އެފްއޭއެމް އިން ހޯދައިދިން ފުރުސަތާ އެކު މާޒިޔާ ސައުދީއަށް

މާޒިޔާގެ ކުޅުންތެރިންގެ ތަމްރީން ސެޝަނެއްގެ ތެރެއިން --- ފޮޓޯ/މާޒިޔާ

މިއަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ އެއްވެސް ކުލަބަކަށް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާތީ ވޭތުވެ ދިޔަ އަހަރު ލީގުގެ އެއްވަނައާއި ދެވަނައަށް އެފްއޭއެމްއިން ހަމަޖެއްސި ޓްރެއިނިންގްގެ ދަށުން މާޒިޔާ ސްޕޯޓްސް ކުލަބު ސައުދީ އަރަބިޔާއަށް ފުރަން ތައްޔާރު ވެއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި މާޒިޔާއިން ސައުދީއަށް ދިއުމަށް ދަތުރު ފަށާއިރު އެ ގައުމަގައި ކުރިއަށް ގެންދާ ހާއްސަ ތަމްރީން ތަކެއްގެ އިތުރުން އެފްއޭއެމް އިން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް އުމުރާ އެއް ކުރުމުގެ ފުރުސަތު ވެސް ހޯދައިދީދަ އެވެ. މި އަހަރު ކުރީ ކޮޅު ވެސް އެފްއޭއެމް އިން ވަނީ އުމްރާ ކުރުމުގެ ފުރުސަތު ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ހޯދައި ދީފަ އެވެ.

މާޒިޔާގެ ކުޅުންތެރިންގެ ތަމްރީން ސެޝަނެއްގެ ތެރެއިން --- ފޮޓޯ/މާޒިޔާ

ވޭތުވެ ދިޔަ އަހަރު ރާއްޖޭގެ ޕްރިމިއާ ލީގު ކާމިޔާބު ކުރި ޓީސީއަށް ވެސް އެފްއޭއެމް އިން ވަނީ ތަމްރީން ހަދަން ގައުމުން ބޭރަށް ދިއުމުގެ ފުރުސަތު ހޯދައިދީފަ އެވެ. ނަމަވެސް ޓީމުގެ ކުޅުންތެރިން އެކުލަވާލުން ލަސް ވުމާއި އަންނަ މަހު ކުރީ ކޮޅު ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗަށް ވަގުތު ނެތުމުން ޓީސީއިން ވަނީ އެ ތަމްރީންތައް ހަދަން ލިބުނު ފުރުސަތު މަޑު ޖައްސާލާފަ އެވެ.

ރާއްޖޭގެ ކުލަބުތަކަށް މިއަހަރުގެ އޭއެފްސީ ކަޕުން ޖާގަ ނުލިބުނީ ބައިވެރިވާ ކުލަބުތަކުން ލައިސެންސްގެ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީ އެވެ. އެކަމުގައި ކުލަބު ތަކުގެ އިތުރުން އެފްއޭއެމްގެ އިހުމާލެއް ވެސް ވާކަމަށް ގިނަ ބަޔަކު ތުހުއްމަތު ކޮށްފައިވާ އިރު އެ މައްސަލަ ބެލުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރީ އިން މީގެ ކުރިން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.

މާޒިޔާ މިއަދު ސައުދީއަށް ފުރާއިރު އެ ޓީމު އަނބުރާ ރާއްޖެ އަންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ތެރޭގައި އެ ގައުމުގައި ހާއްސަ ތަމްރީން ތަކެއްގެ އިތުރުން ރަހުމަތްތެރި ކަމުގެ ދެ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ ދުރާލައި ތައްޔާރުވާން ފަށައިފަ އެވެ. އެގޮތުން އެ ޓީމުން ވަނީ އދ. މަހިބަދޫގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް