ފުޓްބޯޅައިގެ ފޯރި އަލުން ގެންނަމާ ހިނގާ!

ޖޫން 11، 2015: ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާއި ގަތަރު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗު ނިމެން ބާކީ އިނީ އެންމެ ތިން މިނެޓެވެ. އޭރިއާ ތެރެއަށް އެންމެން ބޮޑިވަމުން ދިޔަ ވަގުތު ރާއްޖެއަށް ލިބުނު ކޯނަރު ނަގަން ގޮސް ހުރި އަލީ އަޝްފާގު (ދަގަނޑޭ)އަށް ފެނުނީ އޭރިޔާ ބޭރުން ހުސްވަމުންދިޔަ މުޙްތާރު ނަސީރު (ޓޫކިލޯ) އެވެ. އިތުރަށް ބެލުމެއް ނެތި މަތި މަތިން ދަގަނޑޭ ވައްޓާލި ބޯޅަ އެއްފަހަރުން ޓޫކިލޯ ގޯލުގެ ތެރެއަށް ފޮނުވާލުމާ އެކު ޓީވީތަކާއި ބޮޑު އިސްކުރީންތަކުގައި މެޗްބަލައި ރެޑިއޯއިން އަޑުއަހަމުން ދިޔަ ދިވެހިންނަށް ލިބުނު އުފަލާ އެކު މުޅި ރާއްޖެ ގުގުމާލި އެވެ.

ސާފު ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބުނު ދުވަހުގެ ހަނދާންތައް އަދިވެސް އިއްޔެ ވީ ކަމެއްހެން ހުރިހާ ދިވެހިން ވެސް ހަނދާން ހުންނާނެ އެވެ. އެކަމުގެ އުފަލުގައި ކެއްކި ބޮނޑިބަތްތަކާ ބެރު ވެރިންގެ ބެރުޖެހުމާއި ދުންމާރީގެ އަޑު މުޅި ރާއްޖޭގައި ހިއްޕާލި އިރު، އެ އަސަރުގަދަ ހަނދާންތައް އާ ކޮށްލުމުން ގައިން ހީބިހި ނަގައިގެން ދާވަރުވެ އެވެ.

2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕު ކާމިޔާބުކޮށް ގައުމީ ޓީމު ރާއްޖެ އައުމުން ދިވެހިން އުފާ ފާޅު ކުރަނީ --- ފޮޓޯ/ ހުސައިން ސިނާން

ބޮޑު އީދެއް ފަދައިން ކުޑަ ބޮޑު އެންމެން އެދުވަހު ދެއްކި އެއްބައިވަންތަކަން މިއަދު ކޮބައި ހެއްޔެވެ؟ އެއް އަޑަކުން ހަޅޭއްލަވަމުން ދިޔަ ސަޕޯޓަރުންގެ އެ ފޯރި މިހާރަކު ނުފެނެ އެވެ. އިދިކޮޅަށް ކިތަންމެ މޮޅު ޓީމެއް އައި ކަމުގައި ވިޔަސް ސަޕޯޓަރުންގެ ފޯރިއާ އެކު ގަލޮޅު ދަނޑުގައި ކުޅެން އުނދަގޫވި ޓީމުތައް މިއަދު އައިސް ރާއްޖެ ބަލިކޮށްލާފައި ދަނީ ހެވިލާފަ އެވެ.

ރާއްޖޭގެ ކުޅިވަރު ކަންތައްތަކަށް ވަންނަން ނުޖެހޭ މިންވަރަށް ނުރަނގަޅު ސިޔާސީ ނުފޫޒުވަދެ އޮތީ ގިނަ ކުޅިވަރުތަކެއް އޮޅުން ބޮޅުންވެފަ އެވެ. ގިނަ ބަޔަކު ކުޅިވަރު މަތިން ފޫހިވަން މެދުވެރިވި ސަބަބަކީ ވެސް މި އެވެ. ހަގީގަތުގައި ވެސް ކުޅިވަރަށް ދިވެހިން ދެމުން އައި ލޮތްބާއި ގަދަރު އަދި ފޯރި ފަނޑުވަމުން ގޮސް ލަދުގަންނަން ޖެހޭހާ ދަށް ފެންވަރަކަށް މިވަނީ ވެއްޓިފަ އެވެ. މިކަމުގެ ޒިންމާ ނަގަންވެސް ޖެހޭނީ ހަމަ އަހަރަމެން އެވެ.

ދިވެހީންނަކީ ޒަމާނުއްސުރެން ބޭރުގެ ފުޓުބޯޅަ ބަލައި ބޭރުގެ ޓީމުތަކަށް ފޯރި އާ އެކު ސަޕޯޓް ކޮށް މަރު ދޭ ބައެކެވެ. އެ މެޗުތަކުގައި ކުޅޭ ޓީމު ތަކުގެ ސަޕޯޓަރުން ދައްކަމުން ދާ ސަޕޯޓުގެ ނަމޫނާ ދިރުވަން ވެއްޖެ އެވެ. ދާދި ފަހުން އިނގިރޭސި ވިލާތުގެ މެންޗެސްޓާގައި އޮތް މެޗެއް ބަލާލަން ދިޔުމުގެ ފުރުސަތު ލިބުމުން އެ މީހުން ފުޓްބޯޅައަށް ދޭ ފޯރި ވަރަށް ވެސް ބޮޑަށް އެނގިއްޖެ އެވެ. އިނގިރޭސި ވިލާތުގެ އެންމެ މަޝްހޫރު އެއް ސްޓޭޑިއަމް، "އޯލްޑް ޓްރެފޯޑް" ގައި ކުޅުނު މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރި ފޯރި ގަދަ މެޗްގައި ސަޕޯޓަރުން ދެނަކާ ދެނެއް ނެތި ފުމެނީ އެވެ. އެއީވާ ފޯރި ނަގާ ސަޕޯޓަރުންތަކެކެވެ.

މެންޗެސްޓާގެ އޯލްޑް ޓްރެފޯޑަށް މެޗު ބަލާލަން ދިޔަ ދުވަހު ނަގާފައި ވާ ފޮޓޯއެއް.

އެތައް ހާސް ސަޕޯޓަރުންނެއް ތެރޭގައި ތިބެ މެޗު ބަލަމުން ދިޔައިރު އަރަމުން ދިޔައީ އަމަށަކު ޖޯޝެއް ނޫނެވެ. ގުގުމާލާފައި އޮތް ސަޕޯޓްގެ އަޑުން ފުޓުބޯޅައަކީ އެމީހުންގެ ދިރިއުޅުމުގެ އެއްބަ އިކަން ސާފެވެ. އެފަދަ 50،000 ސަޕޯޓަރުން އެއް އަޑަކުން އެއް ރާގަކަށް ހަޅޭއް ލަވަމުން ދާ އިރު ކުޅުންތެރިންނަށް ވެސް ހާދަ ހިތްވަރެއް ލިބޭނެ އެވެ. އެ މީހުންގެ ލޭ ހުންނާނީ ކެކިކެކި އެވެ.

މުޅިން ވެސް ނޫ ހެދުމުގައި މެޗް ބަލަން ވަދެ ހުރި ޗެލްސީއަށް މަރުދޭ، އުމުރުން 18 އަހަރުގެ ކޭން ނަމަކަށް ކިޔާ ސަޕޯޓަރެއް ބުނި ގޮތުގައި، ފުޓްބޯޅަ ވެފައިވަނީ އެ މީހުންގެ ހަޔާތުގެ އެއްބަޔަށެވެ.

"ފުޓުބޯޅައަކީ އަހަރެންގެ ހުރިހާ ވެސް އެއްޗަކީ. ހަނދާން ހުންނަން ފެށީން ސުރެއް ޗެލްސީއަށް ސަޕޯޓް ކުރީ. އާއިލާ އެންމެން ވެސް ޗެލްސީއަށް ސަޕޯޓް ކުރާނީ،" ކޭން ކިޔާދިނެވެ.

ޗެލްސީއަށް މަރުދޭ ސަޕޯޓަރެއް ކަމަށްވާ ކޭންއާއި އެކު އަހަރެން ނަގާފައިވާ ފޮޓޯއެއް ----

"އަހަރެން ދިރިއުޅެނީ ޗެލްސީގެ ފުޓުބޯޅަ ސްޓޭޑިއަމް ކައިރީ. އެއީ އަހަރެން އަބަދުވެސް އެންމެ ލޯބި ކުރާ ތަނަކީ. އެކަމު މިއަދު މެޗު ބަލަން އޯލްޑް ޓްރެފޯޑްއަށް މިއައީ ފުރަތަމަ ފަހަރަށް. ކުރިން ވެސް އެކި ސްޓޭޑިއަމް ތަކަށް ޗެލްސީ މެޗުތައް ބަލަން ދަން،"

އޭނާ އަދި ބުނި ގޮތުގއި މިހާތަނަށް އެންމެ އުފާވި ދުވަހަކީ ޗެލްސީ ފުޓުބޯޅަ ކުލަބް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ދުވަސް ކަމަށެވެ. އެއީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ވަގުތު ކޮޅެއްކަމަށް އޭނާ ބުންޏެވެ.

"ބަޔާން މިއުނިކް ބަލިކޮށް 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ޗެލްސީ އިން އުފުލާލި ވަގުތަކީ ހަޔާތުގެ ވެސް އެންމެ އުފާވެރި ވަގުތު ކޮޅު. އޭރު އުމުރުން ކިތަންމެ ހަގު ނަމަވެސް ވަރަށް ރަނގަޅަށް މެޗު ހަނދާން އެބަހުރި. 0-1 އިން ބަލިވަމުން ދަނިކޮށް ފަހު ވަގުތު ޑްރޮގްބާ ބޮލުން ޖެހި ގޯލުން ދެން ދިޔައީ ޕެނަލްޓީއަށް. ޕެނަލްޓީގެ ވެސް ފަހު ޕެނަލްޓީ ޖެހީ ޑްރޮގްބާ. އެއީ އަހަރެންގެ ފުޓުބޯޅަ އައިކޮން އަކީ ވެސް،" ކޭން ބުންޏެވެ.

