އީރާނާ ހަނގުރާމަ ކުރާކަށް ބޭނުމެއްނޫން، ބޭނުންވަނީ ނިއުކްލިޔާ އައު އެއްބަސްވުމެއް: ޓްރަމްޕް

ޓްރަމްޕް ޖަޕާންގެ ބޮޑުވަޒީރާ މަޝްވަރާ ކުރައްވަނީ

ޓޯކިޔޯ (މޭ 27): އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި އެގައުމުގެ ރައްޔިތުންނަށް ގެއްލުންދޭން ބޭނުން ނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޖަޕާނަށް ކުރައްވާ ދަތުރުފުޅެއްގައި އެގައުމުގެ ބޮޑުވަޒީރު ޝިންޒޫ އަބޭއާ މަޝްވަރާކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އީރާނާ ހަނގުރާމަކުރަންވެސް އަދި ވެރިކަން ވައްޓާލަންވެސް ބޭނުންނުވާކަމުގައެވެ.

އެމެރިކާ ބޭނުންވަނީ އީރާނުގެ ސިޔާސަތުތަކަށް ބައެއް ބަދަލުތައް ގެނަސް މިހާރު އޮތް ނިއުކްލިޔާ އެއްބަސްވުމުގެ ބަދަލުގައި އެމެރިކާ އެދޭފަދަ ނިއުކްލިޔާ އައު އެއްބަސްވުމެއްގައި އީރާނާއެކު ސޮއިކުރުން ކަމަށާ މިކަމަށްޓަކައި އީރާނުގެ ލީޑަރުންނާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އީރާނަށް ބިރުދެއްކުމަށްޓަކައި ގަލްފުގެ ސަރަހައްދަށް ހަނގުރާމައިގެ މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތަކާއި ސިފައިން ފޮނުވައިގެން އެމެރިކާއިން މެދުއިރުމަތީގެ މަސްރަހް ހޫނުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. ޓްރަމްޕާއެކު ކުރެއްވި މަޝްވަރާތަކުގައި ޖަޕާންގެ ބޮޑުވަޒީރު ޝިންޒޫ އަބޭވަނީ އީރާނާއި އެމެރިކާއާ ދެމެދު ސުލްޙަ ގާއިމް ކުރުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕްވަނީ މިކަމަށް ތަރްޙީބު ދެއްވާކަމަށް ވިދާޅުވެފައެވެ.

ޖަޕާނަކީ އީރާނާ ވަރަށް ގާތް ގުޅުންތަކެއް ބާއްވައި އަދި އީރާން ވަރަށް އިތުބާރުކުރާ ގައުމަކަށްވާއިރު ޖަޕާނަކީ އެމެރިކާގެ ބައިވެރިއެކެވެ. މިދިޔަ ހަފްތާގައި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފްވަނީ ޖަޕާނަށްވަޑައިގެން ބޮޑުވަޒީރު އަބޭ އާ ވަރަށް ދިގު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި މިހަފްތާގެ ފަހުކޮޅު އަބޭ އީރާނަށް ޒިޔާރަތް ކުރައްވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނާއި އެމެރިކާގެ ގުޅުންތައް އޮބާމާގެ ވެރިކަމުގައި ރަނގަނޅުވުމާއެކު އެމެރިކާވަނީ ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭގޮތަށް އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި އީރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ދެގައުމުގެ ދެމެދުގައި މައްސަލަ ޖެހުނީ ޓްރަމްޕް ވެރިކަމަށް ވަޑައިގެން އެ އެއްބަސްވުމުން އެމެރިކާ ވަކިވެ އިސްރާއީލުގެ މަސްލަހަތު ހިމާޔަތް ކުރެވޭގޮތަށް ނިއުކްލިޔާ އައު އެއްބަސްވުމެއްގައި ސޮއިކުރަން އީރާނަށް މަޖްބޫރު ކުރުމުގެ މަސައްކަތް ވަރަށް ހަރުކަށި ގޮތެއްގައި ޓްރަމްޕް ފެއްޓެވުމުންނެވެ.

އިސްރާއީލުގެ މަސްލަހަތު ހިމާޔަތް ކުރެވޭގޮތަށް ނިއުކްލިޔާ އައު އެއްބަސްވުމެއްގައި ސޮއިކުރަން އީރާނަށް މަޖްބޫރު ކުރުމުގެ ގޮތުން ޓްރަމްޕްގެ ސަރުކާރުންވަނީ އީރާނާދެކޮޅަށް އެމެރިކާއިން ދުވަހަކުވެސް ނާޅާފަދަ ދަތިކުރުމުގެ ހައްދުފަހަނަޅާފައިވާ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެތެރޭގައި އީރާނުގެ ތެލުގެ އެކްސްޕޯޓާއި މައުދަންތަކާއި އެނޫންވެސް އީރާނުގެ އެކްސްޕޯޓް ވިޔަފާރި ހުއްޓުމަކަށް ގެނައުމުން ހިމެނެއެވެ.

މިކަން ހާސިލްކުރުމަށްޓަކައި އެމެރިކާ ވަނީ އީރާނާއެކު ވިޔަފާރިކުރާ ހުރިހާ ގައުމުތަކާ ކާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މިއާއެކުވެސް އީރާނުގެ ތެލުގެ އެކްސްޕޯޓާއި އެނޫން ވިޔަފާރިތައް ހުއްޓުވުމުގައި ނާކާމިޔާބުވުމުން ޓްރަމްޕްގެ ސަރުކާރުންވަނީ ގަލްފުގެ ސަރަހައްދަށް ހަނގުރާމައިގެ މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތަކާއި ސިފައިން ފޮނުވައިގެން އީރާނަށް ހަނގުރާމައިގެ ބިރުދައްކައި މެދުއިރުމަތީގެ މަސްރަހް ހޫނުކުރުމުގެ ހަރުކަށި އަމަލުތަކެއް ހިންގަން ފަށާފައެވެ.

ނަމަވެސް އީރާނާ ދެކޮޅަށް އިސްވެ ހަމަލާދީ ހަނގުރާމަ ފަށަން އެމެރިކާއަށް ކެރިފައެއް ނުވެއެވެ. އީރާނުންވަނީ އެމެރިކާ ކިތަންމެ ހަރުކަށިކަމެއް ދެއްކިނަމަވެސް އެމެރިކާ އެދޭގޮތަށް އީރާނުގެ ސިޔާސަތު ބަދަލުނުކުރާނެކަމަށާ އަދި އީރާނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފަށަން އެމެރިކާއަށް ނުކެރޭނެކަމަށް ބުނެ އެމެރިކާއަށް ގޮންޖަހާފައެވެ. އަދި އެމެރިކާ އަލުން އެނބުރި ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫއަ ނުވަނީސް އެމެރިކާ އާ ވާހަކަ ދެއްކުމަށް އީރާނުންވަނީ ދެކޮޅު ހަދާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް