ހުރިހާ ޓެކްސީތައް އެއް ޔުނީފޯމަކަށް ބަދަލުކުރަން ނިންމައިފި

ފަސިންޖަރުންތަކެއް ޓެކްސީއެއްގެ ހިދުމަތް ހޯދަނީ: ހުރިހާ ޓެކްސީއެއް އެއް ޑިޒައިނަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ މުއާވިއަތު އަންވަރު

މާލޭގައި ދުއްވާ ހުރިހާ ޓެކްސީއެއް އެއް ޔުނީފޯމަކަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

މާލޭގައި މިހާރު ދުއްވާ ޓެކްސީތައް ހުންނަނީ އެކީ ގޮތްގޮތަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް މިއަދު "ސަން އަށް ވިދާޅުވީ، ބައެއް ޓެކްސީތައް ވަރަށް ބޮޑަށް ބާވެ ކުލަ ވެއްޓިފައިވާ ކަމަށާއި މިނިސްޓްރީގެ ވިސްނުމަކީ، ހުރިހާ ޓެކްސީއެއް ވެސް އެއް އެއް ޔުނީފޯމަކަށް ބަދަލު ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރާނީ ކުއްލިއަކަށް ނޫން ކަމަށާއި އެ ބަދަލު ގެންނަ އިރު، ޓެކްސީ ޓްރައިވަރުންނަށް ވެސް ވަގުތު ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މުސްތަގުބަލުގައި އެބަ ބަލަން ޓެކްސީތަކަކީ، އެއް ޔުނީފޯމަކަށް ހަދަން. މިސާލަކަށް، އެކި ކުލައިގެ ޓެކްސީ މި ހުންނަނީ އެކި ގޮތަށް. އެއް ޔުނީފޯމެއްގައި ހުންނަ ޓެކްސީތަކަށް ހެދުމަށް ވިސްނުން ގެންގުޅެން. އެ ބަދަލު ގެންނަ އިރު، [ޓެކްސީތަކަށް] ބަދަލު ގެނައުމަށް ވަގުތު ދޭނަން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ދުއްވާ ބައެއް ޓެކްސީތަކަކީ ދުއްވަން ހެޔޮވާވަރުގެ ޓެކްސީތަކެއް ނޫން ކަމަށާއި ޓެކްސީތަކަށް ބަދަލު ގެންނަ އިރު، އެކަން ކަމަށް ވެސް ސަމާލުކަން ދޭނެ ކަމަށެވެ. އަދި ރޯދަ މަސް ނިމޭ އިރަށް ޓެކްސީތަކުގެ ސާވޭ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

"ސަލާމަތާއި ރައްކާތެރިކަމަށް ނުފެތޭ ބައިވަރު ޓެކްސީ އެބަ އުޅޭ. ރޯދަ މަސް ނިމޭއިރަށް އެފަދަ ޓެކްސީތައް ސާވޭ ކުރަން ފަށާނަން. ސާވޭ ކުރުމަށް ފަހު، އަޅުގަނޑުމެންނަށް ޖެހޭ އެފަދަ ޓެކްސީތައް ރަނގަޅުވަންދެން [ދުއްވުން] މަޑު ޖައްސާލަން،" އާދިލް ވިދާޅުވި އެވެ.

މާލޭގައި ދުއްވާ ބައެއް ޓެކްސީތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ އަކީ އާއްމުން އަބަދު ވެސް ކުރަމުން އަންނަ ޝަކުވާ އެކެވެ. ބައެެއް ޓެކްސީތައް ދުއްވާތާ އެތަކެއް އަހަރުތަކަށްވެފައިވާ އިރު، ގިނަ ދުވަސްވުމުގެ ސަބަބުން ބައެއް ޓެކްސީތައް ބާވެ، ކާރުގެ ސީޓުތައް ހަލާކުވުން ނުވަތަ ވަސް ނުބައިވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.

މާލޭގެ ޓެކްސީތަކަށް އެއް ޔުނީފޯމަށް ބަދަލު ގެނައުމަށް ނިންމާފައިވާ އިރު، ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ޓެކްސީ މީޓަރުގެ އަގުތައް މިހާރު އެ މިނިސްޓްރީން ކަނޑައަޅާފައިވާ އިރު، އަގުތައް އިއުލާން ކުރުމަށް ނިންމައިފައި ވަނީ ރޯދަ މަހު ފަހުކޮޅު އެވެ.

https://sun.mv/119111

comment ކޮމެންޓް