މެންޓަލް ހެލްތުކެއާ ކޯޑިނޭޓަރުން އަތޮޅުތަކުގައި ބައިތިއްބަނީ

މެންޓަލް ހެލްތްކެއާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ހުރިހާ އަތޮޅުތަކެއްގައި ވެސް މެންޓަލް ހެލްތުކެއާ ކޮންސަލްޓެންޓުން ބައިތިއްބަން ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ މަގްސަދުގައި "ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާރޓްމަންޓް" ހުޅުވުމަށް މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މެންޓަލް ހެލްތުކެއާ ކޯޑިނޭޓަރުން ބައިތިއްބަން ސަރުކާރުން ނިންމާފައިވާ ކަމަށާއި މިއަދު ހުޅުވުނު މަރުކަޒުގެ ސަބަބުން އެފަދަ ފަރާތްތަކުން ތަހައްމަލު ކުރަމުންދާ ކަންތައްތަކަށް ކުޑަވެސް ލުއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ނަފްސާނީ ބަލިތަކަށް ޑަކްޓަރަށް ދައްކަން ނަންނޯޓުކުރާ މީހުންގެ ވެއިޓް ލިސްޓް ވަރަށް ދިގު ކަމަށާއި އެ ބައްޔަށް ބޭނުންވާ ބޭސް ރާއްޖެއިން ފަސޭހައިން ލިބޭނެ ގޮތް ނެތް ރައީސް ވިދާޅުވިއެވެ.

"ނަފްސާނީ ބަލިޖެހުމަކީ މީހާ ދެރަވުމެއް ނޫން. މީހާއަށް އުނިކަމެއް ވެސް އައުމެއް ނޫން. އެ ބަލިޖެހިފައިވާ މީހުން ވެސް އެކަށީގެންވާ ފަރުވާ ހޯދުމުން ލުއި ލިބިގެންދާނެ. މިއަދު މި ހުޅުވި މެންޓަލް ހެލްތް ސެންޓަރަކީ ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ މަރުކަޒަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،"

މެންޓަލް ހެލްތްކެއާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ މީހަކަށް ވެސް ނަފްސާނީ ބަލީގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިއަދު ހުޅުވުނު އެ ސެންޓަރު ކުރިއަށް އޮތްތަނުގައި އިތުރަށް ތަރައްގީކޮށް ފުޅާކުރާނެ ކަމަށާއި އެކަމަށްޓަކައި ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނާއި ފަންނީ މީހުން ތަމްރީނުކުރަން ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ސިއްހީ ހިދުމަތްދޭ ތަނެއް ގާއިމްކޮށްގެން އެކަނި ނަފްސާނީ ބަލިތަކަށް ޝިފާއެއް ނުލިބޭނެ. އެފަދަ މީހުންނަށް އާއިލާގެ ލޯތްބާއި އޯގާތެރިކަން ބޭނުންވާނެ،" ރައީސް ވިދާޅުވިއެވެ.

މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުން އަދި އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ.

އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތަފާތު އެކި ޚިދުމަތްތައް ހިމެނެއެވެ. އަދި ކައުންސިލިންގެ ޚިދުމަތްވެސް އެ މަރުކަޒުން ދިނުމަށް ނިންމާފައިވާކަމަށެވެ.

comment ކޮމެންޓް