އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް ނިންމާލައިފި

ހޮޓެލް ޖެންގައި މިއަދު ބޭއްވުނު އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްުޔާސް

ފޫޓްބޯލް އެސޯއިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަހަރީ ކޮންގްރެސް މިއަދު ހޮޓެލް ޖެންގައި ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ މަތީ ހަރުފަތުގެ ބޮޑެތި ގިނަ ކުލަބުތަކާއި އެފްއޭއެމްގެ އިސްވެރިންނާ އެކު ބޭއްވުނު މި ކޮންގްރެސްގައި، އެފްއޭއެމް އަދި ކުލަބުތަކުގެ މެދުގައި ޖެހިފައިވާ ބައެއް މައްސަލަތަކުގެ ބަހުސް ކުރެވި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ކަންކަން ދެ ފަރާތުގެ މެދުގައި ހިއްސާ ކުރުމުގެ އިތުރުން މިވަގުތު އެންމެ ގިނަ ބަޔަކު ދައްކަމުންދާ "ނިއުރޭޑިއަންޓް މައްސަލަ" އަށް ވަނީ ގޮތެއް ނިންމާފަ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވުނު އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްުޔާސް

ދާދި ފަހުން ވިކްޓަރީ ސްޕޯޓްސް އިސްވެ އޮވެ އެފްއޭއެމްގެ ލީޑާޝީޕުގެ އިތުބާރު ނެތް ކަމަށް ބުނެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ހުށައެޅި ހުށައެޅުން ފީފާ އިން ވަނީ ބާތިލުކޮށްފަ އެވެ. އޭގެ ފަހުން އެފްއޭއެމް އިން ވަނީ ކުލަބުތަކާއި ދެމެދު އެއްވެސް މައްސަލައެއްނެތް ކަމަށާއި އެ އެސޯސިއޭޝަންއިން އަބަދުވެސް މަސައްކަތް ކުރަނީ ކުލަބުތަކާއި ފުޓުބޯޅައިގެ ލާބައަށް ކަމަށް ބުނެފަ އެވެ.

އެކި އެޖެންޑާތަކައް ބަހާލައިގެން މިއަދު ކުރިއަށް ގެންދިޔަ ކޮންގްރެސްގައި އެފްއޭއެމްގެ އެކި އެކި ގޮފިތަކަށް ބޭފުޅުން އައްޔަން ކުރުމަށް ކުލަބުތަކުގެ މެދުގައި ވޯޓަކަށް ވަނީ އަހައިފަ އެވެ. އެގޮތުން ހުސްވެފައިވާ އެފްއޭއެމްގެ އެގްޒެކެޓިވްގެ ތިން މެމްބަރުން ހޮވުމާއި އެ އެސޯސިއޭޝަނުގެ އިލެކްޓޯރަލް ކޮމިޓީ އަދި އިލެކްޓޯރަލް އެޕީލް ކޮމިޓީގެ އިތުރުން އޮޑިޓް ކޮމިޓީއަށް ހުށައަޅާފައިވާ ބޭފުޅުން ހޮވުމަށް ވަނީ ފެންނަ ނުފެންނަ ވޯޓަކަށް އަހައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ކުލަބުކަމަށްވާ ނިއުރޭޑިއަންޓްގެ ސަސްޕެންޝަނުގެ މައްސަލައިގައި މިއަދު އޮތް ކޮންގްރެސްގައި ވަނީ ކުލަބުތަކުގެ މެދުގައި ވޯޓެއް ނަގައިފަ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މަައްސަލައިގައި ވަގުތީ ގޮތުން ނިއުރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވީ ނަމަވެސް މިއަދު ބޭއްވުނު އެ ކޮންގްރެސްގައި ނިއުރޭޑިއަންޓް ސަސްޕެންޝަނުން ސަލާމަތް ކުރުމަށް ކުލަބުތަކައް ވަނީ ފުރުސަތު ދީފަ އެވެ.

ނަމަވެސް ދެ ކުލަބެއް ފިޔަވާ އެހެން ހުރިހާ ކުލަބުތަކުން ތާއީދު ކުރީ ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައި އޮތް އޮތުން ދެމެހެއްޓުމަށެވެ. ވީމާ ކުޅުންތެރިންނަށް ދޭންޖެހިފައިވާ މުސާރައާއި އުޖޫރަ ދައްކާ ޙަލާސް ނުކުރާހާ ހިނދަކު ނިއުރޭޑިއަންޓް އޮންނާނީ ސަސްޕެންޝަނުގައި ކަމަށް އެފްއޭއެމް އިން ވަނީ ކަނޑައަޅާފަ އެވެ.

މިއަދުގެ ކޮންގްރެސްގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ މިއަހަރުގެ ބަޖެޓާއި ބެހޭ ވާހަކަތަކެވެ. މި އަހަރުގެ ބަޖެޓް ކަނޑައަޅާފައިވަނީ އެކި އެކި ގޮތް ގޮތުން އެ އެސޯސިއޭޝަނަށް ލިބުނު ފައިސާ އާއި ލިބެން ހުރި ފައިސާގެ އެހީތެރިކަމަށް ބިނާ ކޮށްގެނެވެ. އެގޮތުން އެކި އެކި ފަރާތް ތަކުގެ އެހީއާ އެކު ގައިގަނޑަކަށް 90.43 މިލިއަން ރުފިޔާ އެފްއޭއެމްއަށް ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

comment ކޮމެންޓް