ހިއްޗަށް ވަޑައިގަތުމާއި ހިއްޗަށް ގެއުމާއި ހިއްޗި ގޮނުގެ ވާހަކަ

ރާއްޖޭގެ ބައެއް ރަށްތަކުގައި ބަރަކާތްތެރި ރަމަޟާން މަހަށް ފަހު އަންނަ އީދު ދުވަހުގެ ކުޅިވަރުގެ ތެރޭގައި "ހިއްޗަށް ވަޑައިގެންނެވުމެއް" އޮވެ އެވެ. އެއީ ރާއްޖޭގައި ރަސްކަން އޮތް ޒަމާނުގައި ރަދުން ރަސްމީ އިއްޒަތުގައި ހިންގަވާ ހިންގެވުމެއްގެ ހަނދާންއާ ކުރުމުގެ ގޮތުން ބާއްވާ ކުޅިވަރެކެވެ.

ރަސްކަމުގެ ޒަމާނުގައި ރޯދަ މަހު، މާލޭގައި ހަތަރު ފަހަރު ހިއްޗަށް ވަޑައިގަތުން އޮވެއެވެ. މި ރަސްމިއްޔާތަށް "ހިތި" މި ނަމުން ނަން ދެވުނީ، މި ކަމުގެ ތެރޭގައި ބަނބުކޭލު ހިތި ކެއްކުން ހިމެނޭތީ ކަމަށް މައުލޫމާތު ލިބެއެވެ.

ހިއްޗަށް ވަޑައިގަތުން އޮންނަނީ ވަލީވެރިއެއްގެ ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ. އެ ޒަމާނުގައި މާލޭގައި ޒިކުރާ އާ ކުރެވޭ މި ފަދަ ބޭކަލުންނަކީ ތަބްރީޒީގެފާނާއި، ސުލައިމާނުލްމަދަނީއާއި ޙަބްޝީގެފާނާއި ޝަހީދުވި އަލި ރަސްގެފާނެވެ. ހިއްޗެއް ހާއްސަ ކުރެވޭނީ މިއިން ބޭކަލަކަށެވެ. އެ ބޭކަލަކަށް ހާއްސަ ވާ ހިތީގައި އެ ބޭކަލެއްގެ ޒިޔާރަތަށް ވަޑައިގެން ރަދުން ފާތިހާ ވިދާޅުވާނެއެވެ.

ވާރޭ ވެހޭ ދުވަސްވަރެއް ނަމަ، ކީރިތި މަހާރަދުން ހިއްޗަށް ވަޑައިގަންނަވާ އިރު، އެ ޒިޔާރަތަކަށް ރަސްގެފާނު ހިއްޗަށް ވަޑައިގަންނަވާ ޒިޔާރަތެއް ދޮށުގައި ބެރުފިޔަފާޅި ހަދައެވެ. މި ފިޔަފާޅިއަކީ އަށް ރިޔަން ދިގަށް، ފަސް ރިޔަން ފުޅަލަށް ހުންނަ އަދި މައްޗާއި އަރިމަތީން ވެސް ފެން އެތެރެއަށް ނުވިއްސާ ވަރަށް ނިވާކޮށް ވަރަށް ރަނގަޅު ފެންވަރަކަށް ހަދާ ހިޔަލެކެވެ.

އެ ރެއެއްގެ ހިތީ ކުޅިވަރުގައި، ބެރުދުންމާރިތާޅަފިލީގެ އެންމެހައި ކަންތައްތައް އޮންނާނީ މި ބެރުފިޔަފާޅީގައެވެ. އެ ތަނަށް ވަދެވޭނީ ހަނގުބޭކަލުންނާއި ބެރުދުންމާރިތާޅަފިލިވެރީންނާއި ދައުލަތުގެ ދަރަޖަވެރީންނަށް އެކަންޏެވެ. ހިތީ ރޭރޭގެ ކުޅިވަރުތައް ނިމުމުން އެ ކަން އެންގުމަށް ޓަކައި ޖަހާ ބޮޑުނާބަ އަދި ފަސްފުޅީދަމުގެބެރު (ދަންބެރު) ޖަހާނީ މި ތަނުގައެވެ. ކުޅިވަރުތައް ނިމުމުން ފިޔަފާޅި ރޫޅައި ނަގައި ރައްކައު ކުރެއެވެ. އެތެރެއަށް ލައިފައި ވާ ކަށިވެލި ނުވަތަ ދޮންވެލި އެ ހިސާބަށް ރީތިކޮށް ފަތުރައިލައި އެއްވަރު ކުރެއެވެ.

