ދިވެހި ދަތުރުވެރިންގެ ދުނިޔެއިން ލޯތްބާއެކު!

ފޮޓޯ/ އިންސްޓަގްރާމް (sunshine_thoi@ އަދި wanderingcoffeegirl@)

މިހާރު މި އޮތީ ކުޑަ އީދުގެ ބޮޑު ބަންދު ފެށިފަ އެވެ. އީދު ބަންދު މިފަހަރު ސްކޫލު ޗުއްޓީއާ ދިމާވެ މި އޮތީ ދިގުވެފަ އެވެެ. އެހެންކަމުން، އީދު ޗުއްޓީގައި ދަތުރެއް ރާވާލައި ކުދިންނާއި މުޅި އާއިލާ އެކީ ހޮލިޑޭއަށް އަވަހަށް ނައްޓާލަންވީ އެވެ.

އީދު ދަތުރުގެ ވާހަކަ ދައްކާއިރު، އީދާ ދިމާކޮށް އާންމުކޮށް ދަތުރު ކުރަނީ ކޮން ތަނަކަށް ހެއްޔެވެ؟ މީގެ ކުރިން އާންމުކޮށް ރާއްޖޭގެ ކޮންމެވެސް މީހުން އުޅޭ ރަށަކަށް ދާ ދިޔުން ބަދަލުވެ، ބޭރު ގައުމުތަކަށް އީދު ޗުއްޓީ އަށް ދާ ސަގާފަތެއްވެސް އުފެދުނެވެ. އެކަން ބަދަލުވެ، އަނެއްކާވެސް ރަށްރަށުގައި އީދު ޗުއްޓީ ހޭދަކުރުމުގެ ސިލްސިލާއެއް މި ވަނީ ފެށިފަ އެވެ. މާލެ ކައިރި ރަށްރަށުގެ ގެސްޓުހައުސްތަކަށް ބާރުބޮޑުވެ، ބައެއް ތަންތަން މިހާރު އޮތީ އޯވަބުކްވެފަ އެވެ. ކ. އަތޮޅުގެ އިތުރުން އއ. އަތޮޅާއި އދ. އަދި ވ. އަތޮޅުަގެ ރަށްރަށަށް ވެސް މި ޗުއްޓީގައި ބާރުބޮޑެވެ.

އީދު ޗުއްޓީގެ ދަތުރަށް ތައްޔާރުވާން އުޅޭއިރު، ދިވެހިންގެ ތެރޭތިބި މަދު ޓްރެވަލް ބްލޮގަރުން ނުވަތަ އިންސްޓަގްރާމުގައި އުޅޭ ޓްރެވެލާސްގެ ވާހަކަ އަޑުއަހާލާ، ދަތުރުގެ ޓިޕްސް ކޮޅެއް ހޯދާލަން ހިނގާށެވެ. ދަތުރު ރާވާގޮތާއި، ދަތުރުދާއިރު ގެންދާނެ ތަކެތި ބަލަމާ ހިނގާށެވެ. ދިވެހި ދަތުރުވެރިން ލޯތްބާ އެކު މި ކިޔައިދެނީ އެ މީހުންގެ ވާހަކަ އެވެ.

ސަންޝައިން ތޮއި

އިންސްޓަގްރާމުގައި "sunshine_thoi@" ގެ ނަމުގައި ހަތަކާތްތެރިވާ ޒުވާނާ މިހާތަނަށް އޭނާގެ ފިރިމީހާ އާއެކު ނުވަ ގައުމަކަށް ދަތުރުކޮށްފި އެވެ. މިފަހަރުގެ އީދަށް ވަކި ހާއްސަ ޓްރެވަލް ޕްލޭނެއް ނެތްކަމަށް ސަންޝައިން ބުންޏެވެ.

ގުދުރަތީ ރީތިކަން ދެކިލަން ޝައުގުވެރިކަން ހުންނަ ސަންޝައިންގެ ދަތުރުތައް އޭނާގެ އިންސްޓަގްރާމުން ފެންނާނެ އެވެ. ރާއްޖޭގެ އެކި ރަށްރަށަށް ގޮސް ނަގާގައި ހުރި "މޫދު ފޮޓޯ" ތަކާއި ބީޗް ވައިބް ގެނެސްދޭ ފޮޓޯތަކުގެ އިތުރުން އެކި ގައުމުތަކުގެ ރީތި ސަރަހައްދުތަކުގައި ނަގާފައިވާ ފޮޓޯތަކުން، ސަންޝައިންގެ ދެމަފިރިންގެ ދަތުރު އެޑްވެންޗާސްތައް ފެންނާނެއެވެ.

އޭނާ ދޭ ނަސޭހަތަކީ، ދަތުރަށް ތައްޔާރުވާއިރު ދުރާލާ ބަޖެޓެއް ކަނޑައެޅުމެވެ.

ސަންޝައިންގެ ދަތުރުތަކުގައި އަބަދުވެސް އޭނާގެ ގޯޕްރޯ ގެންދާއިރު، އަމާޒަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ޒިޔާރަތްކޮށް އެގައުމުތަކުގެ ސަގާފަތާއި އާދަކާދަ ފޮޓޯ ނަގައި ރައްކާކުރުމެވެ. ދެހާސް ތޭރަވަނަ އަހަރު ދަތުރުކުރަން ފެށިގޮތަށް އަބަދުވެސް ވިސްނެނީ ދެން ދަތުރުދާނެ ތަނަކާ މެދު އެވެ. އެއް ދަތުރު ނިންމާލަނީ ދެން ދާނެ ތަނެއް ކަނޑައަޅަމުންނެވެ. ދަތުރަށް ފެށުމުގެ ކުރިން އެ ދާ ގައުމެއްގެ މައުލޫމާތު ހޯދައި، އެކްސްޕްލޯ ކުރަންވީ ކަންތައް ބަލާ ރީސާޗުކުރާ ކަމަށް ސަންޝައިންް ބުންޏެވެ.

ސަންޝައިން ބުނާގޮތުން، ނުވަ ގައުމަކަށް ދަތުރު ކުރިއިރު ދަތުރުތަކާ ގުޅޭ އެންމެ ހާއްސަ ހަނދާނަކީ ފްލައިޓް ކަޓާފާނެތީ އެ ތެޅެން ޖެހޭ ތެޅުމެވެ.

ރަޝީ

ރަޝީ ނުވަތަ އިންސްޓަގްރާމުގެ ނަމުންނަމަ "wanderingcoffeegirl@" އަކީވެސް އެކި ގައުމުތަކަށާއި ރަށްރަށަށް ޒިޔާރަތްކޮށް އެތަންތަނުގެ އާދަކާދަ އާއި ސަގާފަތް ބަލައި ތަޖުރިބާ ކުރަން ބޭނުންވާ ޒުވާނެކެވެ.

ރަޝީގެ ޓްރެވަލް އެޑްވެންޗާ ތަކުގެ ބައިވެރިއަކީ އޭނާގެ ފިރިމީހާ އެވެ. މިހާތަނަށް ހަ ގައުމަކަށާއި 11 ރަށަކަށް ރަޝީ ދަތުރުކޮށްފައިވާއިރު، އެންމެ ދާހިތްވަނީ ފްރާންސްގެ ޕެރިސް އަށެވެ.

އާންމުކޮށް ފިތުރު އީދާ ދިމާކޮށް ރަޝީމެން ދަތުުރުރަނީ މާލެ ކައިރި ކޮންމެވެސް ރަށަކަށެވެ. މިފަހަރުގެ އީދާ ދިމާކޮށްވެސް މާލެ ކައިރި ރަށަކަށް އީދު ޗުއްޓީއަށް ދާނެއެވެ.

ދަތުރު ކުރާއިރު ހާއްސަކޮށް ރާއްޖެއިން ބޭރަށް ދަތުުރު ދާނަމަ، ބަޖެޓެއް އެކުލަވާލާ، އެކަށީގެންވާ ވަރަށް ފައިސާ ހިފައިގެން ދަތުރަށް ފެށުމަކީ ރަޝީ ދޭ ޓްރެވަލް ޓިޕް އެކެވެ. އަދި ރާއްޖެއިން ބޭރަށް ގޮސް އުޅޭ އިރު އެންމެ ހިދުކޮޅަކަށް ވެސް ޕާސްޕޯޓު ދޫކޮށްނުލުމަށް އޭނާ ނަސޭހަތްދެ އެވެ.

އޭނާ ބުނާ ގޮތުގައި ދަތުރު ރާވާއިރު، ދާނެ ތަނެއް ކަނޑައަޅަނީ ޗުއްޓީގެ ދިގުމިނަށް ބަލައިގެން އެވެ. ކުރު ޗުއްޓީއެއް ނަމަ ބަކެޓް ލިސްޓުގެ ތަންކޮޅެއް ފަހަތުން ގައުމެއް ސެލެކްޓު ކުރާއިރު ދިގު ޗުއްޓީއެއްގައި ދާނަމަ، ބަކެޓް ލިސްޓުގެ ކުރިން ގައުމެއް ނަގަނީ އެވެ މިގޮތަށް ކުރުޗުއްޓީގައި ދާއިރު ފަސޭހައިން ވިސާ ލިބޭ ގައުމުތަކަށް ރަޝީ ބަލަނީ އެވެ.

ފޭވަރިޓް ޑެސްޓިނޭޝަންތަކުގައި ގިނަ ދުވަސް ހޭދަކުރަން ބޭނުންވާތީ، އެފަދަ ގައުމުތަކަށް ދަނީ ދިގު ޗުއްޓީތަކުގަ އެވެ. އާންމުކޮށް ދަތުރުތަކަށް ޓިކެޓާ ނުލާ 2000 ޑޮލަރުގެ ބަޖެޓެއް އޭނާ ހަދަ އެވެ.

ރަޝީ އެންމެ ދަތުރު ކުރަން ބޭނުންވަނީ ވިއެޓްނާމްއަށް އެ މީހުންގެ ސްޕްރިންގް ސީޒަނުގައެވެ. މިހާތަނަށް އެންމެ ހަނދާނުން ފިލުވާލަން ދަތި، އެންމެ އެޑްވެންޗަރަސް ދަތުރަކީ ޕާކިސްތާނު ރޯޑްޓްރިޕް އެކެވެ. ޖުމްލަ 42 ގަޑިއިރުގެ އެ ދަތުރުގެ ވަރުބަލިކަން އިހުސާސްވާ ވަރަށްވުރެ ދަތުރު ތެރޭ ފެނުނު ހިތްގައިމު މަންޒަރުތައް އޭނާގެ ހިތުގެ އެންމެ ފުންމިނުގައި ހަރުލި އެވެ.

ރަޝީ ދަނީ އޭނާގެ ޓްރެވަލް އެކްސްޕީރިއަންސް ތައް އިންސްޓަގްރާމުގެ އިތުރުން އޭނާގެ ބްލޮގުގައިވެސް ޕޯސްޓު ކުރަމުންނެވެ.

ރަޝީ އާދި ސަންޝައިންގެ ދަތުރު ވާހަކަތަކާއެކު އީދުގައި ދަތުރެއް ދާހިތެއް ނުވޭހެއްޔެވެ؟ ބީޗުގައި ފޮޓޯ އެއް ނަގާލައި، ރަށްރަށުގެެ ޖަޒީރާ މާހައުލުގެ ހިތްގައިމުކަމުން ހިތްހަމަޖެހުން ހޯދާލުމަށް މިފަހަރުގެ އީދު ޗުއްޓީ ރާވާލާށެވެ.

comment ކޮމެންޓް