ހޯދަން އިއުލާނު ކުރި ފްރާންސްގެ އަންހެން މީހާ ރާއްޖެއިން ފިލީ ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން

ދެ ހާސް ސަތާރަ ވަނަ އަހަރު މާލެ އަތޮޅުގައި ހިންގަމުން އަންނަ ހުވަފެންފުށި ރިސޯޓުގެ ޕޫލަކަށް ވެއްޓި ކުޑަ ކުއްޖަކު މަރުވި މައްސަލައިގައި ދައުވާ ކުރި ފްރާންސްގެ އަންހެން މީހާ މެނަން: އޭނާ ހޯދުމަށް މީގެ ކުރިން ފުލުހުން އިއުލާނު ކުރި -- ފޮޓޯ: ޕޮލިސް މީޑިއާ

ގެއްލިގެން ފުލުހުން ހޯދަން އެކި ފަހަރުމަތިން އިއުލާން ކުރި ފްރާންސްގެ އަންހެން މީހާ، ރާއްޖެ އައި ބޭރުގެ ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ފިލާފައިވާކަން ހާމަވެއްޖެ އެވެ.

ފްރާންސްގެ "ލަ ޕެރީސިއަން" ނޫހުގައި މިދިޔަ އާދިއްތަ ދުވަހު ޝާއިއު ކުރި ރިޕޯޓެއްގައި މާލެ އަތޮޅު ހުވަފެންފުށި ރިސޯޓުގެ ޕޫލަކަށް 2017 ގައި ކުޑަ ކުއްޖަކު ވެއްޓި މަރުވި ހާދިސާއާ ގުޅިގެން ދައުވާ ކުރި ފްރާންސްގެ މެނަން ނަމަކަށް ކިޔާ އަންހެނަކަށް ރާއްޖޭގައި ކުރަން ޖެހުނު ތަޖުރިބާ ވަނީ ގެނެސްދީފަ އެވެ.

މެނަން ވަނީ ކުޑަ ކުއްޖާ މަރުވި މައްސަލައަށް ފަހު އޭނާގެ ހަޔާތަށް އައި ބަދަލުތަކާއި ދިމާވި ނަފްސާނީ ދަތިތަކުގެ ތަފްސީލީ ވާހަކަތައް ލަ ޕެރީސިއަން ނޫހާ ހިއްސާކޮށްފަ އެވެ. އަދި އޭނާއަށް ރާއްޖެއިން ފިލައިގެން އެނބުރި ގައުމަށް ދެވުނު ގޮތުގެ ވާހަކަ ވެސް އޭނާ ހިއްސާކޮށްފައިވެ އެވެ.

ލަ ޕެރީސިއަންއާ ވާހަކަ ދައްކަމުން މެނަން ބުނެފައިވާ ގޮތުން އޭނާ ރާއްޖެއިން ފިލީ އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކަށް ފަހު ދެކުނުގެ ރަށެއްގައި ހުރެފައި ރާއްޖެއިން ބޭރަށް ފުރާ ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އެވެ.

އޭނާ އެކަން ކުރީ އޭނާގެ އާއިލާގެ އެހީތެރިކަމާ އެކު ކަމަށް އެ ރިޕޯޓުގައިވެ އެވެ. ހުކުރު ދުވަހެއްގައި ފުރި އެ ބޯޓު ދިވެހި ކަސްޓަމްސް އިން ބަލާ ފާސްކޮށްފައި ނުވާކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ. އެހެން ނަމަވެސް އެއީ ކޮން ތާރީހެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ހުވަފެންފުށި ރިސޯޓުގެ ޕޫލަކަށް ވެއްޓި މަރުވީ އިނގިރޭސީވިލާތުގެ ކުއްޖެއް

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރުގެ މުއްދަތު ހަމަވިއިރުވެސް ދައުލަތުން އެ އަމުރު އާކޮށްފައެއް ނުވެ އެވެ. އަދި އޭނާ ރާއްޖެއިން ފިލައިގެން ދިޔަކަން އެނގުނީ ވެސް ކްރިމިނަލް ކޯޓްގައި މައްސަލަ ތާވަލްކޮށް ޗިޓް ފޮނުވަން ވެގެން ބެލި ބެލުމުން އެވެ.

މެނަން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުކުމެގެން ބޯޓަށް ބައިނައަގުވާމީ ކަނޑުގެ ސަރަހައްދަށް ވަދެވުމާއެކު އޭނާއަށް ކުރެވުނީ ބުނެދޭން ވެސް ނޭނގޭ އުފާވެރި އިހުސާސްތަކެކެވެ.

އެނގިފައިވާ ގޮތުން، މެނަން ޝަރީއަތަށް ހާޒިރުނުކުރެވިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ވެސް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ.

