ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ކުރިއަށް އޮތް ފިލްމު "ނަފްރަތުވުމުން" އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ނިންމައިފި އެވެ.
ފިލްމުގެ ޓީމުން ސަންއަށް މައުލޫމާތު ދެމުން ބުނީ މިއަދުން ފެށިގެން ފިލްމަށް ނަން ނޯޓްކުރެވޭނެ ކަމަށާއި ޓިކެޓް ވިއްކަން ފަށާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.
ދަރަވަންދޫގައި މަންޒަރުތައް ނަގާފައިވާ"ނަފްރަތުވުމުން"ގެ ލީޑު ރޯލުން ފެންނާނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ. އަދި "ނަފްރަތުވުމުން"ގެ މުހިއްމު ރޯލަކުން އަހުމަދު އީސަ(އާނަންދު) ވެސް ފެނިގެންދާނެ އެވެ.
އެ ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ އެ ފިލްމު ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ކަމަށް ޔޫއްޕެ 'ސަން' އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ރާއްޖޭގެ މުޖުތަމައު ތެރޭގައި ބޮޑުވެފައިވާ މައްސަލައަކަށް އެ ފިލްމު ވަނީ އަލިއަޅުވާލައިފަ އެވެ.