ޖީއެމްއާރުން ޓެކްސް ދައްކަން ނުޖެހޭކަމަށް ލަފާ ދިނިން: އޭޖީ

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު --

މާލެ އިންޓަނޭޝަނަލް އެއާޕޯޓު ހިންގި ޖީއެމްއާރު ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ދެއްކި ފައިސާއިން ޓެކްސް ދައްކަން ނުޖެހޭނެކަމަށް ލަފާ ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެއްބަސްވެއްޖެއެވެ.

ޖީއެމްއާރުން މާލެ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އުފެއްދި ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއަޕޯޓު ލިމިޓެޑް (ޖީއެމްއައިއޭއެލް)އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު، ދެ ފަހަރެއްގެ މަތިން ރާއްޖެއިން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

ނަމަވެސް 2017 ވަނަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ވަނީ ޖީއެމްއައިއޭއެލްއިން ވިޔަފާރި ފައިދާގެ ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި ޖޫރިމަނާގެ ގޮތުގައި 23 މިލިއަން ޑޮލަރު (354.66 މިލިއަން ރުފިޔާ) ދެއްކުމަށް ނޯޓިސް ފޮނުވާފައެވެ.

އެޓާނީ ޖެނެރަލަކަށް އަނިލް ހުންނެވި ދުވަސްވަރު އޭރުގެ ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް ސޮއި ކުރައްވާ މީރާއަށް ލަފާ ދީފައި އޮތީ ޖީއެމްއާރުން ރާއްޖޭގައި ވިޔަފާރި ކުރި މުއްދަތުގައި ދައްކަން ޖެހޭ ކަމަށް މީރާއިން ބުނާ ޓެކްސް ފައިސާ އެ ކުންފުނިން ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ މާފު ނުކުރެވޭނެ ކަމަށެވެ.

https://sun.mv/119495

އެހެން ނަމަވެސް ޖީއެމްއާރުން ދައްކަން ޖެހޭ ޓެކްސް ފައިސާ އަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މީރާއަށް ލަފާދެއްވިކަމަށް މިއަދު ރިޕޯޓު ކުރެވުނެވެ.

މި ރިޕޯޓުތައް ކަށަވަރުކޮށްދެއްވައި، އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާބިޓްރޭޝަން ޓްރައިބިއުނަލުން 2016 އޮކްޓޫބަރު 25ގައި ނެރުނު ފައިނަލް އެވޯޑުގައި ބުނެފައިވަނީ، ޖީއެމްއައިއޭއެލްއަށް ލިބިދިނުމަށް ކަނޑައާޅަފައިވާ ފައިސާއިން އެއްވެސް އަދަދެއް އުނިނުވެ އެ ކުންފުންޏަށް ފުރިހަމައަށް ލިބިދެންޖެހޭނެ ކަމަށް ވާ ކަމަށެވެ.

އާބިޓްރޭޝަންގެ ނިންމުން ސަރުކާރުން ގަބޫލުކޮށް، އޭގައިވާ އަދަދަށް 15 ނޮވެމްބަރު 2016 ގައި ފައިސާ ދައްކާފައިވާ އިރު، އެ ފައިސާއިން ޓެކްސް ދައްކަން ނުޖެހޭނެކަމަށް އެމްއޭސީއެލްއިން ޖީއެމްއާރަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާކަމަށްވެސް ބަންޑާރަނައިބު އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އާބިޓްރޭޝަންގެ ފައިނަލް އެވޯޑުގެ ފައިސާއިން އެއްވެސް ޓެކްސްއެއް ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާތީ، އެވޯޑުގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ޓެކްސްއެއް މީރާއަށް ދައްކަން ނުޖެހޭނެކަމުގެ ޔުަގީންކަން ދެމެވެ. ނަތީޖާއެއްގެ ޮގތުން، މީރާއިން ކަނޑައަޅަނެ ޓެކްސްއަށް ވާ ފައިސާ އެވޯޑުގެ ފައިސާގެ ތެރެއަށް އިތުރުކުރަންޖެހޭ ތަނެއް ނެތެވެ،" އެމްއޭސީއެލްގެ ސިޓީގައިވާ ނަކަލެއް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑަށް ލިބުނު ފައިސާއިން ޓެކްސް ދައްކަންޖެހޭ ކަމަށް މީރާއިން ނިންމާ ހާލަތެއްގައިވެސް، އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކުރަންޖެހޭ ކަމެއް ކަމަށް އޭޖީގެ ބަޔާނުގައި ވެއެވެ.

"ޖީއެމްއައިއޭއެލްއަށް ދައްކާފައިވާ އާބިޓްރޭޝަން އެވޯޑުގެ ފައިސާއިން ޓެކްސް ނެގުމާ ގުޅޭގޮތުން ލަފައަކަށް އެދި މޯލްިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން 10 ޖެނުއަރީ 2019 ގައި މި އޮފީހަށް ލިޔުއްވުމާ ގުޅިގެން، އިސްވެ ދެންނެވި ފަދައިން، މި އޮފީހުން ވާނީ އެ އޮތޯރިޓީއަށް ލަފާ ދީފައެވެ،" އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތަކީ ޖީއެމްއާރު މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނުގައި ޖީއެމްއާރުގެ ފަރާތުން މަސައްކަތްކުރެއްވި ވަކީލެކެވެ.

comment ކޮމެންޓް