ކުއްޖާ ވިއްސީ މަންމަ އާއި ލޯބިވެރިޔާ، ފުރާނަ ސަލާމަތްވީ ކިރިޔާ!

ކްރައިމް ސީން އެއް ބަންދުކޮށްފައި: ރާއްޖޭގައި ރަށެއްގައި 15 އަަހަރު ކުއްޖާ ވިއްސީ އެ އަންހެން ކުއްޖާގެ މަންމައާއި ލޯބިވެރިޔާ -- ސަން ފައިލް ފޮޓޯ

ރޭ އެންމެންނަށް ވެސް ކުއްލި ސިހުމެއް ގެނުވީ މެދު ރާއްޖެ ތެރޭގެ ރަށެއްގައި ވިހޭ 15 އަހަރުގެ ކުއްޖެއްގެ ދަރިފުޅު މަރުވެ، މަންމަގެ ހާލުވެސް ސީރިއަސްވި ވާހަކަތަކާ އެކު އެވެ. އެ މައްސަލައިގެ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާ އިރު އެކަމާ ގުޅުން ހުރި އެތައް ވާހަކަތަކަކާއި ސުވާލެއް ވެސް އެނބުރެމުން ދަނީ އެވެ.

އެ ހާދިސާގެ މައުލޫމާތު އެނގިހުރި އެ ރަށު މީހަކު މިއަދު، "ސަން"އަށް ކިޔައިދިން ގޮތުގައި ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ އެ އަންހެން ކުއްޖާ ބަނޑު ބޮޑު ކަމަށް ބުނާ ވާހަކަތައް ތުންތުން މަތިން ރަށު ތެރޭގައި ދައްކާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް، އެ ރަށު މީހުންނަށް އޭރު އެ ވާހަކަތައް ވީ ތޯތޯ ވާހަކަ ތަކަކަށެވެ. އެއީ، އަންހެން ކުއްޖާގެ އުމުރުގެ ހަގުކަމާއި ސިއްހަތު ރަނގަޅު ކުއްޖަކަށް ވާތީ އެފަދަ ހާއްސަ ކަމެއް ރަށު މީހުންނަށް އޭނާގެ ފަރާތުން ފާހަގަ ނުވީ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި އޭނާގެ ލޯބިވެރިޔާ ވެސް ދިރިއުޅުނީ އަންހެން ކުއްޖާ އާއި އޭނާގެ މަންމައާ އެކު އެއް ގެއެއް ގައެވެ. އުމުރުން 20 އަހަރުގެ އޭނާއަށް މައްސަލާގައި ތުހުމަތުތަކެއް ވެސް ކުރެވޭ އިރު، އެ މައްސަލާގައި ހިތްދަތިވެ އޭނާ ވެސް އޮތީ އެޑްމިޓްކޮށްފަ އެވެ.

ރަށުގެ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ނަން ހާމަނުކުރާ ގޮތަށް ބުނީ ވިހޭ އަންހެން ކުއްޖާގެ ހާލު ސީރިއަސްވެ، ހޮސްޕިޓަކަށް ގެންދިޔައީ އިއްޔެ ހެނދުނު 6:45 ގަ އެވެ.

https://sun.mv/119158

އަވަށްޓެރިން ބުނި ގޮތުގައި، އަންހެން ކުއްޖާ ވިހެއީ މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އެވެ. އަންހެން ކުއްޖާ ހޮސްޕިޓަލަށް ނުގެންގޮސް، ގޭގައި ވިހުމަށް އެހީތެރިވީ އަންހެން ކުއްޖާގެ މަންމަ އާއި، އެއް ގޭގައި އުޅޭ އަންހެން ކުއްޖާގެ ލޯބިވެރިޔާ ކަމަށް ބުނާ ތުހުމަތުތައް ވަރަށް ބޮޑަށް އެބަ އޮތެވެ. އެކަމަކު އެކަން ޔަގީން ކުރެވޭނީ ފުލުހުންގެ ތަހުގީގު ނިމުމުންނެވެ.

"ކުއްޖާ މަންމަ ބުނަނީ ތިމަންނާ ވިއްސާކަށް ނޫޅެމޯ، އެކަން ކުރީ ރަށްޓެހިވެގެން އުޅޭ ކުއްޖާއޭ. އެކަމަކު އެ ކުއްޖާ ބުނަނީ މަންމައޭ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ސިއްހީ މަރުކަޒުގެ ބައެއް މުވައްޒަފުންނާ ހަވާލާދީ އެ ރަށު މީހަކު ކިޔައިދިން ގޮތުގައި އަންހެން ކުއްޖާގެ ހާލު ސީރިއަސްވީ، ވިހެއުމުގެ ތެރޭގައި ދިމާވި ކަންތައްތަކެއްގައި ވަރަށް ބޮޑަށް އަންހެން ކުއްޖާގެ ގައިން ލޭ ފޭބުމުންނެވެ. ހޮސްޕިޓަލަށް ގެނައި އިރުވެސް އަންހެން ކުއްޖާގެ ލޭ މަދުވެ އޮތީ އަވަސް ފަރުވާއަށް ބޭނުންވެފަ އެވެ. އެ މީހުން އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެނައީ ވެސް ލޭ މަދުވެ ވަރަށް ބޮޑަށް ހާލު ދައްވާން ފެށީމަ އެވެ.

"ޑޮކްޓަރު ގައިން ވަގުތުން އަންހެން ކުއްޖާ ގަޔަށް ލޭ ވެސް ދިނީ. ގާތްގަނޑަކަށް ހަތަރު ޕޮއިންޓް ލޭ ދިން. ދެން ވަގުތުން މާލެ ފޮނުވާލީ އެމެޖެންސީކޮށް،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެނައުން ކުޑަކޮށް ލަސްވި ނަމަވެސް، އޭނާގެ ފުރާނައަށް ނުރައްކާވީހެވެ.

"ތަންކޮޅެއް ލަސްވި ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތެއް ނުވާނެ. ޑޮކްޓަރުގެ ހުޝިޔާރުކަން ފެނުނީ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެއީ ހާއްސަ ކޭސްއެއް ކަން ފާހަގަވެ އެކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ރިޕޯޓްކުރީ ހެނދުނު 7:10 އެހާކަންހާއިރު އެވެ.

އަންހެން ކުއްޖާ ވިހޭ ތުއްތު ކުއްޖާ މަރުވެފައި އޮތް އިރު އޮތީ ވަރަށް ބޮޑަށް ފެނުން ފޯވެފައި ކަމަށްވެ އެވެ. ވިހޭ އިރު ތިން ކިލޯ ހުރި އެ ކުއްޖާ މަރާލީ ކަމެއް ނުވަތަ ވިހެއުމުގެ ތެރޭގައި މަރުވީ ކަމެއް އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ. އަދި ހުރީ މީހުން ދައްކާ ވާހަކަތަކާއި ތުހުމަތުތަކެކެވެ.

އަންހެން ކުއްޖާގެ ލޯބިވެރިޔާ އެ ރަށުން ފުރުން ފުލުހުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް، އަންހެން ކުއްޖާ އިތުރު ފަރުވާއަށް އިއްޔެ ހަވީރު މާލެ ފުރުވާލި އިރު، މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ވެސް މާލެގެނެ އެވެ. އެ ހަށިގަނޑު ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މި މައްސަލައިގައި ފުލުހުން އެއްވެސް ތަފްސީލީ ވާހަކައެއް އަދި ދައްކަން ބޭނުމެއް ނުވެ އެވެ. ފުލުހުން ބުނަނީ، މައްސަލައިގައި ކުޑަ ކުއްޖެއް ހިމެނޭތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. އެނގިފައިވާ ގޮތުން މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

comment ކޮމެންޓް