ރާއްޖޭގެ އެންމެ ދެކުނުގައިވެސް މީގެ ކުރިން ހިއްޗަށް ދިޔުމެއް އޮވެއެވެ. ނަމަވެސް އޭގައި "ހިއްޗަށް ވަޑައިގަތުމާ" ތަފާތު ކަންތައްތަކެއް ހުރެއެވެ. އައްޑު އަތޮޅު ހިތަދޫގައި ކުރިއަށްގެންދިޔަ އެސަގާފަތަށް ކިޔަނީ ހިއްޗަށް ދިޔުމެވެ. އައްޑޫ ބަހުން ބުނާނަމަ ހިއްޗަށް ގެއުމެވެ.

ހިތަދޫ ޝަރައްފުއްދީން ސްކޫލުގެ މުދައްރިސް، ހަސަން ލަބީބު ވިދާޅުވި ގޮތުގައި އައްޑޫ މީހުން ހިއްޗަށް ދާ ގޮތާ ރަދުންގެ ހިއްޗަށް ވަޑައިގަތުމާ ގުޅުމެއް ނޯވެ އެވެ. އަދި އެރަށުގައި ހިއްޗަށް ދިޔުން މާނަ ކުރަނީ ގިނަ އަދަދެއްގެ މީހުން ގުރޫޕު ހަދައިގެން ރޯދަ ވީއްލަން ތަންތަނަށް ދިޔުމަށެވެ.

"އަޅުގަނޑުމެން ހިއްޗަށް ދިޔުން މާނަ ކުރަނީ ރޯދަ ވީއްލަން ތަންތަނަށް ގުރޫޕު ހަދާލާފަ އުޅޭ އުޅުމުގެ ގޮތުގަ،" ލަބީބު ވިދާޅުވި އެވެ.

ލަބީބު ވިދާޅުވި ގޮތުގައި ފުރަތަމަ ހިއްޗަށް ދިޔުން އޮންނާނީ ރޯދައަށް ހަނދުބެލުމަށެވެ. އެދުވަހު ހިއްޗަށް ދަނީ މާހެފުމަކަށް ދާ ގޮތަށެވެ. އަދި އެދުވަހު ކެއުމާއި މޫދަށް އެރުންވެސް އޮންނާނެއެވެ.

"ވަކި ގަޑިއެއްގަ މިދަނީ، ހަނދު ބަލަން ދާން ކަނޑައެޅިފަ އޮންނަ ތަނަށް. ގޮސްފަ އެތާ ތިބެގެން ހަނދު ފެނުމުގެ ކުރީގަ ހަވީރު މާހެފުމެއް ގޮތުގަ ރަނގަޅަށް ކާލާނެ. ދެން އިރު އޮއްސުނީމައި ހަނދު ބަލަނީ. އެއީ ފުރަތަމަ ހިއްޗި ދަތުރު ފެށުން،" ލަބީބު ވިދާޅުވި އެވެ.

އެއަށް ފަހު ރޯދަ މަސް ފެށުމުން ކޮންމެ 10 ރޯދައެއް ވަކި ކުރަންވެސް ހިއްޗަށް ދިޔުން އޮވެ އެވެ. އެގޮތުން ފުރަތަމަ 10 ރޯދައިގެ ތެރޭ ވަކި ދުވަހެއް އަދި ދެވަނަ 10އަކާއި ތިން ވަނަ 10ގެ ތެރޭވެސް އެއް ދުވަހު ހިއްޗަށް ދިޔުން އޮވެއެވެ.

ލަބީބު ވިދާޅުވި ގޮތުގައި ހިއްޗަށް ދިޔުމުގެ އިންތިޒާމުތަކުގައި އިސްކޮށް ހުންނަވާނީ އޭރުގެ ކުޑަ ކަތީބެވެ. އަދި ކަތީބު ފުރަތަމަ ހައްދަވާނީ ހިއްޗަށް ދާނެ މީހުންގެ ލިސްޓެކެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނޭނެއެވެ. އަދި ހިއްޗަށް ދާ ތަނެއް ނިންމާ އިރު ބަލާނީ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ.

ހިއްޗަށް ދިޔުމުގެ އެންމެ މުހިއްމު އެއް ކަމަކީ އެތަނަށް ގޮސް ހުރިހާ އެއްޗެއްވެސް ކެއްކުމެވެ. އެހެންކަމުން އެކަމުގައި ބައިވެރިވާ އެންމެން ހިއްޗަށް ދާނީ ކައްކަން ބޭނުންވާ ހުރިހާ ތަކެތި ގާޑިޔާއަކަށް އަރުވައިގެންނެވެ. ފަހުން މި ޒަމާނަކަށް އައިސް ގެންދަނީ ޕިކަޕުގައެވެ. އަދި އެތަނަށް ދިޔުމަށް ފަހު ތައްޔާރު ކުރާ ކާނާތަކުގެ ތެރޭގައި ބަތާއި ރޮށްޓާއި ހެދިކާ ފަދަ ތެލުލި ލުއި ކާނާވެސް ހިމެނޭނެއެވެ.

ހިއްޗަށް ދިޔުމަށްފަހު ސުފުރާ ހަދަނީވެސް ވަރަށް ދިވެހިވަންތަ ގޮތަކަށެވެ. އެއީ ރުކުން ފަންވަތް ކަނޑައިގެން، ފަން ވިޔެގެންނެވެ.

"ރޯދަ ވީއްލަންވާ އިރަށް ސުފުރާ ތައްޔާރު ކުރާނީ. ފަން ކަނޑައިގެން ފަން ވިޔެފަ ފަން އަޅާފަ އޭގެ މަތީގަ ތަށި އަތުރާފަ ހުންނާނީ ރޯދަ ވީއްލާންވާ އިރަށް. ހުރިހާ އެއްޗެއް ކައްކަންވާނީ އެތަނަށް ގޮސްފަ. އެހިއްޗި ދުވަސްތަކުގަ،" ލަބީބު ވިދާޅުވިއެވެ.

ލަބީބު ވިދާޅުވި ގޮތުގައި ހިއްޗަށް ދިޔުމަކީ އެންމެން އެއްވެ، ވަރަށް ފޯރި ނަގާ ކަމެކެވެ. ނަމަވެސް އެމަޖާ ނަގަނީ އަޅުކަންތައް ހަނދާން ނައްތާލާފައެއް ނޫނެވެ. އެގޮތުން ހިއްޗަށް ދަނީ، އެދާތަނެއްގައި އަންހެނުންނާއި ފިރިހެނުން ވަކިން ޖަމާއަތް ހަދައިގެން ނަމާދުވެސް ކުރެވޭ ގޮތަށެވެ.

ނަމަވެސް ރޯދައަށް ތިބޭ ކުޑަކުދިންނަށް ދަތުރަކު ގޮސް، އެތަނުގައި ތިބެ ކެއުމަކީ މާފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން ރޯދަ ކުރު ކުރުމަށް ހިތަދޫގައި މީގެ ކުރިން ކޮށް އުޅުނު ކަމެއް އޮވެއެވެ. އެއީ ފަނުން ހަދާފައިވާ ކުޑަ ގޮނެއް ކުޑަކުދިންގެ ކަރުގައި އަޅުވައި، ހަވީރުކޮޅު އެކުދިން ގާތްތިމާގެ ގެތަކަށް ގެންދިޔުމެވެ. އަދި އޭގެއިން ކޮންމެ ގެއަކުންވެސް އެކުދިންގެ ގޮނަށް ހެދިކާ އަޅާދޭނެއެވެ. އެގޮނަށް ކިޔަނީ ހިއްޗި ގޮނެވެ.

"އެގޮނަކީ ފަނުން ވިޔެފަ، ކަރުގަ އަޅާ ގޮތަށް ހަދާފަ އޮންނަ އެއްޗެއް. އެއީ އަންހެނުންގެ އަތް ދަބަސް ގޮތަށް ހަދާފަ އޮންނަ އެއްޗެއް. ދެން ކޮންމެ ގެއަކުން އެއަށް އެއްޗެއް އަޅާނެ. އެގޮތަށް އަޅަމުން ގޮސް ކުއްޖާގެ ގެޔަށް އަންނަ އިރު ގޮނު ފުރިފަ އޮންނާނީ،" ލަބީބު ވިދާޅުވިއެވެ.

ރޯދަމަހު ހަވީރު ކުޑަކުދިން އަވަށްޓެރި ގެތަކަށް ދިޔުމުން، އެގެއިން ކުދިންނަށް ކާއެއްޗެއްސާއި ހަދިޔާ ދިނުމަކީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައިވެސް ކުރާ ކަމެކެވެ. ލަބީބު ވިދާޅުވި ގޮތުގައި އޭގެ ބޭނުމަކީ ކުޑަކުދިންގެ މެދުގައި ރޯދައަށް ޝައުގުވެރިކަން އުފެއްދުމެވެ.

ނަމަވެސް ހިއްޗަށް ދިޔުމާއި ހިއްޗި ގޮނަކާ އެކު ކުޑަކުދިން ގެތަކަށް ޒިޔާރަތް ކުރުމަކީ މިހާރު ގާތްގަނޑަކަށް އުވިގެން ގޮސްފައިވާ ސަގާފަތެކެވެ. ލަބީބު ވިދާޅުވި ގޮތުގައި އެންމެ ފަހުން ހިތަދޫގައި ހިއްޗަށް ދިޔަ ހަނދާން ވަނީ އައްޑޫގައި މުހައްމަދު އިބްރާހީމް ދީދީ އަތޮޅުވެރިކަން ކުރެއްވި ދުވަސްވަރުއެވެ.

އައްޑޫގައި ވެސް ހިއްޗަށް ދަނީ ރޯދަ މަހުގެ ތިން ދިހައާއި ރޯދަ މަހުގެ ހަނދު ބެލުމަށް ދާ ހިއްޗާ އެކު ހަތަރު ހިއްޗަށެވެ. މާލޭގައި ވެސް ހަތަރު ހިއްޗަށެވެ.

އައްޑޫގެ އިތުރުން ފުވައްމުލަކުގައި ވެސް ކުރީން ހިއްޗަށް ދިއުން އޮންނަ ކަމަށް ފުވައްމުލަކު އަސްރަފީގޭ އިބްރާހީމް ސަޢީދުގެ ލިޔުއްވުމެއްގައި ފާހަގަ ކުރައްވާފައިވެއެވެ. ފުވައްމުލަކުގައި ދިޔައީ ތަބްރީޒީގެފާނުގެ ޒިކުރާގައި އޮންނަ ހިއްޗަކަށާއި، ސުލައިމާނުލްމަދަނީގެ ޒިކުރާގައި އޮންނަ ހިއްޗަކަށާއި، ގާދިރީކަލޭގެފާނުގެ ޒިކުރާގައި އޮންނަ ހިއްޗަކަށާއި، ޝަހީދުވި އަލި ރަސްގެފާނުގެ ޒިކުރާގައި އޮންނަ ހިއްޗަކަށް ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

މިއަދު މާލެއަކުން ވެސް އައްޑޫއަކުން ވެސް އަދި ފުވައްމުލަކަކުން ވެސް މި ހަރަކާތްތަކެއް ނުފެނެއެވެ. އެހެންނަމަވެސް އުތުރުގެ ބައެއް ރަށްރަށުން އީދާ ގުޅިގެން ކުޅިވަރެއްގެ ގޮތުގައި ހިއްޗަށް ދިއުމުގެ ކުޅިވަރެއް ދައްކާލުން އޮވެއެވެ. މި ގޮތުން ކުޅުދުއްފުށްޓާއި ރ. މީދޫގައި ހިއްޗަށް ދިއުން ކުޅިވަރެއްގެ ގޮތުގައި ދައްކާލާފައިވެއެވެ.

މިފަދަ ހަރަކާތްތަކަކީ އިޖުތިމާއީ ގުޅުން ވަރުގަދަކޮށް، މުޖުތަމައުގައި އެއްބައެއްވަންތަކަމާއި އެކުވެރިކަން އިތުރުކޮށްދޭނެ ހަރަކާތްތަކެވެ. ވީމާ، ހިއްޗަށް ދިޔުމުގެ ސަގާފަތް އަލުން ދިރުވުން ކިހިނެއް ވާނެ ހެއްޔެވެ؟

comment ކޮމެންޓް