ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުގެ މެންބަރު ކަމަށް ތިން ބޭފުޅަކު މިއަދު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އައްޔަނު ކުރައްވައިފިއެވެ.
އެބޭފުޅުންނަކީ ގދ ތިނަދޫ ގެލ،ަ އާމިނަތު އަބްދުﷲ ޒުހައިރާއި، ޅ. ހިންނަވަރު ހިޔާވަހި، ފާތިމަތު މަހީރާ މުހައްމަދުގެ އިތުރުން ގ. އޮށްޓަރު، މިފްރާޒް ނިޒާރެވެ.
މި ބޭފުޅުންގެ ތެރެއިން އާމިނަތު އަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވާސިޓީއިން މާސްޓަރސް އޮފް ލޯސް އެލްއެލްއެމް އެމްޕްލޯއިމެންޓް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިއަދާ ހަމައަށް ހުންނެވީ ނޭޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓެންޓްގެ މަގާމުގައެވެ.
ފާޠިމަތު މަހީރާ އަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ އިން ބެޗެލަރ އޮފް ލޯސް އެލްއެލްބީ ލޯ، ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވައި، ގާނޫނީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެވެ.
ޢަބްދުﷲ މިފްރާޒް ނިޒާރަކީ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީ އިން މާސްޓަރ އިން ބިޒްނެސް ލޯ ވިތް އެމްޕްލޯއިމެންޓް އެންޑް ހިއުމަން ރިސޯސަސް ހާސިލު ކުރައްވާފައިވާ ފަރާތެކެވެ.
މިފްރާޒް ނިޒާރު މީގެ ކުރިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމާއި، ސުޕްރީމް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމު އަދާ ކުރައްވާފައެވެ. އަދި އަމިއްލަ ގޮތުން ގާނޫނީ ވަކީލުކަންވެސް ކުރައްވާފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން މި ތިން ބޭފުޅުންނާ ހަވާލު ކުރެއްވީ މިއަދު އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރެއްވިއެވެ.
މި ތިންބޭފުޅުންގެ ތެރެއިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމަށް އައްޔަން ކުރައްވާފައިވަނީ އާމިނަތު ޢަބްދުﷲ ޒުހައިރެވެ.
މި ތިންބޭފުޅުންގެ އިތުރުން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުގައި މިހާރު ތިއްބެވީ އެ ޓްރައިބިއުނަލްގެ ރައީސް އަހުމަދު ޝިފާއު އާއި މެންބަރު މަރިޔަމް ޝަމްއާ އިބްރާހިމް އަދި މަރިޔަމް ރިޝްފާ އެވެ.