މޮރާޓާގެ ދެ ގޯލުުން ސްޕެއިން މޮޅުވި އިރު އިޓަލީއަށް ފަސޭހަ މޮޅެއް

ރޭގެ މެޗުގައި ކުއަލިއަރެއްލާ ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ ކްރިސް މައިސަން

ލޯނުގެ އެއްބަސްވުމުގެ ދަށުން ސީޒަނުގެ ނިޔަލަށް ދާދި ފަހުން ޗެލްސީއިން އެތްލެޓިކޯ މެޑްރިޑްއަށް ބަދަލުވި އަލްވާރޯ މޮރާޓާގެ ދެ ގޯލުން ސްޕެއިން މޮޅުވި އިރު ލިޗެސްޓައިން ކޮޅަށް އިޓަލީއިން "ގޯލު ފުންޏެއް" ޖަހައިފި އެވެ.

އަންނަ އަހަރު ފެށޭ "ޔޫރޯ 2020" ގެ ކޮލިފިކޭޝަނުގެ މެޗުތައް ފެށިގެން ކުރިއަށްދާ އިރު ރޭ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ގޮސްފަ އެވެ. އެގޮތުން ސްޕެއިންއާއި މޮލްޓާ ވާދަ ކުރި މެޗު 0-2 އިނ ސްޕެއިން ކާމިޔާބު ކުރި އިރު ލިޗެސްޓައިން އަދި އިޓަލީ ބައްދަލު ކުރި މެޗު އިޓަލީއިން ކާމިޔާބު ކުރީ 0-6 ގެ ބޮޑު ނަތީޖާ އަކުންނެވެ.

މޮލްޓާ ކޮޅަށް ގޯލު ޖެހުމަށްފަހު އަލްވާރޯ މޮރާޓާ އުފާ ފާޅު ކުރަނީ --- ފޮޓޯ/ ރަޔާން ބެންސަން

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭގެ އާއިލީ ޒިންމާއަކާ އެކު ރޭގެ މެޗަށް ހާޒިރުވެފައި ނުވި ނަމަވެސް ސްޕެއިން އިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެންރީކޭ ނެތުމުން އެ ޓީމަށް ރޭގެ މެޗުގައި އިރުޝާދު ދީފައިވަނީ ޓީމުގެ އެސިސްޓެންޓް ކޯޗު ރޮބާޓް މޮރީނޯ އެވެ.

ރޭގެ އެ މެޗުގައި ސްޕެއިން އިން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ އަލްވާރޯ މޮރާޓާ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން 29 މެޗުން ކާމިޔާބު ކޮށްދިން 15 ވަނަ ގޯލެވެ.

އެ މެޗުން ލިބުނު މޮޅަކީ ރޭގެ މެޗަށް ހާޒިރު ނުވެވުނު ކޯޗު ލުއިސް އެންރީކޭއަށް ހަދިޔާ ކުރި މޮޅެއް ކަމަށާއި މެޗުން މޮޅުވެވުނީތީ ވަރަށް އުފާ ކުރާ ކަމަށް އަލްވާރޯ މޮރާޓާ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

މީގެ ކުރިން 2009 ވަނަ އަހަރު އެންމެ ފަހުން އިޓަލީގެ ސްކޮޑުގައި ހިމެނުނު އުމުރުން 36 އަހަރުގެ ކުއަލިއަރެއްލާ ވަނީ ރޭގެ މެޗުގައި އިޓަލީގެ ފުރަތަމަ 11 އިން ޖާގަ ދީފަ އެވެ. ފަހަކަށް އައިސް އިޓަލީގެ ސަމްޑޯޯރިއާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުއަލިއަރެއްލާ ވަނީ ރޭގެ މެޗުގައި އިޓަލީއަށް ދެ ގޯލު ޖަހައިދީފަ އެވެ. އޭނާ ދެ ލަނޑު ކާމިޔާބުކުރީ ލިބުނު ދެ ޕެނަލްޓީންނެވެ.

އިޓާލިއަން ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައި މިވަގުތު ހުރި ކުއަލިއަރެއްލާ ވަނީ މި ސީޒަނުގައި 21 ގޯލު ޖަހާފަ އެވެ. އެއީ ބޮޑު އަގެއްގައި މި ފަހަރު ޔުވެންޓަސް އިން ގެނައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެން ދެ ލަނޑު އިތުރު އަދަދެކެވެ.

ކުއަލިއަރެއްލާގެ އިތުރުން އިޓަލީއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދީފައި ވަނީ ސެޓްފާނޯ ސެންސީ އާއި މާކޯ ވެރާޓީ އާއި ޒުވާން ފޯވާޑް މޮއިސް ކީންގެ އިތުރުން ރޭ މުޅިން އަލަށް ޓީމަށް ކުޅުނު ލިއޮނާޑޯ ޕެވޮލެޓީ އެވެ.

މީގެ އިތުރުންވެސް ޔޫރޯ ކޮލިފައިންގައި ރޭ ވަނީ ފޯރިގަދަ އިތުރު މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން ސްވިޑަން އާއި ނޯވޭ ބައްދަލު ކުރި މެޗު 3-3 އިން އެއްވަރު ވެފައި ވާ އިރު ޑެންމާކާއި ސްވިޒަލެންޑް ބައްދަލު ކުރި މެޗު ވެސް ނިމިގެން ދިޔައީ 3-3 ގެ ނަތީޖާ އަކުންނެވެ. އަދި އޭގެ އިތުރުން އަޔަލެންޑާއި ޖޯޖިއާ ބައްދަލު ކުރި މެޗުން 0-1 އިން ކުރި ހޯދީ އަޔަލެންޑެވެ.

comment ކޮމެންޓް