މަޖިލިސް ރައީސް ކަމަށް ނަޝީދު ގާބިލު، އެހެން ނަމެއް އައުމުގެ ފުރަސަތު އެބައޮތް: ޝިޔާމް

ޝިޔާމް: އެނާ ވިދާޅުވަނީ، ނަޝީދަކީ ގާބިލު ބޭފުޅެއް ކަމަށާއި ބޭނުން ވަނީ އިހުލާސްތެރިކަން ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލިސް ރައީސް ކަމަށް ކުރީގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަކީ ގާބިލު ބޭފުޅެއް ކަމަށާއި ބޭނުން ވަނީ އިހުލާސްތެރިކަން ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. މަޖިލިސް ރައީސް ކަމަށް އިތުރު ނަމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރޭ އެމްޑީޕީ އިންތިޚާބީ ޕާލިމަންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި، ވޯޓުގައި ބައިވެރިވި ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ރައީސް ނަޝީދުގެ ނަން މަޖިލީހުގެ ރައީސް ކަމަށް ފޮނުވުމަށް ވަނީ ފާސް ކޮށްފައެވެ. މަޖިލިސް ރައީސް ކަމަށް ބޭފުޅަކު ހޮވާނީ މިރޭ ބާއްވާ 19 ވަނަ މަޖިލިސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތައް ފަހު ބާއްވާ މަޖިލިސްގެ ފުރަތަމަ ޖަލްސާގައެވެ.

މިއަދު ޝިޔާމް "ސަން" އަށް ވިދާޅުވީ، މަޖިލިސް ރައީސް ކަމުގެ ވޯޓާ ގުޅިގެން ޕީޕީއެމް ޕާލިމަންޓަރީ ގުރުޕޫގެ މެދުގައި އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. މަޖިލިސް ރައީސް ކަމަށް އެންމެ ބޭފުޅަކު ކުރިމަތި ލުމަކީ އެހާ ޑިމޮކްރެޓިކް ގޮތެއް ނޫން ކަމަށެވެ.

"ރައީސް ނަޝީަދަކީ، [މަޖިލިސް ރައީސް ކަމަށް] ގާބިލް ބޭފުޅެއް. މީގެ އިހްލާސްތެރިކަން، އެމީހެއްގެ އިންޓެންޝަން [މުހިންމު ވަނީ]. ކިތަންމެ ގާބިލު ބޭފުޅެއް ނަމަވެސް އޭނަގެ އިންޓަންޝަނެއް ނެތް ނަމަ، އޭނަގަ ގާބިލު ކަން ހުރެގެން ފެންނާނެ އެއްވެސް މަސައްކަތެއް ނޯންނާނެ،" ޝީޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިހާނަނަށް ނަޝީދަކީ މަޖިލިސް ރައީސް ކަމަށް އަންނާނެ އެއް ނަން ކަމަށް ކަށަވަރުވެފައިވީ ނަމަވެސް އިތުރު ނަމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"87 މެމްބަރުން. 87 ދާއިރާ. އެތައް ޕާޓީއެއް އެބައޮތް. ފުރުސަތު އެބަ އޮތް މަޖިލިސް ރައީސް ކަމަށް އިތުރު ނަމެއް އައުމުގެ... ޑިމަކްރަސީގެ ރީތި ގޮތަކީ ވެސް އެއް ނަމަކަށް ވުރެ އިތުރު ނަމެއް އައުން،" ދެ ވަނަ ދައުރަކަށް މިރޭ ނައިފަރު ދާއިރާގެ މެމްބަރު ކަމަށް ހުވާ ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ކަމަށް ޕީޕީއެމްގެ ފަރާތުން ނަމެއް ހުށަހެޅުއްވާފާނަންތޯ ސުވާލު ކުރުމުން ޝިޔާމް ވިދާޅުވީ، އެޕާޓީގެ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ.

"ދެ ބާރު އެއް އާއިލާއަކަށް، ޝީޔާމްގެ ފާޑު ކިޔުން!

ވެރިކަން ކުރާ ބާރާއި ގާނޫނު ހެދުމުގެ ބާރުގައި އެންމެ އިސްކޮށް އެއް އާއިލާކަށް ނިސްބަތްވާ މީހުން ތިއްބަވަން ޖެހުމުން އެކަމަށް ވެސް ޝިޔާމް ފާޑު ވިދާޅުވިއެވެ. ޝީޔާމް ވިދާޅުވީ، އެގޮތަށް އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު އައުމުން ބާރުތައް އެއް ދިމާލަކަށް

"މީގެ ކުރިން ދެއްކީ ރައީސް މައުމޫންގެ ޒައާމަތުގައި، ވެރިކަމުގެ ހުރިހާ ބާރުތަކެއް އެއް އާއިލާއެއްގެ މުށުތެރޭ، ހުތުމުހުތާރު ވެރިކަމެއް ކުރި ވާހަކަ. އަޅުގަނޑަކަށް ނޭނގެ މިހާލަތުގައި ޑިމަކްރަސީ ސިފަ ކުރާނެ ގޮތެއް. އެއް ޕާޓީއެއްގެ އިތުރުން އެއް އާއިލާއެއް މިއީ. އެއް އާއިލާއަކަށް މިއޮތީ ދެ ބާރު ބެހިގެންދާ ގޮތައް. އަޅުގަނޑު ގަބޫލު ކުރެވެނީ ބާރުތައް އެއްދިމާލަކަށް ޖަމާވާން،" ޝިޔާމް ވިދާޅުވި އެވެ.

ދެ ބާރުގައި އެއް އާއިލާއަކަށް ނިސްބަތް ވުމުން، މުސްތަގުބަލުގައި ދައުލަތުގެ ކަންކަން ނިމިގެންދާނީ "ކާ މޭޒަކުން ކަމަށް" ޝިޔާމް ސިފަ ކުރެއްވި އެވެ.

comment ކޮމެންޓް