އެމްޕީއެލްއިން ގަތް ކޮޅުވެއްޓިއެއްގެ މައްސަލައިގައި ވެރިއަކަށް ދައުވާކުރަނީ

އެމްޕީއެލް ސަރަހައްދު: ސަން ފައިލް ފޮޓޯ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮޅުވެއްޓިއެއް ގަތުމަށް ހިންގި މުއާމަލާތުގައި ކޮރަޕްޝަން ހިމެނޭތީ އެ ކުންފުނީގެ އިސްވެރިއަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އިން އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް، (ޕީޖީ)އަށް ފޮނުވައިފި އެވެ.

އެޑްވާންސަށް 3.65 މިލިއަން ރުފިޔާ ދެއްކުމަށް ފަހު އިންޑޮނޭޝިއާގެ ކުންފުންޏަކުން ކޮޅުވެއްޓިއެއް ގަތުމަށް ފަހު، އެ އުޅަނދު ކަމު ނުގޮސްގެން އަނބުރާ ފޮނުވާލި މައްސަލައިގައި އޭސީސީއިން ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ، އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔަކަށް ހުންނެވި ފަރާތުން އެ މުއާމަލާތުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފާހަގަވެފައިވާ ކަންތައްތަކުގެ ގޮތުގައި އޭސީސީއިން ބުނީ، އެ ކޮޅުވެއްޓި އިންސްޕެކްޓް ކުރަން އިންޑޮނޭޝިޔާއަށް ގޮސްފައި ވަނީ ވެސް އޭރު ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ ކަމަށެވެ. އަދި އެ ދަތުރުގައި އިންސްޕެކްޓް ކުރި އުޅަނދަކީ އެމްޕީއެލްއިން ގަންނަން ބޭނުންވާ ކަންކަން ފުރިހަމަވާ އުޅަނދެއްކަން އެ އިންސްޕެކްޝަންގައި ބަލާފައި ނުވާ ކަމަށް އިންސްޕެކްޝަން ރިޕޯޓުން ފާހަގަވެފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.

އޭސީސީއިން ފާހަގަ ކުރި ގޮތުގައި ކޮޅުވެއްޓި ސަޕްލައިކޮށްދިން އިންޑޮނޭޝިއާ ކުންފުނީގެ ރާއްޖޭގެ އެކައުންޓަށް އެޑްވާންސް ފައިސާގެ ގޮތުގައި 3.65 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ ފައިނޭންސް ޑިޕާޓްމަންޓްގައި އެދުނީ ވެސް ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ ސޮއިކޮށް ފޮނުވި މެމޯއަކުން ކަމަށެވެ. އަދި އެ މެމޯ ފޮނުވި އިރު، ކޮޅުވެއްޓި ގަތުމުގެ އެގްރިމަންޓްގައި ވެސް ސޮއިކޮށްފައި ނެތް ކަމަށާއި އެގްރިމަންޓްގައި ސޮއިކުރީ ފައިސާ ދެއްކި ފަހުން ކަމަށް ވެސް އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ.

މީގެ އިތުރުން، ކޮޅުވެއްޓި ގަތުމަށް ހެދި އެއްބަސްވުމުގައި އެޑްވާންސް ފައިސާ ދިނުމަށް ކަނޑައެޅި އުސޫލުތަކަކީ ކުންފުނިން އަމަލުކުރާ ޕްރޮކިއުމަންޓް ގަވާއިދާ މުޅިން ހިލާފު ކަންތައްތަކެއް ކަމަށް ވެސް އޭސީސީއިން ބުންޏެވެ. އޭސީސީއިން އަދި ބުނީ، އެމްޕީއެލްގެ ހައްގުތައް ހިމާޔަތް ކުރުމަށް ހިމަނަން ޖެހޭ ވަރަށް ގިނަ ކަންކަން އެގްރިމަންޓްގައި ނުހިމަނާ ވެސް އެ އެގްރިމަންޓްގައި ސޮއިކުރީ ވެސް ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ ކަމަށެވެ.

"މި މުއާމަލާތުގައި އެމްޕީއެލްގެ ޕްރޮކިއުމަންޓް ހެޑުގެ ހައިސިއްޔަތުން އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާކަން ޝައްކެއްނެތް މިންވަރަށް ތަހުގީގަށް ސާބިތުކުރެވޭތީ، މި މައްސަލައަކީ... އޭނާގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްކައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ވަނީ ފޮނުވިފަ އެވެ،" އޭސީސީ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް