މާލޭގައި އަނެއްކާ ވެސް ޓެކްސީ ސްޓޮޕް ތަކެއް ހަދަނީ

މާލޭގެ މަގެއްގައި ޓެކްސީ ދުއްްވާފައި ދަނީ -- ސަން ފޮޓޯ: ފަތުހުﷲ ޔާމީން ސައީދު

މާލޭގައި އަނެއްކާ ވެސް ޓެކްސީ ސްޓޮޕްތަކެއް ހަދަން މާލޭ ސިޓީ ކައުންސިލްއިން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު "ސަން" އަށް ވިދާޅުވީ މާލޭގެ އެކި ތަންތަނުގައި މީހުން ތިބެ ޓެކްސީއަށް " އަތް ހިއްލާ" ކަންތައްތައް ކުރުމުން ޓްރެފިކްއަށް ލޯޑް ބޮޑުވަމުންދާ ކަމަށެވެ.

"މިހާރު އެ ޓެކްސީ ސްޓޮޕްތައް ގާއިމްކުރުމަށް ސިޓީ ޓްރެފިކް ޕޮލިހާ މަޝްވަރާތައް ކުރަމުން މިދަނީ،" ޒަމީރު ވިދާޅުވި އެވެ.

އެގޮތަށް ޓެކްސީ ސްޓޮޕްތައް ގާއިމްކުރުމުން ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ނުވަތަ ޓެކްސީ ސްޓޮޕްތަކުގައި ތިބެގެން ނޫންގޮތަކަށް ޓެކްސީ ނުނެގޭނެކަމަށް ޒަމީރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރައީސް ޔާމީންގެ ސަރުކާރުގެ ކުރީކޮޅުވެސް ޓެކްސީ ސްޓޮޕްތަކެއް މާލޭގައި ގާއިމް ކުރި އެވެ. އެހެން ނަމަވެސް، އެތަންތަން ބޭނުންނުކޮށް އެތަންތަން އުވިގެން ދިޔައީ އެވެ.

މި ރަމަޟާން މަހުވެސް މާލޭގެ ޓްރެފިކަށް ބާރުބޮޑުވެދިޔަ ނުދިނުމަށް އެކި ކަހަލަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން ރޯދަމަހު ހެނދުނު 8:00 އިން މެންދުރު 2:00 އަށް، ހަތަރު ފުރޮޅުލީ ވެހިކަލަށް މަޖީދީ މަގު ވަނީ ވަންވޭވެސް ކޮށްފަ އެވެ.

ފުލުހުން ބުނީ އެގޮތަށް އަމަލަކުރަން ނިންމީ މުދާ އުުފުލާ ގަޑިތަކާއި ސްކޫލުތައް ނިމޭގަޑިއާ ދިމާވާތީއާއެކު މަޖީދީ މަގުގެ ޓްރެފިކް ބާރުބޮޑުވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެވެ.

comment ކޮމެންޓް