ހެރިޓޭޖު މިނިސްޓްރީގެ ޕީއެސް އަކަށް ޝަމްއޫން ހަމީދު

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޕާމަނަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީގެ މަގާމަށް ޝަމްއޫނު ހަމީދު އައްޔަނު ކުރެއްވުން -- ފޮޓޯ: ސިވިލް ސާވިސް

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޕާމަނަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީގެ މަގާމަށް ޝަމްއޫނު ހަމީދު އައްޔަނު ކުރައްވައިފި އެވެ.

ޝަމްއޫނު އެ މަގާމަށް އައްޔަނު ކުރައްވައި، މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިވިލްސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އާއި މިނިސްޓްރީގެ އިސްވެރިން އަދި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން ބައިވެރިވި އެވެ.

ޝަމްއޫން އަކީ 1986 ވަނަ އަހަރުން ފެށިގެން ސަރުކާރާއި ދަޢުލަތުގެ އެކި މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޝަމްއޫނު މާސްޓާ އޮފް މިއުޒިކް (ކޮމްޕޮޒިޝަން) ހާސިލްކުރައްވާފައި ވަނީ ސިޑްނީ ކޮންޒަވެޓޯރިއަމް އޮފް މިއުޒިކް، ޔުނިވަރސިޓީ އޮފް ސިޑްނީ އިންނެވެ. އަދި ބެޗެލާ އޮފް މިއުޒިކް ހާސިލް ކުރައްވާފައި ވަނީ ކުއީންސްލޭންޑްގެ ކޮންޒަވެޓޯރިއަމް އޮފް މިއުޒިކް، ގްރިފިތް ޔުނިވަރސިޓީ އިންނެވެ.

ހިންގުމުގެ ދާއިރާއިން ޝަމްޢޫން ފުރުއްވާފައިވާ އިސް މަގާމްތަކުގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާއި، ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި، ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ޑިރެކްޓަރު ކަމުގެ މަގާމުގެ އިތުރުން ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރު ކަމުގެ މަގާމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިއުޒިކް ސުޕަވައިޒަރު ކަމުގެ މަގާމު ހިމެނެ އެވެ.

ޝަމްއޫން ވަނީ 1992 ވަނަ އަހަރު ސަރުކާރުން ދެއްވާ ޢާއްމު ޚިދުމަތުގެ ޤައުމީ އިނާމާއި އައްޑަނަ ވެސް މިއުޒިކްގެ ރޮނގުން ހާސިލް ކުރައްވައިފަ އެވެ.

comment ކޮމެންޓް