ކޭންއަށް ރާއްޖެ އޮންނަ ކަމެއް ނޭންގެ އެވެ. އޭނާއަށް ރާއްޖެ ތައާރަފްކޮށްދޭން ޖެހުނީ އަހަންނަށެވެ. ރާއްޖޭގެ ރީތިކަމުގެ ވާހަކަ ކިޔައިދިނުމުން، އޭނާ ހުރީ ރާއްޖެ އަންނަން ކެތް މަދުވެފަ އެވެ.

އެދުވަހުގެ މެޗް 1-1 އެއްވަރުވުމުން ޔުނައިޓެޑަށް ޖާގަ ގެއްލި އެ ޓީމްގެ ސަޕޯޓަރުން ތިބީ މާޔޫސް ކަމުގަ އެވެ. އެކަމަކު ޗެލްސީ ސަޕޯޓަރުން އެ މީހުންނަށް ހިތްވަރު ދިނެވެ. މިއީ ވެސް ކުޅިވަރުގެ ފޯރީގެ ތެރެއިން ފެނުނު ވަރަށް ވެސް ރީތި މަންޒަރެކެވެ.

ސަޕޯޓަރުން ގައިގާ ބައްދާލައި ހިތްވަރު ދެމުން ދިޔަ، ރޮބީ ބުނި ގޮތުގައި ޔުނައިޓެޑު ކުޅޭ ގިނަ މެޗުތައް ބަލަން އޯލްޑް ޓްރެފޯޑްއަށް އޭނާ އާދެވޭތޯ އަބަދުވެސް ބަލަ އެވެ. ކަޓާފައި ހުރީ ވަރަށް ވެސް މަދު މެޗެކެވެ.

"ކުޑައިރުން ފެށިގެން ވެސް ސަޕޯޓް ކުރަނީ ޔުނައިޓެޑަށް،" ރޮބީ ބުންޏެވެ. "އެންމެ އުފާވި ވަގުތަކީ 1998 ވަނަ އަހަރު ޔުނައިޓެޑުން ޓްރެބަލް ހޯދި އަހަރު. އޭރު އުމުރުން ފުދޭ ވަރަކަށް ހަގު ވާނެ. ސުކޫލަށް ގޮސް ރައްޓެހިންނާ އެކު ވެސް އަބަދު އެވާހަ އޮންނާނީ އޭރު،"

މެންޗެސްތާ ޔުނައިޓެޑަށް މަރުދޭ ސަޕޯޓަރެއް ކަމަށްވާ ކޭންއާއި އެކު އަހަރެން ނަގާފައިވާ ފޮޓޯއެއް ----

ރޮބީ ބުނީ އޭނަ މިހާރު އެންމެ ސަޕޯޓް ކުރަނީ އެ ޓީމުގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާއަށް ކަމަށެވެ. ފަހަކަށް އައިސް މެޗުތަކުގައި މިސްޓޭކުތައް އޭނަގެ ފަރާތުން ފެނުނު ނަމަވެސް، އޭނާ ހުރީ ދެން އަންނަ ސީޒަނުގައި އެކަން ރަނގަޅު ވާނެ ކަމުގެ އުންމީދެއްގަ އެވެ.

"އަހަރެންގެ އޯލް ޓައިމް ފެވަރިޓް އަކީ ރަޔާން ގިގްސް. އޭނަ އަކީ ތަފާތު ކުޅުންތެރިއެއް. އެއް ލެވެލްއެއްގައި ގިނަ އަހަރުތަކެއް ވަނދެން ހިފެހެއްޓި،" ރޮބީ ބުންޏެވެ.

ފުޓުބޯޅަ އަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަލައި ކުޅިވަރަށް ވީ އިރު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެ ކުޅިވަރަށް ދޭ ސަމާލުކަމާއި ފޯރި ވެސް ދަނީ ދުވަހަކަށް ވުރެން ދުވަހެއް އިތުރުވަމުންނެވެ. ފުޓުބޯޅަ ކުރިއަރާނީ ހަމައެކަނި ކުޅުންތެރިން ކުޅޭ ކުޅުމަކުން ނޫނެވެ. ސަޕޯޓަރުންގެ ވެސް ސަޕޯޓުންނެވެ. އެކަމަކު ރާއްޖޭގައި ކަންވަނީ ދިމާ އިދިކޮޅަށެވެ. ފުޓްބޯޅައަށް އޮތް ފޯރި ފަޑުފަޑުވަމުން ގޮސް އެކީގައި ގެއްލެނީ އެވެ.

comment ކޮމެންޓް