ކްރައިސްޓްޗާޗުގައި ދިން ހަމަލާ ތަހުގީގު ކުރަން ހާއްސަ ކޮމިޝަނެއް

ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން -- ފޮޓޯ: ގެޓީ

ކްރައިސްޓްޗާޗް (މާޗް 25): ނިއު ޒިލެންޑުގެ ދެ މިސްކިތަކަށް ދިން ހަމަލާ ތަހުގީގު ކުރަން ރޯޔަލް ކޮމިޝަނެއް އެކުލަވާލާނެ ކަމަށް ބޮޑުވަޒީރު ޖަސިންދާ އާޑާން ވިދާޅުވެއްޖެ އެވެ.

ރޯޔަލް ކޮމިޝަނެއް އެކުލަވާލަނީ އެގައުމުގައި އެންމެ މަތީ ފެންވަރުގައި ކުރިއަށްގެންދާ ތަހުގީގުތަކަށެވެ.

އާޑާން ވިދާޅުވި ގޮތުގައި، މާޗް 15 ވަނަ ދުވަހު ދިން ހަމަލާ ހުއްޓުވަން ފުލުހުންނާއި ޖާސޫސީ އިދާރާތަކަށް ފިޔަވަޅު އެޅެން އޮތްތޯ އެކޮމިޝަނުން ބަލާނެ އެވެ. އަދި ހަމަލާ ދިން މީހާ ގެންގުޅުނު ހަތިޔާރާއި ހަމަލާ ދިނުމުގައި ސޯޝަލް މީޑިއާގެ ދައުރެއް އޮތްތޯ އެކޮމިޝަނުން ބަލާނެ އެވެ.

"އެ ޓެރަރިޒަމުގެ އަމަލު ހިނގަން މެދުވެރިވި ގޮތް ހޯދުމަށާއި އެހަމަލާ ހުއްޓުވަން އަޅުގަނޑުމެންނަށް އެޅެން އޮތް ފިޔަވަޅުތައް ތަހުގީގު ކުރުމަށް އެއްވެސް ގަލެއް ނުފޮރުޅާ ނުބާއްވާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޑާން ވިދާޅުވި އެވެ.

ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި 50 މީހުން މަރުވި އެވެ. އެހަމަލާ ދޭން ބޭނުން ކުރި ބާވަތުގެ ހުރިހާ ބަޑިއެއް ނިއު ޒިލެންޑުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި އެކަމާ ބެހޭ ގާނޫނެއް އަންނަ މަހު ޕާލިމެންޓުން ފާސް ކުރާނެ ކަމަށް އާޑާން ވިދާޅުވި އެވެ.

އެހަމަލާއާ ގުޅިގެން އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ބްރެންޓަން ޓެރަންޓް ހައްޔަރުކޮށް، އޭނާގެ މައްޗަށް ވަނީ މަރުގެ ދައުވާކޮށްފަ އެވެ. އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގެ ފަހެއްގަ އެވެ.

comment ކޮމެންޓް