލާސްޓިކް ކަމަށް ކޮންޓެއިނަރުތަކުގައި އޮތް ނަމަވެސް އޭގައި ހުރީ ގޭތެރޭގައި ބޭނުން ކުރާ ތަކެއްޗާއި ޑައިޕާ ފަދަ އަލުން ބޭނުން ނުކުރެވޭ ތަކެތި ކަމަށް ފިލިޕީންސްއިން ބުންޏެވެ.

އޭގެ ތެރެއިން ބައެއް ކުނި ފިލިޕީންސްއިން މިހާރު ނައްތާލާފައިވާ އިރު މިއަދު ކެނެޑާއަށް ފޮނުވާފައި ވަނީ ބާކީ ހުރި ކުންޏެވެ. އަދި 2016 ވަނަ އަހަރު ފިލިޕީންސްގެ ކޯޓަކުން ވަނީ ކެނެޑާގެ ހަރަދުގައި އެގައުމަށް އެ ކުނި އަނެއްކާވެސް ފޮނުވުމަށް އަންގާފައެވެ. އެ މަސައްކަތަށް ކޯޓުން ކަނޑައެޅި މުހުލަތު މިމަހުގެ 15ގައި ވަނީ ހަމަވެފައެވެ.

އޭގެ ސަބަބުން ފިލިޕީންސްގެ ސަރުކާރުން ވަނީ ނުރުހުން ފާޅުކޮށް، ކެނެޑާގައި ހުންނަވާ އެގައުމުގެ ސަފީރު ގައުމަށް ގެންގޮސްފައެވެ.

މީގެ ކުރިން ދުނިޔޭގެ މުއްސަނދި ގައުމުތަކުން އެންމެ ގިނައިން ޕްލާސްޓިކް ކުނި ފޮނުވަނީ ޗައިނާއަށެވެ. ނަމަވެސް މިދިޔަ އަހަރު ޗައިނާއިން ބޭރު ގައުމުތަކުގެ ކުނި އެތެރެކުރުން ހުއްޓާލުމުން، އެމެރިކާއާއި ޔޫރަޕުން އޭޝިއާގެ އެހެން ގައުމުތަކަށް ކުނި ފޮނުވާ މިންވަރު އިތުރުވިއެވެ.

ނަމަވެސް އެ ގައުމުތަކުންވެސް މިހާރު ވަނީ ބޮޑެތި ގައުމުތަކުގެ ކުނި ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު މެލޭޝިއާއިން ވަނީ އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ފޮނުވާފައިވާ، އަލުން ބޭނުން ނުކުރެވޭ އެތައް ހާސް ޓަނުގެ ކުނި އަނބުރާ ފޮނުވާލާނެކަމަށް ބުނެފައެވެ.

comment ކޮމެންޓް