ފަނޑިޔާރަކަށް ޖިންސީ ގޯނާގެ ތުހުމަތު!

"ލަ ފެރިސިއަން"އަށް ލެނިން ދިން އިންޓަވިއުގައި އޭނާ ވަނީ ރާއްޖޭގެ ކްރިމިނަލް ކޯޓްގައި އެނާގެ މައްސަލަ ބެއްލެވި ފަނޑިޔާރަކު އޭނާއަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމުގެ ތުހުމަތުވެސް ކޮށްފަ އެވެ.

ދެ ހާސް ސަތާރަ ވަނަ އަހަރު މާލެ އަތޮޅުގައި ހިންގަމުން އަންނަ ހުވަފެންފުށި ރިސޯޓުގެ ޕޫލަކަށް ވެއްޓި ކުޑަ ކުއްޖަކު މަރުވި މައްސަލައިގައި ދައުވާ ކުރި ފްރާންސްގެ އަންހެން މީހާ މެނަން -- ފޮޓޯ: ލަ ޕެރިސިއަން

އެކަން ހިނގި ގޮތް ކިޔައިދެމުން އޭނާ ބުނީ، ވަކީލުންނާ ބައްދަލުކޮށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، މައްސަލަ ބެއްލެވި ފަނޑިޔާރު، މެނަންގެ ފޯނު ނަމްބަރު ހޯދި ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެއީ ޝަރީއަތާ ބެހޭ ކަމެއްގައި ކަމަށް ފުރަތަމަ ހީކުރެވުނު ނަމަވެސް، އޭނާގެ ނިޔަތް ގޯސްކަން ފަހުން އެނގުނު ކަމަށް މެނަން ލަ ޕެރީސިއަންއަށް ކިޔައިދިނެވެ.

މެނަން ކިޔައިދިން ގޮތުގައި އެ ފަނޑިޔާރު އޭނާއާ އެކު ރެސްޓޯރަންޓަކަށް ދާން އަދި ހޮޓަލެއްގައި ބައްދަލު ކުރަން ޝައުގުވެރިކަން ފާޅުކޮށް މެސެޖް ކުރި އެވެ. އަދި އެ ފަނޑިޔާރުގެ ވާހަކަތަކުން ޖިންސީ ނިޔަތެއް އޮތްކަން ޔަގީންވެގެން ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.

"މައްސަލަ ގޯސް ވަނީ އެ ފަނޑިޔާރަކީ އަހަރެންނަށް 15 އަހަރުގެ ހުކުމެއް އަންނާނެތޯ ނުވަތަ ހުކުމުން ސަލާމަތްވާނެތޯ ނިންމާނެ މީހާއަށް ވާތީ. އަަހަރެންނަކަށް ނޫނެކޭ ނުބުނެވޭ، އޭނާ އެކަމުގެ ސަބަބުން ބަދަލު ހިފާފާނެ ކަމުގެ ބިރަށް. އަަހަރެން އާނއެކޭ ބުނެފި ނަމަ އަމިއްލަ ނަފްސަށް ބަލަން ނުކުރެވޭ ވަރު ވާނެ،" މެނަން ބުނެފައިވެ އެވެ.

ލަ ޕެރީސިއަންގެ ރިޕޯޓްގައި ހިމަނާފައިވާ ވަޓްސްއަޕް ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގއި "ޖަޖް އާރިފް"ގެ ނަމުގައި އަންހެން މީހާގެ ފޯންގައި ސޭވްކޮށްފައިވާ ނަމްބަރަކުން މެނަންއަށް ވަނީ މެސެޖްތަކެއް ކޮށްފަ އެވެ.

ލަ ޕެރީސިއަން ނޫހުގައި އާންމު ކުރި މެނަން އާއި "ޖަޖް އާރިފް"ދެއްކި ވާހަކަތަކުގެ ސްކްރީން ޝޮޓެއް--- ފޮޓޯ: ލަ ޕެރީސިއަން

މެނަންގެ ފޮޓޯ އާންމުކޮށް، އޭނާ ހޯދުމަށް ދިވެހި ފުލުހުންވެސް މީގެ ކުރިން ދެތިން ފަހަރަކު އިއުލާން ވެސް ކުރި އެވެ. އެކަމަކު އޭނާ ހޯދަނީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން އޭރު ބުނެފައެއް ނުވެ އެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން އިޒްމިއާ ޒާހިރު ވިދާޅުވީ އަންހެން މީހާ ރާއްޖެއިން ފިލައިގެން ދިޔަކަން އެނގިފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ބަލަން ޖެހޭ ބެލުންތައް ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް