މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުގެ ވަފްދެއް ރާއްޖޭގައި

ރާއްޖެ އައިސްއުޅޭ ކޮމަންވެލްތުގެ ވަފްދު -- ފޮޓޯ// ކޮމަންވެލްތު

ހޮނިހިރު ދުވަހު ބާއްވާ އާންމު އިންތިހާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުގެ ވަފްދެއް ރާއްޖެ އަތުވެއްޖެ އެވެ.

ކޮމަންވެލްތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބު އޮބްޒާވުކުރުމަށް އެ ޖަމާއަތުން ހަރަކާތްތެރިވާން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާ ކަމަށެވެ. ދެހާސް ސޯޅަ ވަނަ އަހަރު ރާއްޖެ ކޮމަންވެލްތުން ވަކިވި ނަމަވެސް އެ ޖަމާއަތާ އަލުން ގުޅުމަށް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ އައިސްއުޅޭ ކޮމަންވެލްތު ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިން އެވެ. މިދިޔަ މަހުގެ 30 އިން ފެށިގެމް މި ވަފްދުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އިރު އިންތިހާބުގެ ކުރިން ރާއްޖޭގެ ރަށްރަށުގެ މާހައުލު އޮތްގޮތް ވެސް އޮބްޒާވް ކުރާނެ އެވެ. މީގެ އިތުރުން ވޯޓުލާދުވަހު އަދި ވޯޓުގެ ނަތީޖާ އިއުލާނު ކުރުުމަށް ފަހު މާހައުލު އޮންނަ ގޮތްވެސް އެ ވަފްދުން އޮބްޒާވް ކުރާނެ އެވެ.

ކޮމަންވެލްތުގެ ވަފުދުން ވަނީ އިލެކްޝަން ކޮމިޝަނާއި ސިޔާސީ ޕާޓީތައް، ފުލުހުން އަދި މިނިވަން މުވައްސަސާތަކާ ބައްދަލުކޮށްފަ އެވެ.

ރާއްޖެ އައިސް އުޅޭ ވަފުދުގައި ހިމެނެނީ އެފްރިކާ، އޭޝިއާ، ކެރެބިއަން، ޔޫރަޕް އަދި ޕެސިފިކް ރީޖަންގެ އިލެކްޓޯރަލް އަދި ލީގަލް ތަޖުރިބާކާރުންނެވެ. އެ ވަފްދުގައި ހިއުމަން ރައިޓްސް އަދި ސިވިލް ސޮސައިޓީ ދާއިރާގެ ތަޖުރިބާކާރުންވެސް ހިމެނެ އެވެ.

ކޮމަންވެލްތުގެ ވަފުދުން ބުނީ ހޮނިހިރު ދުވަހުގ ވޯޓަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ބިނާކުރުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް ރައްޔިތުން ބޭނުންވާ މެންބަރުން ރައްޔިތުންގެ އަޑު އިއްވުމަށް ލިބޭ ފުރުސަތެއް ކަމަށް އެެ ވަފްދުން ނެރުނު ބަޔާނުގައި ވެ އެވެ.

ކޮމަންވެލްތުގެ މެންބަރު ނޫން ގައުމުތަކުގެ އިންތިހާބުތައް އެ ޖަމްއިއްޔާ އިން އާންމުކޮށް އޮބްޒާވް ނުކުރާ ކަމަށާއި ނަމަވެސް ރާއްޖެ އަލުން އެ ޖަމްއިއްޔާ އާއި ގުޅުމަށް އެދިފައޮ އޮތުމާ އެކު ރާއްޖޭގެ އިންތިހާބު އޮބްޒާވު ކުރުމަށް ކޮމަންވެލްތުން ނިންމީ ކަމަށް އެ ބަޔާނުގައި ވެއެވެ. ރާއްޖޭގެ ހާލަތު މި ވަފްދުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރިޕޯޓު ކުރާނެ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް