މުލާ ގެ ރިޕޯޓްގައި އޭނާގެ މައްޗަށް އެއްވެސް ކަމެއް ސާބިތުވެފައެއް ނެތް : ޓްރަމްޕް

ޓްރަމްޕް --

ވޮޝިންޓަން (މާޗް 25) : 2016 ވަނައަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހްގީގް ރިޕޯޓް ގައި އޭނާގެ މައްޗަށް ނުބައި އެއްވެސް ތުހުމަތެއް ކޮށްފައިނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއާ ގުޅިގެން އޭނާ ކަމެއް ކުރެއްވިކަމުގެ ތުހުމަތު އެމައްސަލަ ތަހްގީގް ކުރުމަށްފަހު ރޮބަޓް މުލާ އެކުލަވާލެއްވި ރިޕޯޓްގައި ނުހިމެނޭކަމަށާ އެކަމާމެދު އުފާކުރައްވާކަމުގައެވެ. އަދި އެމެރިކާ އަބަދުވެސް އޮންނާނީ ބަދަހިކަމާއެކު އެންމެ ބާރުގަދަ ދައުލަތުގެ ގޮތުގައި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މުލާ ގެ ތަހުގީގްތަކާ ގުޅިގެން ޓްރަމްޕްގެ ވެރިކަމަށް ލޮޅުންތަކެއް އަރައިގެން ދިޔުމުގެ އިތުރުން ޓްރަމްޕްގެ މައްޗަށް އެކިބާވަތުގެ ތުހުމަތުތައް ކުރެވިގެންދިޔައެވެ. މިތުހުމަތުތަކާއެކު ޓްރަމްޕާއި އޭނާގެ އާއިލާއާއި އޭނާގެ ފައުންޑޭޝަންގެ މާލީ މުއާމަލާތްތައް ތަހުގީގުކޮށް ޓްރަމްޕްގެ ބައެއް ގާތް ފަރާތްތައް ޖަލަށްލާންޖެހޭ ވަރުގެ ކަންކަން ފެންމަތިވުމުން އެކަންކަމާގުޅޭ ބައެއް ހުކުމްތައްވެސް ވަނީ އިއްވާފައެވެ.

މިމައްސަލައިގެ ތަހްގީގްތައް ނިންމައި ރިޕޯޓް ތައްޔާރު ކުރުމަށް 22 މަސް ހޭދަވެފައިވާއިރު އެމުއްދަތުގައި މުލާ ވަނީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި، ރިޔާސީ އިންތިޚާބުގެ ކޭންޕޭން ހަރަކާތްތަކަށް ފައިސާ ހޯދުމަށް ޓްރަމްޕް ކުރެއްވި ކަންކަމުގެ ތަފްސީލްވެސްވަނީ ހޯދާފައެވެ. އަދި ކަމާގުޅުންހުރި އެތަށް ބައެއްގެ ބަޔާންތައްވެސް މުލަރ ނެންގެވިއެވެ.

މުލާ ހޯއްދެވި މައުލޫމާތުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދަކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓު ހިލަރީ ކްލިންޓަންގެ ކެމްޕޭނަށް ގެއްލުން ދިނުމަށް، ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކުން ކުރި މަސައްކަތްތަކުގެ ތަފްސީލް ތަކާއި ހިލަރީ ބޭޒާރުކުރުމަށްޓަކައި އޭނާގެ އީމެއިލްތައް ހެކްކޮށް ހިލަރީ އާ ދެކޮޅަށް އެންޓި ކޭންޕޭން ކުރުމަށް ރަޝިޔާގެ އެޖެންޓުންގެ އެހީތެރިކަން ޓްރަމްޕްގެ ބައިވެރިން ހޯދި ގޮތުގެ މައުލޫމާތާއި އެކަމުގައި ޓްރަމްޕްގެ ކޭންޕޭން ޓީމާއި ރިޕަބްލިކަން ޕާޓީ ޝާމިލްވާ މިންވަރު ދެނެގަތުމުގެ މައުލޫމާތާއި ވެސް ހިމެނެއެވެ. މިއީ ސިއްރު ރިޕޯޓެކެވެ.

މި ރިޕޯޓް މިހާރުމިވަނީ އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާއަށް ރިޕޯޓް ހުށަހަޅާފައެވެ. ރިޕޯޓާ ގުޅޭ ކަންކަމުގައި ދެން ހަރަކާތްތެރިވާނީ ވިލިޔަމް ބާ އާއި ކޮންގްރެސްއެވެ. އެދެފަރާތުން ބަލަންޖެހޭކަންކަން ބެލުމަށްފަހު ކޯޓަށް ހުށަހަޅަންޖެހޭ ކަންކަން ހުރިނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް އެމައްސަލަތައް ދެން ކުރިޔަށްގެންދާނީ އެމެރިކާގެ ފެޑްރަލް ކޯޓުންނެވެ. މި ރިޕޯޓް ސިއްރު ކުރެވިފައިވާއިރު އޭގެ މައުލޫމާތު ޓްރަމްޕް ހޯއްދެވި ގޮތެއް އަދި ސާފުވެފައެއް ނުވެއެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ނެންސީ ޕެލޯސީ ވަނީ ރިޕޯޓް ސިއްރު ކުރުމުގެ ބަދަލުގައި އާންމު ކުރުމަށް ގޮވާލައްވާފައެވެ. ނަމަވެސް އެރިޕޯޓް އެމެރިކާގެ އާންމު ކުރުމުގެ ކުރިން ޓްރަމްޕާއި އޭނާގެ މުވައްޒަފުންނާއި ގާނޫނީ ވަކީލުންނަށް އެރިޕޯޓްގައިވާ އެއްޗެއް އެނގިގެން ނުވާނެކަމަށްވެސް ޕެލޯސީ ވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު