ފަހު މިނަޓުގައި ޝަލްޒް ޖެހި ގޯލާ އެކު ނެދަލެންޑް ބަލިކޮށް ޖަރުމަނުން ފެށުން ރަނގަޅު ކޮށްފި

ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ ނިކޯ ޝަލްޒް --- ފޮޓޯ/ ޖޭމީ ސްމިތް

ކުރިއަށް އޮތް ޔޫރޯގެ ކޮލިފިކޭޝަނުގައި ރޭ ޖަރުމަނާއި ނެދަލެންޑްސް ބައްދަލު ކުރި މެޗުގެ ފަހު މިނަޓުގައި ނިކޯ ޝަލްޒް ޖެހި ގޯލުން ޖަރުމަނު މޮޅުވެއްޖެ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެބާރު ކަމަށްވާ ނެދަލޭންޑާއި ޖަރުމަނުގެ ވަރުގަދަ ކުރިމަތިލުމުން ޖަރުމަނު ކުރި ހޯދީ 2-3ގެ ނަތީޖާ އަކުންނެވެ. ނެދަލެންޑްސްގެ ވެރި ރަށް އެމްސްޓަޑްމްގައި ކުޅުނު އެ މެޗުން ޖަރުމަނު މޮޅުވި ނަމަވެސް އެ ގުރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ އަޔަރލޭންޑެވެ. މި ގުރޫޕުގައި ބާކީ ދެން އޮންނާނީ އެސްޓޯނިއާ އަދި ބެލަރުސް އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެންޗެސްޓާ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެރޮއީ ސާނޭ މެޗުގެ ކުރީ ކޮޅު ޖަހައިދިން އެ ގޯލާ އެކު ޖަރުމަނަށް ލީޑު ފުޅާ ކޮށްދިނީ ބަޔާން މުނިކްގެ ޒުވާން ފޯވާޑް ސާޖް ގްނަބްރީ އެވެ.

ނެދަލޭންޑްސް އިން ދެވަނަ ހާފު ފެށީ ފުރަތަމަ ހާފުގައި ހެދުނު ގޯސްތަކުން އިބުރަތް ހޯދާ އެކަމަށް ފަރުވާ ބަހައްޓައިގެންނެވެ. އެގޮތުން ޑިފެންސް ކުރަން ފަހަތުގައި ތިބުމުގެ ބަދަލުގައި ނެދަލެންޑުން ވަނީ ޓީމު ކުރިއަށް ޖައްސާ ޖަރުމަނުގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވައިފަ އެވެ.

އެގޮތުގައި މާ ގިނައުރުތަކެއް ނުވެ ނެދަލޭންޑްސްއިން ވަނީ މަތިމަތައްޗަށް ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ބާސެލޯނާގެ އިތުރުން ޔޫރަޕުގެ ބޮޑެތި އެހެން ކުލަބުތައް ވެސް ކަޅި އަޅަމުން އަންނަ ޒުވާން ޑިފެންޑަރު މަތައިސް ޑިލީޓް ނެދަލޭންޑްސްއަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިން އިރު އެއްވަރުކޮށްދިން ލަނޑު ޖެހީ ލިޔޯނަށް ކުޅެމުން އަންނަ މެމްފިސް ޑިޕާއި އެވެ.

ވާދަވެރި ކުޅުމުކަށް ފަހު އެއްވަރެއްގައި ނިންމާލުމަށް ދެ ޓީމުން ވެސް ޑިފެންސް ވަރުގަދަކޮށް ކުޅެމުންދިޔަ ނަމަވެސް މެޗުގެ ފަހު މިނަޓުގައި ޖަރުމަނުގެ ނިކޯ ޝަލްޒް ވަނީ ގޯލެއް ޖަހައި ޖަރުމަނަށް އެ މެޗުން ފުރިހަމަ ކާމިޔާބީއެއް ހޯދައިދީފަ އެވެ.

މީގެ އިތުރުން ވެސް ޔޫރޯ ކޮލިފައިންގައި ވަރުގަދަ މެޗުތަކެއް ރޭ ކުޅެވިގެން ގޮސްފައިވެ އެވެ. އެގޮތުން ހަންގޭރިއާއާއި ވޭތުވެ ދިޔަ އަހަރު ކުޅެވުނު ވޯލްޑް ކަޕުގެ ރަނަރަޕް ކްރޮއޭޝިއާ ބައްދަލު ކުރި މެޗު 1-2 އިން ކާމިޔާބު ކުރީ ހަންގޭރިއާ އެވެ. އަދި ސައިޕްރަސްގެ ދަނޑުގައި ބެލްޖިއަމްއާ ވާދަކުރި މެޗުން ބެލްޖިއަމް މޮޅުވީ 0-2 އިންނެވެ.

comment ކޮމެންޓް