ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ މަގްސަދުގައި "ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާރޓްމަންޓް" އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފިއެވެ.
އައިޖީއެމްއެޗްގައި އެ މަރުކަޒު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަރުކަޒު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
ނަފްސާނީ ބަލިތަކަށް ހާއްސަކޮށް މަރުކަޒެއް ހުޅުވުމަކީ އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދުފުޅެކެވެ.
ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެކެވެ.
އެ ސެންޓަރުގެ ތަސައްވުރަކީ ސެންޓަރުން ލިބެން ހުންނަ ހުރިހާ ނަފްސާނީ ސިއްހަތުގެ ފަރުވާތަކަކީ ފެންވަރު ރަނގަޅު އަދި މުޖުތަމައުއަށް ލިބުގެންދާނެ ހިދުމަތަކަށް ހެދުމެވެ. އަދި ނަފްސާނީ ބަލި މީހުންނަށް ތަފާތު ކުރުން ނޯންނަ މާހައުލެއްގައި ދެވޭ ފަރުވާ އަކީ ދުނިޔޭގެ ފެންވަރުގެ ފަރުވާއަކަށްވުން ކަމަށެވެ.
އައިޖީއެމްއެޗްއިން ބުނީ މިއަދު ހުޅުވިގެންދިޔަ ނަފްނާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒު މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ދިވެހިން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. އަދި ކައުންސިލިންގެ ޚިދުމަތްވެސް އެ މަރުކަޒުން ދިނުމަށް ނިންމާފައިވާކަމަށެވެ.
މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ސާލިހު އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ބައިވެރިވެރިވެވަޑައިގެންފައެވެ.