ގަމު ކުދީންގެ ސްކޫލު ބަސް ދަތުރު ހިލޭ ކޮށް ދީފި

ލ. ލިންކު ރޯޑުގައި ބަހުގެ ޚިދުމަތް ތައާރަފްކުރުން --- ސަން ފޮޓޯ: އަހްމަދު މުޖުތަބާ

ހައްދުންމަތީ ގަމުގައި ހުންނަ ހަމަދު ބުން ހަލީފާ އައްޘާނީ ގެ ދަރިވަރުންގެ އަތުން ސްކޫލު ބަހަށް ނަގަމުން އައި ފީ ކަނޑާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން އެ ސްކޫލަށް ފޮނުވި ސާކިޔުލާގައި ބުނީ ލ. އަތޮޅުގެ ދަރިވަރުންގެ ތެރެއިން ބަހުގެ ހިދުމަތް ހޯދާ ދަރިވަރުންނަށް އެ ހިދުމަތް ހިލޭ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ބަހުގެ ހިދުމަތް ހޯދާ ދަރިވަރުންގެ އަތުން އެއްވެސް ފީ އެއް ނުނަގައި އެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

ލ. ގަމުން ސްކޫލު ބަހުގެ ހިދުމަތް 160 ދަރިވަރުން ހޯދައެވެ. އެ ދަރިވަރުންގެ ބަހުގެ ފީ އަށް ވާ ފައިސާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލުގެ އެކައުންޓަށް ޖަމާ ކޮށްދޭނެ ކަމަށާއި އެ ފައިސާ ބަހުގެ ހިދުމަތް ދޭ ކުންފުންޏަށް ހަވާލުކޮށްދިނުމަށް އެޑިއުކޭޝަނުގެ ސަކިޔުލާގައި ވެއެވެ.

ލ. އަތޮޅުައި ބަހުގެ ހިދުމަތް ދެނީ އެމްޕީއެލް އިންނެވެ. އެމްޕީއެލް އިން ވަނީ އައްޑޫގައި ސްކޫލު ކުދިންނަށް ދޭ ބަހުގެ ހިދުމަތްވެސް ހިލޭ ކޮށްދީފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ލ. އަތޮޅުގެ ސްކޫލު ދަރިވަރުން ބަހުގެ ހިދުމަތް ހޯދުމަށް އިއްޔެ އިން ފެށިގެން އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެ ކަމަށާއި އެ ހިދުމަތް ދަރިވަރުންނަށް ލިބޭނީ ހިލޭ ކަމަށެވެ.

comment ކޮމެންޓް