ދިރާގުން ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަންތަކެއް

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ކުންފުނި ދިރާގުން މި އަހަރު ވެސް ރަމަޟާން މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ޕްރޮމޯޝަންތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ އެޑްވަޓައިޒިން އެންޑް އިވެންޓްގެ އެސިސްޓެންޓް މެނޭޖަރު އަހްމަދު ޝާރިފް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް ދިރާގުން ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

ރަމަޟާން ޑޭޓާ ޕެކް

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން ދިރާގުން ވަނީ ރަމަޟާން ޑޭޓާ ދެ ޕެކެއް ތައާރަފްކޮށްފަ އެވެ. އެއީ 2.5 ޖީބީ (200 ރުފިޔާ) އަދި 4 ޖީބީ (300 ރުފިޔާ)ގެ ޑޭޓާ ޕެކެވެ. ޝާރިފް ވިދާޅުވީ މިއަދު ތައާރަފްކުރެވުނު އެ ޑޭޓާ ޕެކޭޖްގެ އަގުތައް ހާއްސަ ކަމަށާއި އެ ޑޭޓާ ޕެކް ނެގުމަށް ހޭދަކުރާ ފައިސާގެ 10 ޕަސެންޓް މޯލްޑިވްސް ފިޒިކަލް ޑިސްއޭބަލް އަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"ރޯދަ މޫމަންޓްސް" އިންސްޓާގްރާމް ފޮޓޯ މުބާރާތް

އިންސްޓާގްރާމް މެދުވެރިކޮށް ދިރާގުން ތައާރަފްކުރި "ރޯދަ މޫމަންޓްސް" ފޮޓޯ މުބާރާތުން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވުމަށް ދިރާގުން ވަނީ ނިންމައިފަ އެވެ. އެ މުބާރާތުގައި ބައިވެރިވުމަށް roadhamoments# ޖަހާފައި އިންސްޓާގްރާމަށް އަޕްލޯޑް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ. އަދި ކޮންމެ ހަފްތާ އަކު ހޮވާ ނަސީބުވެރިއަކަށް ސަމްސަންގް A80އެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާރިފު ވިދާޅުވީ މިފަހަރުގެ ރަމަޟާން މަހުގައި ވެސް ޒަކާތް ދެއްކުމުގެ ކަންކަން ވެސް އެސްއެމްއެސްގެ ޒަރިއްޔާ އިން ކުރިއަށް ގެންދެވޭ ކަމަށެވެ.

އަދި ހަ ރޯދައިގެ ނިޔަލަށް ދިރާގުގެ ނެޓްވާކް މެދުވެރިކޮށް ސައުދީއަށް 1.89 ލާރިއަށް ގުޅޭނެއެވެ. އެ އަގުގައި ސައުދީއަށް ގުޅުމަށް 019 ޖެހުމަށް ފަހުގައި ގުޅުމުން އެ އަގުގައި ގުޅޭނެ އެވެ.

comment ކޮމެންޓް